ޚަބަރު

މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އިސްތިއުފާ ދެއްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު، ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

Ads by Sosun Fihaara

ފަނޑިޔާރު ޝުކޫރު މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، އޭނާ މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަަށް ފޮނުވާފައި ވަނިކޮށެވެ.

ޝުކޫރު އެމަގާމުން އިސްތިއުފާ ދެއްވައިފިކަން އަންގަވާ، ޖޭއެސްސީ އަށް ސިޓީ ފޮނުވައިފިކަން އެކޮމިޝަނުން ވެސް މިއަދު ވަނީ ހާމަ ކުރައްވާފައެވެ.

އެހެންކަމުން އިސްތިއުފާ ދެއްވި ހިސާބުން މިހާރު ޝުކޫރު ވަނީ ފަނޑިޔާރު ކަމުން ވަކި ކުރެވިފައި ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޖޭއެސްސީން ބުނެފައި ވަނީ މެޖިސްޓްރޭޓް އަހްމަދު ޝުކޫރު ވަކި ކުރަން އެކޮމިޝަނުން ނިންމާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް ހިނގާފައިވާކަން ފާހަގަ ކުރެވުމުން ކަމަށެވެ. އަދި ފަނޑިޔާރުންގެ ސުލޫކާ އޭނާ ކަނޑައެޅިގެން ޚިލާފުވެފައިވާ ކަން ވެސް ޖޭއެއްސީން ފާހަގަ ކޮށްފައިވެއެވެ.

އެގޮތުން ފަނޑިޔާރު ޝުކޫރާއި ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާއިމެދު ގޮތެއް ނިންމުމުގެ މައްސަލަ ގއ. ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަހު، ހައްޔަރު ކުރެވިފައިވާ ފަރާތުގެ ގާނޫނީ ވަކީލާ ގއ.ވިލިނގިލީ ރެސްޓޯރެންޓެއްގައި އިސް މެޖިސްޓްރޭޓް އަހްމަދު ޝުކޫރު ބައްދަލުވެ ވަކީލު ދިން ސިޓީ އުރައަކާ ހަވާލުވެފައިވާ ކަމަށް ވެސް ޖޭއެސްސީ އިން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!