ދީން

މަހާނަ ގައުތަކުގައިވާ ތާރީޚްތަކުން މި ފިލާވަޅު ލިބުނު ހެއްޔެވެ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހަމަޔަގީނުން ވެސް އަހަރެމެންގެ ކޮންމެ މީހަކު ވެސް ކޮންމެ ވެސް އެއް ދުވަހެއްގައި ސަހަރާއަށް ގޮސްފައިވާނެއެވެ. އާއިލާ މީހަކު ނުވަތަ ރަޙުމަތްތެރިޔަކު ނިޔާވުމާ އެކު ޖަނާޒާގައި ބައިވެރިވެފައި ވާނެއެވެ. އަދި އެ ޖަނާޒާގައި ބައިވެރިވުމުން ހިތަށް މަޑުމޮޅިކަމުގެ އަސަރު ކޮށްފައިވާނެއެވެ. ސަހަރާއަށް ވަނުމުން މަރު މަތިން ހަނދާން ވާނެއެވެ.

Ads by STELCO

ނަމަވެސް ވަޅުލައިފައި ތިބި މީހުންގެ މަހާނަ ގަލުން ތިބާއަށް މި ފިލާވަޅު ލިބުނު ހެއްޔެވެ؟ ނެތުމުގެ ތެރެއިން އެމީހުން ދުނިޔޭގެ އަލިކަން ދުށް ތާރީޚާއި މި ދުނިޔެ ދޫކޮށް ދިޔަ ތާރީޚުން ޢިބްރަތެއް ލިބުނު ހެއްޔެވެ؟

ވިސްނަވައިލައްވާށެވެ. އެމީހުން ބިންމަތީގައި ހޭދަ ކުރި މުއްދަތާއި ބިމު އަޑީގައި އެމީހުންގެ ހަށިތައް އޮތް މުއްދަތާ މެދު ފިކުރު ކޮށްލައްވާށެވެ. ބައެއް މީހުން 20، 30 އަހަރު ނުވަތަ އަނެއް ބަޔަކު 80 އަހަރު 75 އަހަރު ބިންމަތީގައި ހޭދަކުރިއިރު ބިމު އަޑީގައި އެމީހުންގެ ހަށިތައް އޮތް މުއްދަތު އެއަށް ވުރެ އެތައް ގުނައެއް އިތުރުވެއްޖެއެވެ. ނުވަތަ ވަމުން ދަނީއެވެ.

ލޮބުވެތި އަޚާއެވެ. ލޮބުވެތި އުޚްތާއެވެ. މި ނަޒަރުން ވިސްނުމުގެ ވަގުތު ކޮޅެއް ހޭދަކޮށްލައްވާށެވެ. ބިންމަތީގައި އަހަރެމެންނަށް މިއުޅެވެނީ މަދު ދުވަސްކޮޅެއްގައެވެ. ބިމުއަޑީގައި އަހަރެމެންގެ ހަށިތަކާ އެކު ފަނިފަކްސާތައް ހޭދަކުރާ މުއްދަތު މާ އިތުރެވެ. އެހެންވީ އިރު ބިންމަތީގައި އަހަރެމެން މިދައްކަނީ ކޮން ބޮޑާކަމެއް ހެއްޔެވެ؟ އަހަރެމެން އެކަކު އަނެކަކާ ދެމެދު ބާއްވަންވީ ކޮން ހަސަދައެއް ހެއްޔެވެ؟ ޣާފިލްކަމުގައި ﷲއަށް އުރެދުމުގައި މި މަދު ދުވަސްކޮޅު ބޭކާރު ކުރާނީ ކިހިނަކުން ހެއްޔެވެ؟ މަށިން އުފެދިފައި މިތިބަ އަހަރެމެން މަށީގެ ތެރެއަށް ދިޔުމާއި ހަމަޔަށް މިއޮތް ކުރު މުއްދަތުގައި ﷲއަށް ބިރުވެތި ނުވެ އުޅެވޭ ވަރަށް އަހަރެމެންގެ ހިތްތައް ކަޅުކޮށް އާޚިރަތް ޤުރުބާން ކޮށްލާނީ ކިހިނަކުން ހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މާދަމާއަކީ ހަމައެކަނި އުއްމީދެކެވެ. އަހަރެމެންނަށް ޔަޤީންވާ މާދަމާއަކީ ބިމުގެ އަޑީގައި އޮންނަށް ޖެހޭ މާދަމާއެވެ. މަރާ ބައްދަލު ކުރާ މާދަމާއެވެ. އެ ނޫން މާދަމާއަކީ އަހަރެމެންނަށް އެނގި ކަށަވަރުވާ ކަމެއް ނޫނެވެ. މާދަމާއަށް ކުރެވޭ އުއްމީދުތައް ހިތުގައި ބޮޑު ނަމަވެސް މާދަމާއެއް ނާންނަ މިއަދެއް ކޮންމެ މީހެއްގެ ޙަޔާތާ ކުރިމަތި ވާނެއެވެ. ބުއްދިވެރިއަކީ އެ ދުވަހަށް ތައްޔާރުވާ މީހާއެވެ. ބިންމަތީގައި މިހޭދަ ކުރާ މަދު ދުވަސްކޮޅުގެ ފައިދާ ނަގައި އާޚިރަތަށް ތައްޔާރުވާ މީހާއެވެ. ފަލާޙާއި ކާމިޔާބުގެ ވެރިއަކީ އެއީއެވެ.

ސޫރަތުލް އާލްއިމްރާންގެ 185ވަނަ އާޔަތުގައި ތިބާގެ ވެރި ރައްބު ، ﷲ ތަޢާލާ ތިބާއަށް ހަނދާންކޮށްދެއްވައިފައި ވަނީ މިފަދައިންނެވެ.

﴿185﴾ كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ

ކޮންމެ نفسއަކީ ވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ عمل ތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، قيامة ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާ ކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު نصيب ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!