ލައިފްސްޓައިލް

މި ފޮޓޯއިން ދެނީ ވަރަށް މުހިންމު މެސެޖެއް: މާސްކު ބޭނުންކޮށްފައި ޖެހޭހާ ތާކަށް އެއްލައިނުލާ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19ގެ ސަބަބުން އަޅުގަނޑުމެން އެންމެންގެ ދިރިއުޅުމަށް ވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މަގުމައްޗަށް ނުކުމެ އުޅުމުގައި ވެސް އަމަލުކުރަން ޖެހޭ އުސޫލު ތަކާއި ގަވައިދުތައް މިއަދު ގިނަ ވެއްޖެއެވެ. އެގޮތުން މާސްކު އެޅުމަކީ މިއަދު ގިނަ ގައުމު ތަކުގައި މަޖުބޫރު ކަމެކެވެ. އެހެން ނަމަވެސް ބައެއް ފަހަރަށް މާސްކު ބޭނުން ކުރުމަށް ފަހު މަގުމައްޗަށް ނުވަތަ މޫދަށް އެއްލާލާ މަންޒަރު ވެސް އެބަފެނެއެވެ. މިއީ ހިތާމަކުރަން ޖެހޭ މަންޒަރެކެވެ.

Ads by STELCO

މީސްމީޑިއާގައި އާންމުވި ފޮޓޯއެއް މިވަނީ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަންފައެވެ. އެ ފޮޓޯއިން ދައްކުވައިދެނީ ސީގަލް އެއް މާސްކެއް ތުނބުލައިގެން ދާ މަންޒަރެވެ. މި ފޮޓޯއިން އަޅުގަނޑުމެންނަށް އެތައް މެސެޖެއް އެބަ ދެއެވެ. ކުނި ނައްތާލުމުގައި މިހާރަށްވުރެ ބޮޑަށް ރައްކާތެރިވާން ޖެހޭ ކަން އަޅުގަނޑުމެންނަށް އެބަ އަންގައިދެއެވެ. މި ދުވަސްވަރަކީ ގިނަ ބަޔަކު މާސްކު ބޭނުން ކުރާ ދުވަސްވަރެކެވެ. އެންމެން ކަހަލަ ގޮތަކަށް މި ތިބެނީ މާސްކުގެ ބޭނުން ޖެހިފައެވެ. އެހެންކަމުން ބޭނުން ކޮށްފައި ހުންނަ މާސްކުތައް ޖެހޭހާ ތާކަށް އެއްލާލުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

މި ފޮޓޯ ނެގީ 52 އަހަރުގެ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ނިކްއެވެ. ނިކް ބުނީ އޭނާއަށް ސީގަލްއެއް މާސްކު ތުނބުލައިގެން ދާ މަންޒަރު ފެނުނީ އޭނާ ބައިސްކަލުގައި ދުއްވާލަން ނުކުމެ އުޅެނިކޮށް ކަމަށެވެ. އަދި އޭނާ ރަނގަޅަށް ބަލާލުމުން އެ ސަރަހައްދުގައި ގިނަ މާސްކުތަކެއް އުކާލާފައިވާ މަންޒަރު ފެނުނު ކަމުގައި އޭނާ ބުންޏެވެ.

އެ އަވަށަކީ ފަތުރުވެރިކަމަށް މަޝްހޫރު ގައުމެކެވެ. އެފަދަ އަވަށެއްގައި އެގޮތަށް މާސްކުތައް އުކާލާފައި ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މީސްމީޑިއާގައި ގިނަ ބަޔަކު ބުނެފައި ވެއެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ވެސް ފަތުރުވެރި ކަމަށް މަޝްހޫރު ގައުމެވެ. ނަމަވެސް ބައެއް ފަހަރަށް އަޅުގަނޑުމެންނަށް މާލޭގެ މަގުތަކުން ވެސް ބޭނުން ކޮށްފައި ހުންނަ މާސްކުތައް އުކާލާފައި ހުންނަ މަންޒަރު ފެނިގެން ދެއެވެ. މިގޮތަށް ކަންތައްތައް ނުކުރުމަށް ތަކުރާރުކޮށް ސިއްހީ މާހިރުން ގޮވާލަމުން ދާއިރުގައި ވެސް މެއެވެ. އެހެންކަމުން މި ފޮޓޯއިން މިދޭ މެސެޖު އަޅުގަނޑުމެން އެންމެން ވެސް ލިބިގަންނަން ޖެހެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!