ޚަބަރު

ސިދުރަތުﷲ ނިޔާވީ ގެނބިގެން ކަމަށް ޕޯސްޓްމޯޓަމުން ދައްކައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައިޖީއެމްއެޗް ބޭރު ސަރަޙައްދުން މޫދުން ނިޔާވެފައި އޮއްވާ ފެނުނު މުޙައްމަދު ސިދުރަތުﷲ، ނިޔާވީ ގެނބިގެން ކަމަށް ޕޯސްޓްމޯޓަމުން ދައްކައިފިއެވެ.

Ads by Sosun Fihaara

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު ރަސްފަންނާ ވީ ދިމާލު މޫދުގައި ނިޔާވެފައި އޮއްވާ ފެނުނު ގދ.ވާދޫ/ ރިމެމްބަރ ކަދާވަޑު މުޙައްމަދު ސިދުރަތުﷲ ނިޔާވި ސަބަބު ދެނެގަތުމަށް އިންޑިއާ އަށް ހަށިގަނޑު ގެންގޮސް ހެދި ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ރިޕޯޓުގައި، އޭނާ ނިޔާވީ ގެނބިގެން ކަމަށް ފާހަގަވެފައިވާ ކަމަށެވެ.

ސިދުރަތުﷲ ގެ ހަށިގަނޑުގައި ހުރި ޒަޚަމްތަކަކީ މޫދުގައި ހަށިގަނޑު އޮތްއިރު އެއްޗެއް ކައިފައިވުމުގެ ސަބަބުން ލިބިފައިހުރި ޒަޚަމެއް ކަމަށް ބެލެވޭ ކަމަށް ވެސް ޕޯސްޓްމޯޓަމް ހެދި ފަރާތުން ފުލުހުންނަަށް މައުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވެފައި ވަނީ މިމައްސަލައާއި ގުޅިގެން ހެދި ތަހުލީލުތަކުން ސިދުރަތުﷲ މަސްތުވާތަކެއްޗަށް ޕޮޒިޓިވްކަން އެނގިފައިވާ ކަމަށެވެ. ޕޯސްޓްމޯޓަމްއާ ގުޅިގެން ހަދާ އިތުރު ތަހުލީލުތައް ރާއްޖެއިން ބޭރުން ކުރިއަށްދާކަން ވެސް ފުލުހުން ފާހަގަ ކޮށްފައި ވެއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން އަދިވެސް ދަނީ ބަލާ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!