ޚަބަރު

ހުޅުޖަހަން ސޯޝަލް މީޑިއާގައި ގޮވާލި ޖުމާންގެ ބަންދަށް 12 ދުވަސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އިމާރާތްތަކާއި އުޅަނދުތަކުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ހައްޔަރުކުރި ހއ. ބާރަށް/ކުއްޅަވައްގެ/ އަލީ ޖުމާން (ޑެތު)ގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިއެވެ.

އުމުރުން 25އަހަރުގެ ޖުމާން އެފަދައިން ގޮވާލި ރަސްމާލެ 99އަހަރަށް ކުއްޔަށް ދިނުމާ ދެކޮޅު ހެދުމުގެ ގޮތުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. އެގޮތުން އޭނާ ވަނީ ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލައިފައެވެ.

އިއްޔެ އެ މައްސަލައިގައި ހައްޔަރުކުރި އިރު ޖުމާންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ އޭނާގެ ބަންދަށް 12ދުވަސް ޖަހައިދީފައެވެ.

ރާއްޖޭގެ ތިން ބާރުގެ އިމާރާތްތަކުގައި ހުޅުޖަހަން ހިތްވަރުދިންކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންވެސް މިދިޔަ އަންގާރަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ.

Ads by Ooredoo