އެންމެންގެ ލޯބި ލިބިފައިވާ ޖަސިންދާ ދެވަނަ ދައުރަށް ވެސް ހޮވިއްޖެ
އެންމެންގެ ލޯބި ލިބިފައިވާ ޖަސިންދާ އަރްދާން ދެވަނަ ދައުރަށް ނިއުޒިލެންޑްގެ ބޮޑު ވަޒީރު ކަމަށް ހޮވިއްޖެއެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ޖަސިންދާގެ ކެމްޕޭނު ޓީމަށާއި އޭނާއަށް މިއިންތިހާބުން ކުރި ލިބިފައި މިވަނީ ނިއުޒިލެންޑް ގައި ވެސް ކޮވިޑް-19 ފެތުރުމުން މިބަލި ކޮންޓްރޯލު ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ހޫނު ތަރުހީބަކުންނެވެ.
އެޤައުމުގައި މިއަދު ބޭއްވި އާއްމު އިންތިހާބުން ޖަސިންދާ އަށް ބޮޑުތަނުން ކުރި ލިބުމުން އިދިކޮޅުން ވަނީ އެފަރާތުގެ ނަން އިންތިހާބުން ނަންގަވާފައެވެ.
އިދިކޮޅުން ނަން އަނބުރާ ގެންދެވުމުގެ ކުރިން ނަތީޖާތަަކަށް ބަލާއިރު، ޖަސިންދާ އަށް އެއިރުވެސް ވަނީ 50% އާއި ގާތްކުރާ އަދަދަށް ވޯޓު ލިބިވަޑައިގެންފައެވެ. އަދި އިދިކޮޅަށް ލިބިފައިވަނީ 30% އަށްވުރެ ދަށުންނެވެ.
އުމުރުން 40 އަހަރުގެ ޖަސިންދާ، އިންތިހާބު ކާމިޔާބު ކުރެއްވުމުން ގިނަ ބަޔަކު ވަނީ އެކަމަނާއަށް މަރުހަބާ ދަންނަވާފައެެވެ. އަދި އެކަމަނާއަަށް ވޯޓު ދެއްވި އެންމެންނަށް އެކަމަނާ ވެސް ޝުކުރު އަދާކޮށް، އެމީހުން ދިން ވޯޓަކީ ބޭކާރު އެއްޗަކަށް ނުހައްދަވާނެ ކަމަށް ވައުދުވެ ވަޑައިގަތެވެ.
ޖަސިންދާ އަރްދާން ނިއުޒީލެންޑުގެ ބޮޑު ވަޒީރު ކަމާއި އެންމެ ފުރަތަމަ ހަވާލުވެ ވަޑައިގެންނެވީ 2017 ވަނަ އަހަރުގައެވެ. އެޤައުމުގައި ބޮޑުވަޒީރު ކަމުގެ ދައުރު ހަމަ ވަނީ ކޮންމެ ތިން އަހަރަކުންނެވެ.
ފާއިތުވީ ތިން އަހަރުގައިވެސް ޖަސިންދާ ފާހަގަ ވެފައިވަނީ ހިންގުންތެރި، އިންސާފުވެރި އަދި ރައްޔިތުންނަށް އޯގާތެރި ލީޑަރެއްގެ ގޮތުގައެވެ. މިފަހަރުގެ ކެމްޕޭނުގައި ވެސް އެކަމަނާ ވަނީ އެކަމަނާގެ ކެމްޕޭނު ޓީމަށް އަމިއްލަފުޅަށް ވަޑައިގެން ކާއެއްޗެހި ވެސް ގެންގޮސްދީފައެވެ.