ރިޕޯޓް

މާލޭގައި އެރުވި ހަވާ: ގައިދުރުކަމެއް ނެތި ގިނަ ބަޔަކު އެއްވާން ފުރުސަތު ދިނުމުން ގިނަ ބައެއްގެ ފާޑުކިޔުން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
2015 ވަނަ އަހަރު މާލޭގައި ހަވާއެރުވި މަންޒަރު ބަލަން އާންމުން އެއްވެފައި. ފޮޓޯ: ސަން

ގިނަ ދުވަސްތަކަކަށްފަހު މާލޭގައި މިރޭ ވަނީ ހަވާ އަރުވާފައެވެ. މާލޭގައި މިރޭ އެރުވި ހަވައަކީ ކައިވެނި ކުރި ދެމަފިރިއަކަށް އާއިލާގެ ފަރާތުން ދިން ހަދިޔާއެއް މައުލޫމާތު ލިބިފައިވާއިރު "އިންޑިއާ މޯލްޑިވްސް ފްރައިންޑްޝިޕް" ކިޔާ ފޭސްބުކް ޕޭޖަކުން ބުނެފައި ވަނީ ރާއްޖޭގައި އަލަށް ހިންދީ ދީނުގެ ދިވާލީ ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައެވެ. އެ ސަބަބަށް ޓަކައި އެޕޭޖުން ވަނީ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް ޝުކުރު އަދާކޮށްފައެވެ.

Ads by Sosun Fihaara

ހަވާ އަރުވާ މަންޒަރަކީ ގިނަ ދިވެހީން ބަލާހިތްވާ މަންޒަރެކެވެ. ހަވާ އަރުވާނަމަ ގިނަ ބަޔަކު ހަވާ އަރުވާ މަންޒަރު ބަލަން އެއްވުމަކީ އައު ކަމެއް ވެސް ނޫނެވެ. ހައިރާން ވާންވީ ކަމެއް ވެސް ނޫނެވެ. ނަަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރޭގައި ގިނަ ބަަޔަކު އެއްތަނަކަށް އެއްވުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އެޗްޕީއޭގެ ގައިޑްލައިންގައި ވާގޮތުންނަމަ މިހާރު އެންމެ ގިނަވެގެން އެއްކޮށް އުޅެވޭނީ 15 މީހުންނަށެވެ.

މިރޭގެ ހަވާ އަރުވާ މަންޒަރު ފޮޓޯއެއް ނަގާލުމަށް އަޅުގަނޑުވެސް ދާން ނިންމީމެވެ. އަޅުގަނޑާއި "ދެން" އިތުރު ނޫސްވެރިއަކު އެތަނަށް ދިއުމަށް ޓަކައި ދަތުރު ފެށީމެވެ. ނަމަވެސް ވަަކި ހިސާބަކަށް ދެވޭއިރަށް ހަވާ އަރުވާ އަޑު އިވެން ފެށިއެވެ. އޭރު އަޅުގަނޑުމެން ތިބީ ވެލާނާގެ ސަރަހައްދުގައެވެ.

އަޅުގަނޑަށް އެވަގުތު އެއް ކަމެއް ފާހަގަ ވިއެވެ. މަގުމަތި އެހެން ރޭރެއަށްވުރެ ބާރު ބޮޑު ކަމެވެ. ކޮޅަކުން ކޮޅަކަށް ގުޑާ ލެވޭކަށް ވެސް ނެތެވެ. އަޅުގަނޑުމެން ވެލާނާގެ ކައިރީގައި ސައިކަލު ޕާކު ކުރީމެވެ. އަދި ހިނގާފައި ބޭރު މަގަށް ނިކުމެއްޖައީމެވެ. އޭރު ހަވާ އަރުވާ ނިމެނީއެވެ. ބޭރު މަގަށް ނުކުމެ ބޭރު މަގުގެ ހާލަތު ފެނުމުން އަޅުގަނޑު "ސަހަރޯއޭ" ހިތަށް އެރިއެވެ. ކޮވިޑް-19ގެ މި ބަލިމަޑުކަމުގެ ތެރޭގައި މިހާ ގިނަ ބަޔަކު އެއްވެފައިވާ މަންޒަރެއް އަޅުގަނޑެއް ނުދެކެމެވެ.

ހަވާ އަރުވާ މަންޒަރު ބެލުމަށް ޓަކައި ގިނަ ބަޔަކު އެތަނަށް އެއްވެފައި އޮތެވެ. ކޮޅާކޮޅު ނުފެނެއެވެ. އަޅުގަނޑުމެން އެތަނަށް ދިޔައިރު ހަވާ އަރުވާ ނިމިއްޖެއެވެ. އެހެންކަމުން އަޅުގަނޑުމެން ބެލީ އަވަހަށް އެތަނުން ދެވޭތޯއެވެ. ނަމަވެސް އެއީ ވެސް މާކަށް ފަސޭހަ ކަމަކަށް ނުވިއެވެ. މީހުންތައް އެތަނުގައި އޮތީ ބޮނޑިވެފައެވެ. ހަވާގެ މަންޒަރު ބެލުމަށް ޓަކައި ކުޑަކުދިން ގޮވައިގެން ވެސް މީހުން އައިސްފައިވާ މަންޒަރު ފެނުނެވެ.

އަަޅުގަނޑުގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދިގެން ދިޔައެވެ. ކޮވިޑް-19އަށް ފުރަތަމަ މީހަކު ފައްސިވުމުން ބިރުން އުޅުނު ދިވެހީން މިއަދު ކޮބައި ހެއްޔެވެ؟ ކޮވިޑް-19 ރާއްޖޭގައި ފެތުރިދާނެ ކަމަށް ޓަކައި ބިރުން އުޅުނު ރައްޔިތުން މިއަދު ކޮބައި ހެއްޔެެވެ؟ ފަރުދީ ޒިންމާ ނެގުމަށް މީސްމީޑިއާގައި ޕޯސްޓު ކުރުމަށްފަހު ގޮސް ހަވާ އަރުވާ މަންޒަރު ބަލަން ތިބުމަކީ ފަރުދީ ޒިންމާ އަދާ ކުރުން ހެއްޔެވެ؟ ކޮވިޑް ފެތުރެނީ ހަމަ އެކަނި އިދިކޮޅުން ޖަލްސާއެއް ބޭއްވީމައި ހެއްޔެެވެ؟ ނުވަތަ ޖިންސީ ގޯނާއާ ދެކޮޅަށް ހަޅުތާލެއް ކޮށްގެން ހެއްޔެވެ؟

މިރޭ ހަވާ އެރުވި މަންޒަރު ބަލަން ގިނަ ބަޔަކު ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެމްއެންޑީއެފަށާއި އެޗްޕީއޭއަށް އަމާޒު ވެފައެވެ. ހަވާ އަރުވާ މަންޒަރު ބަލަން އާންމުން އެއްވުން ނުހުއްޓުވުނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދާފައިވެއެވެ.

އަޅުގަނޑުގެ ހިތަށް އަރައެވެ. މިފަދަ ދަނޑިވަޅެއްގައި ވެސް ރައްޔިތުން މައިތިރި ކުރަން ޖެހެނީ ގަދަބާރުން ހެއްޔެވެ. ރައްޔިތުން އެއްވެ އުޅުން ހުއްޓުވަން ޖެހެނީ ފުލުހުންގެ މުގުރުގެ ބޭނުން ކޮށްގެން ހެއްޔެވެ. ނޫނެކެވެ. އަޅުގަނޑުމެން އަބަދާއި އަބަދު މި ދައްކަނީ ފަރުދީ ޒިންމާއެއްގެ ވާހަކައެވެ. ފަރުދީ ޒިންމާ އަދާ ކުރުމަކީ ކޮންމެ މީހެއްގެ މައްޗަށް ވެސް އޮތް ޒިންމާއެއް ކަމުގައި އެންމެން ވެސް ގަބޫލު ކުރެއެވެ. ނަމަވެސް އަަމަލުން އެކަން ނުފެންނަ ކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ.

ހަވާ އަރުވާ މަންޒަރު ދުވަހަކު ވެސް ނުފެންނަ ބަޔަކު އުޅުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިއީ މާލޭގައި ހަވާ އަރުވާ ފަހު ފަހަރު ނޫން ކަން ޔަގީނެވެ. ފަރުދީ ޒިންމާ އަދާ ކުރުމަކީ ކޮވިޑް-19ގެ މި ބަލިމަޑުކަމުގެ ދުވަސްވަރު ހަވާ އަަރުވާ މަންޒަރު ބަލައިނުލާ ގޭގައި އޮތުން ނޫން ހެއްޔެވެ؟ ނުވަތަ ދިޔަ ނަމަވެސް ގައިދުރުކަމަށް އިސްކަން ދިނުން ނޫން ހެއްޔެވެ؟

  1. ޙަސަން

    އެ.ޕީ.އޭ ކޮބާ؟ ފުލުހުން ކޮބާ؟ ދެންބަލާލާ ގަޑިޔަށް، ޒިންމާ އަދާ ކުރެވޭވަރު ދެން ފެންނާނެ.

  2. ނަނަ

    ކައިވެންޔަކައްތަަ ނޫނީީ އިންޑިޔާގެެ ދީވަލިއައްތަ

  3. ފޫހި

    މިކަހަލަ ބަލި މަޑު ކަމެއްގެ ތެރޭގަ ހަވާ އެރުވުމަކީ ވެސް ޒިންމާދާރު ކަން ކުޑަ އަމަލެއް. ގިނަ ދިވެހިންވެސް ހަމަ ގަމާރީ. ތާކު މީހަކު ބެރެއް ޖަހާ އިރަށް ވާނެ އެތަނަކަށް ދާން. ސިފްކޯ އިން ވެސް ނުޖެހޭ މިކަހަލަ ދުވަސްވަރެއްްގަ ހަވާ އަރުވާކަށް ވެސް. އެނގެނން ވާނެ ގިނަ ދިވެހިންނަކީ ސިކުނޑިގަ ތެތް ކަމެއް ނެތް ބައެއްކަން. ދިވެހިންގެ ސިކުނޑިގަ އުނި ކަމެއް ހުރެ އެ ބުނީމަ ބުނި މީހަ ގޯސްވެފަ އޮތީ