ލައިފްސްޓައިލް

ނިދި ވެސް މުހިންމު، ވަޒީފާ ވެސް މުހިންމު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ހޭލާކަށް ބޭނުމެއް ނުވެއެވެ. އެނދު އަހަރެން ހިފަހައްޓާ ކަހަލައެވެ. މޫސުން ގޮވާލަނީ ގޭގައި އޮތުމަށެވެ. މިއަދު އޮފީހަށް ދާނެ ކަމެއް ނެތޭ ކިޔަމުން ހުއްޓުމެއް ނެތި މަސައްކަތް ކުރަނީ އަހަރެންގެ ހިތެވެ. އެހެން ނަމަވެސް ސިކުނޑި ގޮވަނީ ރުފިޔާ ބޭނުމިއްޔާ އޮފީހަށް ދިއުމަށެވެ. އެހެންކަމުން ކިތަންމެ ނިދަން އޮންނަ ހިތް ވިޔަސް އޮފީހަށް ޖެހޭނީ ދާންތާއެވެ،

Ads by STELCO

އޮފީހަށް ނުދިޔުމުން ވަރަށް ހިތްހަމަ ޖެހެއެވެ. އެހެން ނަމަވެސް މުސާރަ ލިބޭ ދުވަހު މިއަދު ހިތްހަމަ ޖެހުމުގެ ބަދަލު އެދުވަހުން އަންނަނީ ހާދަހާ ހިތްދަތިކޮށެވެ. އެދުވަހުން މީހާ އެއްކޮށް ރޮއްވާލައެވެ. އަނބުރާ އެދުވަސްތައް އަންނާނެ ގޮތެއް ނެތްތޯ އަމިއްލަ ނަފުސަށް ސުވާލު ވެސް ކުރެވޭނެއެވެ. ދެން ވިސްނޭނީ ވަޒީފާއަށް ނައިސް މުސާރަ ލިބޭނެ ގޮތެއް އޮތްތޯއެވެ. އެހެންޏާ ފަހެ މަސައްކަތް ކުރުމަށް ވުރެ ތިމާގެ ނިދި މާ މުހިންމު ވެއްޖެއެވެ.

ނިދުމަކީ ވެސް ވަޒީފާއެއް ނަމަ ކޮންފަދަ ހެއްޔެވެ؟ ކޮންމެ ދުވަހަކު އިތުރު ގަޑީގައި މަސައްކަތް ކުރަމުން އެއްވެސް ފޫހި ކަމެއް ނެތި އެމަސައްކަތް ކުރާނެކަން ޔަގީނެވެ. އެހެން ނަމަވެސް އެފަދަ ވަޒީފާއެއް ވުޖޫދުގައި ވެސް ނެތީއެވެ. ބޭނުން ވަނީ ނިދަން ވިއްޔާއެވެ. އެހެން ނަމަވެސް މަސައްކަތް ނުކޮށް އަޅެ ފަހެ ރުފިޔާ ލިބޭ ހެއްޔެވެ؟

ވިއްސާރަ ދުވަހެއް އައިސްފި ނަމަ ކަންތަކާ ޖެހުނީއެވެ، ތެދުވާނެ ހިތްވަރެއް ވެސް ނުވަނީއެވެ. ވިއްސާރަ ދުވަހެއްގައި ވަކިން ޚާއްސަކޮށް އޮފީހަށް ދާން ހޭލާ ގަޑިއަކީ އާދަޔާ ޚިލާފަށް ނިދި ގަދަ އަދި އެހާމެ އަރާމު ވަގުތެކެވެ. އެހެންޏާ ފަހެ ނިންޖާއި މޫސުމް ވެސް އަހަރެންނަށް ވީ ބޭވަފާއެވެ. ދިނީ ދޯކާއެވެ. ކައިރިން ދުރަށް ދިޔައީއެއް ވެސް ނޫނެވެ.

މީގައި މޮޅު ތަންކޮޅަކީތޯއެވެ؟ އިތުރު 5 މިނެޓަށް ނިދާލުމުގެ ނިޔަތުގައި ކުޑަ ވަގުތުކޮޅަކަށް ދެލޯ މަރާލަމެވެ. ސަހަރޯއެވެ. އެއޮށް ލިބުނު ހިތްހަމަ ޖެހުމަކާއި ވީ އަރާމެއްގެ ބޮޑުކަމެއްގެ ވާހަކަ ދައްކާކަށް ވެސް ނުވާނެއެވެ. ހިތުން މި ލޯމަރާލެވުނީ 5 މިނެޓަށެވެ. ގަޑިއަށް ބަލާލީމަ ދެން އަންނަން ހުރި ނިދި ވެސް "އަރުއްވައިގެން" ދާކަހަލައެވެ. 5 މިނެޓަށޭ ހިތާ ލޯމަރާލި މީހާއަށް ލޯހުޅުވާއިރު މިއޮށް 30 މިނެޓު ވެގެން ދަނީއެވެ، ދެން އެދުވަސް އެއްކޮށް އެވީ ޚަރާބެވެ.

މިއީ ކޮންމެ ދުވަހަކު އަހަރެން ނިންޖާ ހަނގުރާމަ ކުރާ ގޮތުގެ ވާހަކައެވެ. އޮފީހަށް ދިއުމަށް ކޮންމެ ދުވަހަކުހެން ޖަހާ ސަކަރާތުގެ ވާހަކައެވެ. ހަގީގަތުގައި ވެސް މިއީ ވަރުގަދަ ކަމެކެވެ. ބޮޑު އުނދަގުލެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!