ސަރުކާރުގެ 2 އަަހަރުގައި ކުރައްވާފައިވާ ބައެއް ކަންތައްތައް މުއިއްޒު ފާހަގަ ކުރައްވައިފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިސްވެ އޮވެ ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އަދި މައުމޫން ރިފޯމް މޫވްމަންޓުން ހިންގާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ދެއަހަރު ފުރޭ މުނާސަބަތާ ގުޅިގެން އެ ސަރުކާރުގައި ވޭތުވެދިޔަ ދެއަހަރު ހިންގި ބައެއް ކަންކަން ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ނައިބު ރައީސް ޑރ.މުހައްމަދު މުޢިއްޒު ފާހަގަ ކުރައްވައިފިއެވެ.
މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ފާހަގަ ކުރައްވާފައިވާ ކަންކަމުގެ ތެރޭގައި އެމްޑީއެންއާއި އުތެމަ ރިޕޯޓް ނެރެ ދީނަށް ފުރައްސާރަކުރުމާއި ގައުމުގެ މިނިވަންކަމާ ސިޔާދަތު ނުރައްކަލަށް ވައްޓާލުމާއި ވައްކަމާއި ކޮރަޕްޝަންގެ އާ އުސްމިންތަކެއް ހާސިލް ކުރުމުގެ އިތުރުން ޖިންސީ ފުރައްސާރަކުރުން ކުޑަކަމަކަށްވުމާއި އެތައް ހާސް ރައްޔިތުންގެ ބޯ ހިޔާވަހިކަން ނިގުޅަައިގަތުން ހިމެނެއެވެ.
މުޢިއްޒު މިކަންކަން ފާހަގަ ކުރެއްވިއިރު އެމްޑީއެންއާއި އުތެމައިން އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް މަލާމާތް ރައްދުކޮށް ލާދީނީ ރިޕޯޓެއް ނެރުނުއިރު ސަރުކާރުން ވަނީ އެ ރިޕޯޓް ނެރުނު ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅު އެޅުމުގައި ނުކުޅެދިފައި ކަމަށް އިދިކޮޅު ފަރާތްތަކާއި ދީނީ ޢިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ. ނަމަވެސް މި ސަރުކާރުން ދީނާ ޚިލާފު ކަމެއް ނުކުރައްވާނެ ކަމަށް ސަރުކާރުގައި ހިމެނޭ އަދާލަތު ޕާޓީއަށް ނިސްބަތްވާ ޝައިޚް އިލްޔާސް ޙުސައިނާއި ޑރ.އިޔާޟް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އާންމުންގެ މެދުގައި މަޝްހޫރު "ލޯޔަލް ރޭޕް ކޭސް" ނުވަތަ ސަފާރީގައި ހިނގި ޖިންސީ ފުރައްސާރައިގެ ހާދިސާއާ ގުޅިގެން ، ހޯމް މިނިސްޓަރ ޝައިޚް އިމްރާން ވިދާޅުވީ ސަފާރީގައި ހިނގި ޢަމަލަކީ އާންމުތަނެއްގައި ވެސް މީހަކު ކޮށްފާނެ ފަދަ ކުޑަ ކަމެއް ކަމަށެވެ.