ރިޕޯޓް

ދަރީންނަށް ބައެއް ހާލަތްތަކުގައި އެންމެ ރަނގަޅުވާނެ ގޮތަކީ ދެމަފިރިން ވަކިވުން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ވަރިއަކީ އަޅުގަނޑުމެންގެ މުޖުތަަމައުގައި ވަރަށް ގިނައިން ހިނގާ ކަމެކެވެ. ދެމަފިރިން ދޭތެރޭ މައްސަލަތައް ގިނަވެ ދެމީހުން އެކަކު އަނެކަކާ އެތައް ދުވަހަކު ވާހަކަ ނުދައްކާ ވެސް ތިބެއެވެ. ދެމީހުން އެކަކު އަނެކަކާއެކު ދިރިއުޅުން ކުރިއަށް ގެންދަން ބޭނުން ނުވާ ހާލު ވެސް އެކުގައި ދިރިއުޅެނީ އެންމެ ސަބަބަކަށް ޓަކައެވެ. އެ ދެމަފިރިންގެ ދަރިން ތިބީމައެވެ. އެ ދަރީންނަށް ނިކަމެތި ކަމެއް ލިބިދާނެ ކަމަށް ބުނެއެވެ.

Ads by STELCO

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ދެމަފިރިން އެކުގައި ތިބުމަކީ ދަރިންނަށް ލިބޭނެ އުފަލެކެވެ. އެހެނީ އޭރުން ދަރީންނަށް މަންމަ އާއި ބައްޕަގެ ލޯބިވެސް ލިބޭނެއެވެ. އެހެން ނަމަވެސް ދަރީން ދެކެ އެހާ ވަރަށް ލޯބިވާނަމަ ދެމަފިރީން ދޭތެރޭގައި ޖެހޭ މައްސަލަތައް ހައްލު ކުރާނެކަން ގައިމެވެ. ދެމީހުން ވެސް އެމީހަކަށް ކުރެވުނު ގޯސް ކަންތައްތައް ގަބޫލުކޮށް ރަނގަޅުވާން މަސައްކަތް ކުރާނެއެވެ. ދެމީހުންގެ ގުޅުން ރަނގަޅު ކުރެވޭނެ ގޮތަކާމެދު ދެމީހުން މަޝްވަރާ ކުރާނެއެވެ.

ދެމަފިރިން ދޭތެރޭ ޖެހޭ މައްސަލަތައް ހައްލު ނުކުރާނަމަ ނުވަތަ ދެމަފިރިންކުރެ އެކަކުވެސް ގޮތް ދޫކުރަން ބޭނުން ނުވާނަމަ ދަރިންނަށްޓަކައި އެކުގައި އުޅުމުގެ ބޭނުމަކީ ކޮބައި ބާވައެވެ. އެހެން އެކަން ވާނަމަ ދަރިންނަށް ކޮންމެ ދުވަހަކުމެ ފެންނާނީ އެ ދަރިފުޅުގެ މަންމައާއި ބައްޕަ އޭނާގެ ލޯ ކުރިމަތީގައި ޒުވާބު ކުރާ މަންޒަރެވެ. މަންމަ އާއި ބައްޕަ އެކަކު އަނެކަކާއި ދިމާއަށް އެއްޗެހި ކިޔާ ޒުވާބު ކުރާ މަންޒަރު ފެނުމަކީ ދަރިފުޅަށް ކޮންކަހަލަ އަސަރެއް ކުރާނެ ކަމެއްތޯ ވެސް އަޅުގަނޑުމެން ވިސްނާލަން ޖެހެއެވެ.

މިގޮތަށް އެ ދަރިފުޅަށް ފެނުމުން ކަންތައްތައް ވާ ގޮތަކީ ކޮބައިކަން އެނގޭތޯއެވެ. އެ ދަރިފުޅު ފުރާވަރަށް އަރައި އެ ދަރިފުޅު ކައިވެންޏެއް ކުރުމުން އެ ދަރިފުޅަށް ވެސް ބެލެވިފައި އޮންނާނީ އޭނާ އިނދެގެން އުޅޭ މީހަކާ ދޭތެރޭ ކަންތައް ކުރަން ޖެހޭނީ އެގޮތަށް ކަމަށެވެ. މަންމަ އާއި ބައްޕަ އަބަދުމެ ޒުވާބު ކުރާ މަންޒަރު ފެންނާތީއެވެ. އެހެން ނަމަވެސް އެ ދަރިފުޅު ވެސް އޭނާގެ ބައިވެރިޔާއާ ވަކި ނުވާނީ ދަރިންނަށް ޓަކައެވެ. މިގޮތަށް މިކަންތައް ތަކުރާރު ވުމަކީ ވެދާނެ ކަމެކެވެ. ފަހުގެ ޖީލުތަކަށް މިކަންތައް އާދަކާދަ އަކަށް ބަދަލުވެގެން ދިއުމަކީ ވެދާނެ ކަމެކެވެ.

