އަމިއްލައަށް މަރުވާ މީހުންގެ މައްޗަށް ވެސް ކަށު ނަމާދުކޮށް ދުޢާކޮށް ހެދޭނެ: ޑރ.އިޔާޒް
އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެއް ނަމަވެސް ، އެފަދަ މީހުންގެ މައްޗަށް ވެސް ކަށު ނަމާދުކޮށް ދުޢާކޮށް ހެދޭނެ ކަމަށް ދީނީ ޢިލްމްވެރިޔާ ޑރ.މުޙައްމަދު އިޔާޒް ޢަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެއް ނަމަވެސް އެއީ ޝިރުކާ އެއްފަދަ ކަމެއް ނޫން ކަމަށެވެ.
"ދަން ޖެހިގެން ނުވަތަ އެ ނޫންވެސް ގޮތަކުން އަމިއްލަ ނަފުސް މަރާލުމަކީ ބޮޑު ފާފައެއް، ނަމަވެސް އެއީ ﷲއަށް ޝިރުކު ކުރުމާ އެއްވަރު ކަމެއް ނޫން ، ވީމާ އެފަދަ މީހުންގެ މައްޗަށް ކަށު ނަމާދުކޮށް ،ހެޔޮ ދުޢާ ކޮށްދީ ހެދޭނެ" އިޔާޒް ވިދާޅުވިއެވެ.
ޑރ.އިޔާޒު މިފަދައިން ޓްވީޓް ކުރެއްވިއިރު ، ރ.އުނގޫފާރުގެ ޒުވާނެއް އިއްޔެ ވަނީ ދަން ޖެހިގެން މަރުވެފައެވެ. މަރުވި ޒުވާނާއަކީ އެކަނިވެރި މައެއްގެ ހުރި ދެ ކުދިންގެ ތެރެެއިން އެންމެ ދޮށީ ފިރިހެން ކުއްޖާ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.
އަމިއްލަށް މަރުވުމާއި އެކަމަށް މަގު ފަހިވާނެ ކަންކަން ވެސް މާތްﷲ ވަނީ ޙަރާމް ކުރައްވާފައެވެ.
މާތްﷲ ވަހީ ކުރައްވާފައި ވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا
މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.
މީގެ އިތުރުން ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާފައި ވަނީ ، މި ޙަޔާތާ ވަކިވެގެންދާ ގޮތަކީ އަމިއްލައަށް މަރުވުން ކަމަށް ކުޑަމިނުން އުންމީދު ވެސް ނުކުރުމަށެވެ.