ލައިފްސްޓައިލް

ތިވަރަށް ނުނިދާ! ތިއީ ސިއްޙަތަށް ފައިދާހުރި ކަމެއް ނޫން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނިންޖަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ވަރަށް މުހިންމު އެއްޗެކެވެ. އެދުވަހެއްގެ ކަންކަމަށް ރަނގަޅަށް ސަމާލުކަންދީ، ރަނގަޅަށް މަސައްކަތް ކުރެވޭނީ ހަމަ ނިދި ލިބިގެންނެވެ.

Ads by STELCO

ނަމަވެސް އޭގެ މާނައަކީ މާގިނައިން ނިދާށެކޭއެއް ނޫނެވެ. ހަމަ ނިދި ނުލިބުމުން ސިއްޙަތަށް ގެއްލުންވާ ފަދައިން، މާގިނަ ވަގުތު ނިދުމުން ވެސް ސިއްޙީ ގޮތުން ނުރައްކާތަކަކާ ކުރިމަތިލާން ޖެހެއެވެ. ނިދާ ގޮތަށް ދިހަ ގަޑިއިރު ނުވަތަ 11 ގަޑިއިރު ފަހުން، ނުވަތަ އެއަށް ވުރެ ވެސް ގިނައިރު ފަހުން ހޭލުމުން، އިންސާނާއަށް ވަރަށް ގިނަގުނަ ސިއްޙީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހެއެވެ.

އެމެރިކާގެ "ނޭޝަނަލް ސްލީޕް ފައުންޑޭޝަން"އިން ވަނީ އެކި އުމުރުފުރާގެ ކުދިންނާއި މީހުންނަށް ދުވާލެއްގެ މައްޗަށް ނިދި ބޭނުންވާނެ އަދަދު ހާމަ ކޮށްފައެވެ.

- އުފަންވުމާއި ތިން މަހާއި ދެމެދު ކުދިންނަށް: 14 ގަޑިއިރާއި 17 ގަޑިއިރާ ދެމެދުގެ ނިދި

- ހަތަރު މަހާއި 11 މަހާއި ދެމެދު ކުދިންނަށް؛ 12 ގަޑިއިރާއި 15 ގަޑިއިރާ ދެމެދުގެ ނިދި

- އެއް އަހަރާއި ދެ އަހަރާއި ދެމެދު ކުދިންނަށް: 11 ގަޑިއިރާއި 14 ގަޑިއިރާ ދެމެދުގެ ނިދި

- ތިން އަހަރާއި ފަސް އަހަރާއި ދެމެދު ކުދިންނަށް: 10 ގަޑިއިރާއި 13 ގަޑިއިރާ ދެމެދުގެ ނިދި

- ހަ އަހަރާއި 13 އަހަރާއި ދެމެދު ކުދިންނަށް: ނުވަ ގަޑިއިރާއި 11 ގަޑިއިރާ ދެމެދުގެ ނިދި

- 14 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް: އަށް ގަޑިއިރާއި 10 ގަޑިއިރާ ދެމެދުގެ ނިދި

- 18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނަށް: ހަތް ގަޑިއިރާއި ނުވަ ގަޑިއިރާ ދެމެދުގެ ނިދި

- 26 އަހަރާއި 64 އަހަރާއި ދެމެދުގެ މީހުންނަށް: ހަތް ގަޑިއިރާއި ނުވަ ގަޑިއިރާ ދެމެދުގެ ނިދި

- 65 އަހަރާއި 65 އަހަރުން މަތީގެ މީހުންނަށް: ހަތް ގަޑިއިރާއި އަށް ގަޑިއިރާ ދެމެދުގެ ނިދި

މާގިނައިރު ވަންދެން ނިދުމުން ވަރަށް ގިނަ ސިއްޙީ މައްސަލަތަކަކާއި ކުރިމަތިވެއެވެ. އެގޮތުން ދިމާވާ ބައެއް މައްސަލަތަކަކީ:

• ހިތުގެ މައްސަލަތައް ޖެހުން

އެމެރިކާގެ ޖަރނަލް އޮފް ކާޑިއޮލޮޖީ ގައި 2013 ވަނަ އަހަރު ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ މާގިނައިން ނިދުމަކީ ހިތުގެ ލެފްޓު ވެންޓްރިކިއުލާ އަށް ބުރަވާ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ހިތް ހުއްޓުން ފަދަ ކަންކަމާއި ދިމާވެދާނެ ކަމަށެވެ.

• ފަލަވުމަށް މަގުފަހިވޭ

ނިންޖާއި ބެހޭ ގޮތުން 2008 ވަނަ އަހަރު ސޯޝަލް ސައިންސް އެންޑް މެޑިސިންގައި ރިޕޯޓު ކޮށްފައި ވަނީ، ބޮޑެތި މީހުން ދުވާލަކު އަށް ގަޑިއިރަށް ވުރެ މާބޮޑަށް ގިނައިރު ވަންދެން ނިދުމަކީ އެމީހުންގެ ބަރުދަން އިތުރުވެ، ފަލަވުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.

• ހަކުރުބަލި ޖެހުމަށް މަގުފަހިވޭ

ގިނައިރު ނިދުމަކީ ލޭގައި އުފައްދާ ހަކުރު ގިނަކޮށް، އިންސާނާއަށް ހަކުރުބަލި ޖެހެން މަގުފަހިވާ ކަމެކެވެ.

• ނަފްސާނީ ބަލި ޖެހޭ

ގިނައިރު ނިދާފައި ހޭލެވުމުން، އިންސާނާ މާޔޫސްވެ ނަފްސާނީ ބަލި ޖެހުމަށް ވެސް މަގުފަހިވެއެވެ. ދުވާލުގެ ބޮޑު ބައިގައި ނިދުމުގެ ސަބަބުން ހަލަބޮލިވެ ނޫޅެވުމުން ސިކުނޑިއަށް އަސަރުކޮށް، ކުއްލިއަކަށް އިނދެފައި މީހާ ހިތްމޮޅިިވެ ދެރަވާން ފަށައެވެ.

• ބޮލުގައި ރިއްސުން

ޝައްކެއްވެސް ނެތް ގޮތުގައި ހަމަ ނިދި ނުލިބުމުން ބޮލުގައި ރިއްސައެވެ. ހަމަ އެފަދައިން މާގިނައިން ނިދުމަކީ ވެސް ބޮލުގައި ރިއްސާނެ ކަމެކެވެ. މިހެން މިކަން ވަނީ، ނިދި ހަމަ ނުވުމުން ސިކުނޑިއަށް ކުރާ އަސަރެއްގެ ބޮޑު ކަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!