ކީރިތި މާތް ނަބިއްޔާ މުހައްމަދު ޞައްލަﷲ އަލައިހި ވަަސައްލަމްގެ ސުންނަތުގައި ނުވަތަ ކީރިތި ގުރުއާނުގައި އެއްވެސް ތަނެއްގައި ދަރިންނަށްޓަކައި ދެމަފިރިން އެކުގައި ތިބެން ޖެހޭ ކަމަށް އަންގަވާފައެއް ނެތެވެ. މިއީ ކައިވެނިކޮށްގެން އުޅޭ ދެމަފިރިން ވަކިވާން ހިތްވަރު ދިނުމެއް ނޫނެވެ. ދެމަފިރިން ދޭތެރޭގައި ޖެހޭ މައްސަލަ ތައް އެކަކު އަނެކަކާ ވާހަކަ ދައްކައިގެން ހައްލު ކުރަން ޖެހެއެވެ. އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ގޯސްތަކެއް ހެދިދާނެއެވެ. އެހެން ނަމަވެސް އެ ގޯސްތަކަށް އަނެކާ މަޢާފު ކުރުމަކީ އޮތް ކަމެކެވެ. ދެމަފިރިން އެކަކު އަނެކަކު ދެކެ ލޯބިވާނަމަ އެކަކު އަނެކަކަށްޓަކައި ރަނގަޅު ވާން ޖެހެއެވެ.

ކަން މިހެން ހުރި ނަމަވެސް ބައެއް ހާލަތްތަކުގައި ދަރީންނަށް އެންމެ ރަނގަޅު ގޮތަކީ ދެމަފިރިން ވަކިވުން ކަމުގައި ވެސް ވެދާނެއެވެ. އެހެނީ ދެމަފިރިން އެކަކު އަނެކަކާ ޒުވާބު ކުރާ އަޑު ދަރީންނަށް އިއްވުމަށްވުރެ ނުވަތަ އެކަކު އަނެކަކަށް އަނިޔާކުރާ މަންޒަރު ދަރީންނަށް އަބަދު ދެއްކުމަށްވުރެ ދެމީހުން ވަކިވުމީ ރަނގަޅު ގޮތަކަށް ވުން އެކަށީގެން ވެއެވެ. އެހެން ނަމަވެސް އެހާލަތުގައި ވިސްނަން ޖެހޭ ކަަމެއް އެބައޮތެވެ. ދެމަފިރިންވެސް މިކަމާ ދޭތެރޭ ވިސްނަން ޖެހެއެވެ.

އެކަމަކީ ހެއްޔެވެ؟ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި ވަަރަށް ގިނަައިން ފެންނަ މަންޒަރެކެވެ. މަންމަގެ ގާތުގައި ދަރިފުޅު ހުރެއްޖެ ނަމަ އެ ދަރިފުޅު ބައްޕަގެ ލޯބިން މަހުރޫމް ކުރާ މަންޒަރެވެ. ބައްޕަގެ ގާތުގައި ދަރިފުޅު ހުރެއްޖެ ނަމަ މަންމަގެ ލޯބިން އެ ދަރިފުޅު މަހުރޫމް ކުރާ މަންޒަރެވެ. ނަމަވެސް އެއީ އެކަންތައް އޮންނަން ޖެހޭ ގޮތެއް ނޫނެވެ. ކޮންމެ މީހަކު ގާތުގައި ދަރިފުޅު ހުރި ނަމަވެސް ދަރިފުޅު އަނެކާގެ ލޯބިން މަހުރޫމް ކޮށްގެން ނުވާނެއެވެ. އެހެނީ އެއީ މަންމައަށް ވެސް ބައްޕައަށް ވެސް ލިބިގެންވާ ހައްގަކަށް ވާތީއެވެ.

ދެމަފިރިން ދަރިންނަށް ރަނގަޅު ނަމޫނާއެއް ދެއްކުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ރަނގަޅު ނަމޫނާއެއް ދެއްކުމަކީ ވަކިވުމަށްފަހުގައި ވެސް އޮންނަން ޖެހޭ ކަމެކެވެ. ނޫންނަމަ އަނެއްކާ ވެސް ދަރިންނަށް ދަސްވެގެން ދާނީ ނުބައި އާދަތަކެކެވެ.

