ދީބާޖާ ހުކުމް އަޑު އެހުމާއި ރިވިއު ކުރުން މާދަމާއަށް ތާވަލު ކޮށްފި

ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ރިވިއު ކުރުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފައި ވާ މައްސަލައިގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފިއެވެ.
މާދަމާ މިމައްސަލައިގެ އަޑުއެހުން ހެނދުނު 11:00 އަށް ތާވަލު ކުރެވިފައިވާއިރު، މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވިފައި ވަނީ މިދިޔަ މަހުހެ 14 ވަނަ ދުވަހުއެވެ. އެއަޑުއެހުމުގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ރިވިއު ކުރުމަށްފަހު ބާތިލު ކުރުމަށް ދައުލަތުން އެދިފައިވި ނަމަވެސް އެއީ ނިހާއީ ހުކުމެއް ކަމަށާއި، އެ ބަދަލު ނުކުރެވޭނެ ކަމަށް ދީބާޖާގެ ފަރާތުން ވަކާލާތު ކުރަމުން ދިޔަ ފަރާތުން ވަނީ ބުނެފައެވެ.
ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ، އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލައިގައި ކުރެވުނު ހުކުމެކެވެ. އަދި މި އަހަރު ސުޕްރީމް ކޯޓުން ވަނީ މި ހުކުމް ދަމަހައްޓައިފައެވެ.