ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހޯދި ކުރިއެރުމަށް އެމެރިކާއިން މަރުޙަބާ ކިޔައިފި

ދެން އެމްވީ

ޫނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއިން މިއަހަރުވެސް ކުރިއެރުން ހޯދާ، 19 ދަރަޖަ މައްޗަށް ޖެހިފައިވާތީ އެކަމަށް އެމެރިކާއިން މަރުޙަބާ ކިޔައިފިއެވެ.

2018 ވަނަ އަހަރު ނޫސްވެރިކަމުގެ މިނިވަންކަމުގައި ދުނިޔޭގެ 120 ވަނައިގައި ރާއްޖެ އޮތުމަށްފަހު، މިއަހަރު 79 ވަނަ އަށް މައްޗަށް ޖެހިފައިވާތީ، އެކަން ފާހަގަކުރައްވައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގެ ޖަވާބުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއިން ހޯދި ކާމިޔާބީއަށް މަރުޙަބާ ކިޔާ ކަމަށެވެ.

އަދި މެދުތެރޭ އޭޝިއާއާއި ދެކުނު އޭޝިއާގެ ހުރިހާ ގައުމުތަކަކުންވެސް ރައްޔިތުންނަށް ބޭނުންވާ ސައްހަ ޚަބަރާ މައުލޫމާތު އަދި ޑޭޓާ ލިބޭނެ އިންތިޒާމްތައް ކަށަވަރުކުރުމަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ގޮވާލާފައެވެ.

2018 ވަނަ އަހަރުން ފެށިގެން ރާއްޖެއިން އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ކުރިއެރުންތައް ހޯދަމުންނެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެ ވަނީ 22 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ. އަދި މިއަހަރު މިވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްއަކީ ޤައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު އަންގައިދިނުމަށް ކޮންމެ އަހަރަކު ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ނެރޭ އިންޑެކްސްއެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!