ދެމަފިރިން ވަރިވުމަކީ ދުނިޔެ ނިމުން ކަމުގައި ނުދެކޭށެވެ. ދެމަފިރިން ވަރިވުމަށް ފަހުގައި ވެސް ދެމަފިރިންނަށް ވެސް ރިޒުގު ތަނަވަސް ކޮށްދެއްވަވާނެ ކަމަށް މާތްﷲ ވަނީ ވައުދުވެ ވޮޑިގެންފައެވެ، އެހެން ނަމަވެސް އެކަކު އަނެކަކަށް އިހްތިރާމް އަދާ ކުރާ ނަމައެވެ. އެ ކަލާނގެއީ ހަމަކަށަވަރުން އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ.

އަޅުގަނޑުމެންގެ މުޖުތަަމައުން ފެންނަ އެއް މަންޒަރަކީ ދެމަފިރިން ވަކިވުމަށްފަހުގައި ވެސް ދެމީހުން އެކަކު އަނެކަކާ އަރައިރުންވާ މަންޒަރެވެ، ދެމީހުން އެކަކު އަނެކަކަށް ޖެއްސުންކޮށް ދުއްތުރާ ކުރާ މަންޒަރެވެ. އަބަދު ޒުވާބު ކުރާ މަންޒަރެވެ. ދެމީހުން އެކަކު އަނެކަކާ ވަކިވީ ކީއްވެގެން ހެއްުޔެވެ؟ މައްސަލަ ހައްލު ކުރާކަށް ނޫން ހެއްޔެވެ؟ ޒުވާބު ކުރުން ހުއްޓާލާކަށް ނޫން ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ ދެމީހުން ވަރިވުމަށް ފަހު ޒުވާބު ކުރުން ހުއްޓާލަން ޖެހެއެވެ. ދެމީހުން އަރައިރުންވެ އެކަކު އަނެކަކަށް އުނދަގޫ ކުރުން ހުއްޓާލަން ޖެހެއެވެ.

މިއަދު އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ހަގީގަތެއް އެބައޮތެވެ. ދަރީންނަށް ބައެއް ހާލަތްތަކުގައި އެންމެ ރަނގަޅުވާނެ ގޮތަކީ ދެމަފިރިން ވަކިވުން ކަމެވެ. ދަރިންނަށް ރަނގަޅު އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ބައެއް ފަހަރަށް ދެމަފިރިން ވަކިވާން ޖެހޭ ކަމެވެ. އެހެން ނޫންނަމަ ދަރިންނަށްޓަކައި ކައިވެނިކޮށްގެން ތިބުމަކީ އާދަކާދަ އަކަށް ނުވަތަ ޡަގާފަތަކަށް ބަދަަލުވެގެން ހިނގައިދާނެއެވެ. އެހެނީ އެތައް ޖީލުތަކުގެ މީހުން އެމީހުންގެ މައިންބަފައިން ކަންކުރި ގޮތަށް ކަންތައް ކޮށްފައި އެބަހުއްޓެވެ.

އެހެންކަމުން ދެމަފިރިން ދޭތެރޭގައި މައްސަލައެއް ޖެހިއްޖެ ނަމަ އެންމެ ފުރަތަމަ އެ މައްސަލައެއް ހައްލުކުރަން މަސައްކަތް ކުރާށެވެ. ދެމަފިރިން އެކަކު އަނެކަކާ ވާހަކަ ދައްކައި މައްސަލަ ހައްލު ކުރުމަށް މަޝްވަރާ ކުރާށެވެ. އެހެނީ ދަރިންނަށް ދެމީހުންގެ ލޯބިވެސް ބޭނުން ވާތީއެވެ. ނަމަވެސް އެހެން އެކަން ނުވެއްޖެ ނަމަ ދަރީންނަށް ޓަކައި ވަކި ނުވެ އުޅުމަކީ ކޮންމެހެން ބޭނުން ކަމެއް ނޫނެވެ. އެހެނީ ދަރީންނަށް ޓަކައި ނުވަތަ ދަރީން ތިބީތީ، އެކުގައި އުޅުމަކީ ކީރިތި ގުރުއާނާއި މާތް ރަސޫލާ ޞައްލަﷲ އަލައިހި ވަޞައްލަމްގެ ސުންނަތުން ސާބިތުވާން އޮތް ކަމެއް ނޫނެވެ.

މަސްދަރު: މުފްތީ މެންކްގެ ދަރުހަކުން ތަރުޖަމާ ކޮށްފައި

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!