ދުނިޔެ

ޖަސިންދާ: ނިއުޒީލެންޑްގެ ގިނަ މުސްލިމުންގެ ލޯބި ލިބިފައިވާ ނަމޫނާ ކަނބަލެއް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ގިނަ ދިވެހީންނަށް ނިއުޒިލޭންޑްގެ ބޮޑު ވަޒީރު ދަނެ ފަރިތަވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ނިއުޒިލޭންޑްގެ ކްރައިސްޓް ޗާޗުގެ މިސްކިތެއް ކަމަށްވާ އަލް ނޫރު މިސްކިތަށް ދިން ނިރުބަވެރި ހަމަލާއެކު ޝަހީދުވި 51 މުސްލިމުންގެ ޙައްޤުގައި ވީ ޤުރުބާނީއާއެކުއެވެ.

Ads by Sosun Fihaara

އިއްޔެ ނިއުޒިލޭންޑްގެ އާއްމު އިންތިޚާބުން، އެޤައުމުގެ ބޮޑު ވަޒީރު ކަމަށް ދެވަނަ ފަހަރަށް ހޮވި ވަޑައިގެންފައިވާ ޖަސިންދާއަކީ ގިނަ ބައެއްގެ ހިތްތަކާ ކުޅެލާފައިވާ ޝަޚްސިއްޔަތެކެވެ. އެކަމަނާގެ ސިޔާސަތުތަކަކީ ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަޤްބޫލު އަދި ކާމިޔާބު ސިޔާސަތު ތަކެވެ. އަދި މީގެ 3 އަހަރު ކުރިން އެޤައުމުގެ ބޮޑު ވަޒީރު ކަމާ ހަވާލުވުމަށްފަހު ދުނިޔެ ހައިރާން ކޮށްލި އެތައް ކަމެއް އެކަމަނާ ވަނީ ކޮށްފައެވެ.

އެންމެ ޒުވާން ބޮޑު ވަޒީރު

މިހާރު އުމުރުފުޅުން 40 އަހަރުގެ ޖަސިންދާ މީގެ 3 އަހަރު ކުރިން ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، އެކަމަނާގެ އުމުރުފުޅަކީ 37 އަހަރެވެ. އޭރު އެކަމަނާ ވެގެންގޮސްފައި ވަނީ ނިއުޒިލޭންޑް ދުށް އެންމެ ހަގު ބޮޑުވަޒީރަށެވެ. އާއްމު އިންތިޚާބުން އެކަމަނާގެ ޕާޓީއަށް މެޖޯރިޓީ ނުލިބުނު ކަމުގައިވީ ނަމަވެސް، އޭރު ބައެއް ކުދި ޕާޓީތަކާއެކު ހެދި ކޯލިޝަންގެ ތެރެއިން ޖެސިންދާ ވަނީ ބޮޑު ވަޒީރު ކަމަށް އިންތިޚާބު ވަޑައިގެންފައެވެ.

ވެރިކަމުގައި ހުންނަވާ ވިހެއުމުގެ ޗުއްޓީ ނެންގެވި ފުރަތަމަ ކަމަނާ

އެކަމަނާއަކީ މިހާތަނަށް ދުނިޔޭގެ ތާރީޚްގައި ވެސް ވިހެއުމުގެ ޗުއްޓީ ނެގި ފުރަތަމަ ލީޑަރެވެ. ވިހެއުމުގެ ޗުއްޓީގައި 6 ހަފްތާ ދުވަހު މަޑު ކުރުމަށްފަހު އޭރު، އެކަމަނާ އަނބުރާ އޮފީހަށް ވަނީ ވަޑައިގެންފައެވެ. ޖަސިންދާ އޭނާގެ ފުރަތަމަ ދަރިފުޅު ވިހާފައި ވަނީ މިދިޔަ އަހަރު ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.

މީގެ އިތުރުން ސިޔާސީ ދާއިރާއެއްގައި އެހާ މަތީ މަޤާމެއްގައި ހުރެ ދަރިއަކަށް ބަނޑުބޮޑުވީ މިހާތަނަށް ދެމީހުންނެވެ. އެއީ ބޮޑުވަޒީރު ޖަސިންދާ އާއި 1990 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ބޭނަޒީރު ބުއްޓޫއެވެ.

ހަމައެހެންމެ ޖަސިންދާ ވަނީ ދަރިފުޅާއެކު ޔޫއެންގެ ޖެނެރަލް އެސެންބްލީގައި ބައިވެރިވެ ސުރުޚީތަކުން ޖާގަ ހޯއްދަވާފައެވެ.

އަލް ނޫރު މިސްކިތަށް ދިން ނިރުބަވެރި ހަމަލާއަށް ފަހު ޖަސިންދާ ކަންތައް ކުރެއްވި ގޮތް

51 މީހުން ޝަހީދުވި، މި ހަމަލާއަށްފަހު ފުރަތަމަ ބޭއްވި ޤާނޫން ހަދާ މަޖިލީހުގައި ތަޤްރީރް ކުރައްވަމުން އޭނާގެ ވާހަކަފުޅު ފެއްޓެވީ އިސްލާމީ ރިވެތި ސަލާމުންނެވެ. އަދި މަޖިލިސް ފެއްޓެވީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. އެދުވަހުގެ ވާހަކަފުޅުގައި، އެކަމަނާ، އެ ހަމަލާ ސިފަ ކުރައްވާފައި ވަނީ ޓެރެރިސްޓް ހަމަލާއެއްގެ ގޮތުގައެވެ. އަދި ޓެރެރިސްޓް މީހާއަށް އެޤައުމުން ފުރުސަތު ނެތް ކަމަށާއި އޭނާގެ ނަމުން މުޚާތަބު ނުކުރުމަށް ވެސް ބޮޑުވަޒީރު ވަނީ ގޮވާލާފައެވެ.

އޭގެ ފަހުން ބޮޑުވަޒީރު ނިންމެވީ، ހުކުުރު ދުވަހުގެ ހުކުރު ނަމާދު،ނިއުޒިލޭންޑްގެ ޤައުމީ ޓީވީއިން ދުރަށް ދެއްކުމަށެވެ. އެދުވަހުގެ ހުކުރު ނަމާދު ޤައުމީ ޓީވީ އިން ލައިވް ކުރިއިރު، އެ ނަމާދުގެ ކުރިން އެކަމަނާ ވަނީ އެތަނަށް އެއްވެ ތިބި މީހުންނާ ބައްދަލު ކުރައްވާފައެވެ. އޭނާގެ ވާހަކަފުޅު ފަށާފައި ވަނީ ރަސޫލާގެ ހަދީޘަކުންނެވެ. މިފަދަ ގިނަ ކަންތައް ތަކާއެކު އޭރު ގިނަ މުސްލިމުން ލޯބި އެކަމަނާއަށް ލިބުނެވެ. އަދި އޭގެ ފަހުން މަދު ދުވަސްކޮޅެއްގެ ތެރޭގައި އެޤައުމުގައި ބަޑި ގެންގުޅުމުގެ ޤާނޫނެއް ހެދިގެން ދިޔައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!