އިސްލާމިކް ފައިނޭންސް ދާއިރާއިން ޝަރަފުވެރި ދެ އެވޯޑެއް އެލައިޑަށް
އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ޝަރަފުވެރި ދެ އެވޯޑެއް އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްއަށް ލިބިއްޖެއެވެ.
ސައުތު އޭޝިއާ ސަރަޙައްދުގެ އިސްލާމިކް ބޭންކިންގ އަދި ފައިނޭންސް ދާއިރާގެ ގިނަ ފަރާތްތަކަކުން ބައިވެރިވި މި ހަފްލާގައި، އެލައިޑުގެ އިސްލާމިކް ވިންޑޯ ކަމަށްވާ 'އެލައިޑް ތަކަފުލް' އަށް ލިބިފައި ވަނީ މި ސަރަހައްދުގެ "އިސްލާމިކް ފައިނޭންސް އެންޓިޓީ އޮފް ދަ އިޔަރ"ގެ ޝަރަފުވެރި އެވޯޑެވެ. މީގެ އިތުރުން، އެ ކުންފުނިން ތަޢާރަފުކޮށްފައިވާ ޕްރޮޑަކްޓް 'ކަނބަނާ ތަކަފުލް'އަށް ވަނީ "އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓް އޮފް ދަ އިޔަރ"ގެ އެވޯޑު ހާސިލުކޮށްފައެވެ.
ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ޝަންގްރިއްލާ ހޮޓަލުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި މި ހަފްލާއަކީ ޔޫޓީއޯ އެޑިއުކޮންސަލްޓްގެ ފަރާތުން "ބިލްޑިންގ ލެގަސީސް" ނުވަތަ ތަރިކަ ބިނާކުރުމުގެ ޝިއާރުގެ ދަށުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހާއްސަ ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތުގައި ސަރަޙައްދުގެ އެކި ކަންކޮޅުތަކުން މާލީ އިދާރާތަކާއި، ދާއިރާގެ ތަޖުރިބާކާރުންނާއި، އަދި އިސްލާމިކް ފައިނޭންސްގެ މުހިންމު ހިއްސާދާރުން ބައިވެރިވެފައިވެއެވެ.
އެލައިޑަށް ލިބުނު މި ކާމިޔާބީއަކީ، 2025ވަނަ އަހަރުގެ ތެރޭގައި އެލައިޑުގެ ތަކަފުލް ވިޔަފާރި ފުޅާކޮށް ކުރިއެރުވުމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ނިންމި މުހިންމު ނިންމުންތަކާއި، ކޮށްފައިވާ ބުރަ މަސައްކަތްތަކުގެ ނަތީޖާއެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އާންމު ލައިފް އިންޝުއަރެންސް ޕްރޮޑަކްޓްތައް ވިއްކުން އެއްކޮށް ހުއްޓާލުމަށް ފަހު، އޭގެ ބަދަލުގައި ލައިފް ޕްރޮޓެކްޝަން ސޮލިއުޝަނެއްގެ ގޮތުގައި 'ފެމިލީ ތަކަފުލް' ހަމަޖައްސައި ކުރިއެރުވުމަށް އެ ކުންފުނިން ނިންމި ސްޓްރެޓީޖިކް ނިންމުމެވެ.
މީގެ އިތުރުން ވެސް، ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ތަކަފުލްއަށް ދޭ އަހައްމިއްޔަތުކަން އެލައިޑުން ވަނީ އިތުރުކޮށްފައެވެ. އެގޮތުން، އަލަށް ގުޅޭ ކަސްޓަމަރުންނަށް އެލައިޑް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފެންނަން ހުންނާނީ ހަމައެކަނި ތަކަފުލްގެ ޚިދުމަތްތައް ކަމުގައި ކަނޑައަޅައި، އާންމު އިންޝުއަރެންސްގެ ބައި ވަނީ އެޕްލިކޭޝަނުން މުޅިން އުނިކޮށްފައެވެ.
މި މުހިންމު ބަދަލުތަކާ އެކު، ރާއްޖޭގެ ބޮޑެތި ރަށްތަކާއި ސިޓީތަކުގައި ތަކަފުލްއާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށާއި، މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް އެލައިޑުން ވަނީ ފުޅާ ދާއިރާއެއްގައި މާކެޓިންގ އަދި އެޑިއުކޭޝަން ކެމްޕޭންތަކެއް ހިންގާފައެވެ. މި ހަރަކާތްތަކުގެ ސަބަބުން 2024ވަނަ އަހަރާ އަޅާބަލާއިރު 2025ވަނަ އަހަރު އެލައިޑް ތަކަފުލްއަށް ލިބުނު އާމްދަނީ ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެގެން ގޮސްފައެވެ.
އިފްސާ އެވޯޑްސް 2026ގައި އެލައިޑް ތަކަފުލް އަދި ކަނބަނާ ތަކަފުލްއަށް ލިބުނު މި ކާމިޔާބީތަކަކީ، ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށާއި، ތަކަފުލްގެ ޚިދުމަތްތައް ފުޅާކުރުމަށް، އަދި އާންމުންގެ މެދުގައި މިކަމަށް އޮންނަ ހޭލުންތެރިކަން އިތުރުކުރުމަށް އެލައިޑުން ކުރަމުންގެންދާ މެދުނުކެނޑޭ މަސައްކަތުގެ އަލިގަދަ ހެއްކެކެވެ.
