ފާރެއްގެ ދަށުވެ ތިމަރަފުށީގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

ފާރެއްގެ ދަށުވެ ތ.ތިމަރަފުށީ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ތިމަރަފުށީ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު އިބްރާހިމް “ދެން”އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ޒުވާނާ މިހާރު އިތުރު ފަރުވާ އަށް އެމަރޖެންސީގައި މާލެ ގެންދެވިފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ހެލިކޮޕްޓަރުގައެވެ.
ތިމަރަފުށީ ސިއްހީ މަރުކަޒުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގައި އެ ޒުވާނާގެ ބޮލަށް ވަރަށް ބޮޑަށް ވަނީ އަސަރު ކޮށްފައެވެ. އެގޮތުން “އިންޓަރނަލް ބްލީޑިން”އެއް ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވިއެވެ.
މިއަދު މެންދުރު ފަހު 3 ޖެހިކަންހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވާ ޒުވާނާ އެންމެ ފުރަތަމަ ގެންދެވުނީ ތިމަރަފުށީ ސިއްހީ މަރުކަޒަށެވެ. އޭގެ ފަހުން އަތޮޅު ހޮސްޕިޓަލަށް ވެސް ގެންގޮސް ފަރުވާ ދިނުމަށްފަހު މާލެ ފޮނުވާލީ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާ ހިނގަން ދިމާވީ ފާރުގެ މަރާމާތެއް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ތިމަރަފުށީ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު އިބްރާހިމް “ދެން”އާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.