ޚަބަރު

ރައީސް މުޢިއްޒާއި ޕާކިސްތާނުގެ ނައިބު ބޮޑުވަޒީރާ މަޝްވަރާތަކެއް ކުރައްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ނައިބު ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިސްޙާޤް ދާރް އެމަނިކުފާނުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މިއަދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީ އާއި ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފްގެ ފަރާތްޕުޅުން ރައީސް މުޢިއްޒަށް ވަނީ ހޫނު މަރުޙަބާއަކާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. މީގެ އިތުރުން، ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން ފާހަގަކުރައްވައި، ފަތުރުވެރިކަމާއި، ތަޢުލީމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ގުޅިގެން މަސައްކަތްކުރުމަށް ދެބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

މި ދަތުރުފުޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޕާކިސްތާން-މޯލްޑިވްސް ބިޒްނަސް ފޯރަމް"ގައި ދިވެހި ވިޔަފާރިވެރިން ބައިވެރިވާތީ އެކަމަށް މަރުޙަބާ ވިދާޅުވަމުން، އިސްޙާޤް ދާރް ވަނީ ބީޓޫބީ ބައްދަލުވުންތަކުގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރިތަކުގެ މެދުގައި އައު ފުރުޞަތުތަކެއް ފަހިވެގެންދާނެކަމުގެ އުންމީދު އާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ، ޕާކިސްތާނު ސަރުކާރުން އެމަނިކުފާނަށާއި ދިވެހި ވަފުދަށް އަދާކުރެއްވި ފުރިހަމަ މެހެމާންދާރީއަށް ޝުކުރު ދަންނަވައި، ދެ ފަރާތަށް މަންފާހުރި އައު ރޮނގުތަކުން ގުޅުން ބަދަހިކުރުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ޚާއްޞަ ދަޢުވަތަކަށް ރައީސްގެ ދެކަނބަލުންނާއި ދިވެހި ސަރުކާރުގެ އިސް ވަފުދެއް މި މަހުގެ 20އިން 22އަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެކެވެ. ދެ ޤައުމުގެ ދެމެދުގައި ރަސްމީކޮށް ޚާރިޖީ ގުޅުން ފެށިފައި ވަނީ 1966ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހުއެވެ. ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، މި ދަތުރުފުޅުގެ ތެރެއިން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ތާވަލުކުރެވިފައެވެ.

Ads by Ooredoo