ޚަބަރު

އަނބިކަނބަލުންގެ ދިފާއުގައި ގާސިމް: ނަން ހުށަހެޅުއްވީ ގާބިލް ކަމަށް ގާސިމަށް ޔަގީން ކުރެވޭތީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޓްރާންސްޕޯޓު މިނިސްޓަރުކަން ކުރައްވަމުން އަންނަ އާއިޝަތު ނަހުލާއަށް އެ މަގާމު ލިބިވަޑައިގަތީ ގާސިމްގެ އަނބިކަނބަލުން ކަމަށް ވީތީއޭ ބުނެ ދައްކަމުން އަންނަ ވާހަކަތަކުގެ ދިފާއުގައި އެކަމަނާގެ ފިރިކަލުން ގާސިމް ނިކުންނަވައިފިއެވެ.

Ads by Sosun Fihaara

ނަހުލާއަށް އާންމުން ފާޑުކިޔަން ފަށާފައި ވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރުކަން ލިބިވަޑައިގަތީ ގާސިމްގެ އަނބިކަނބަލުންނަށް ވުމުން ނޫން ކަމަށް ނަހުލާ ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ގާސިމް ވިދާޅުވީ އެ މަގާމަށް ނަހުލާގެ ނަންފުޅު ހުށަހެޅުއްވީ އެކަމަށް ގާބިލްކަމަށް އެމަނިކުފާނަށް ފެނިވަޑައިގަތުމުން ކަމަށެވެ.

ނޫސްވެރިންނަށް އެމަނިކުފާނު ފޮނުއްވެވި މެސެޖެއްގައި ވަނީ ގާސިމްގެ އަނބިކަނބަލަކަށް ވެގެން އެއްވެސް ވަޒީފާއެއް ދޭން ޖެހޭ ގޮތަށް ގާނޫނު އަސާސީގައި އޮތްތޯ ސުވާލު ކުރައްވާފައެވެ.

"އައިޝާ [މިނިސްޓަރު] އަކީ ކަންކުރެވޭނެ ހިތްވަރު ހުރި އަދި ވިސްނުންތެރި، ކުޅަދާނަ، ތެދުވެރި، ތައުލީމީ، އަދަބުވެރި، ކިޔަމަންތެރި، ގާބިލް ބޭފުޅެއްކަން ގާސިމްއަށް ޔަގީން ވާތީ އެކަމަނާ އެދިވަޑައިގެންނެވި ވަޒީފާ ދެއްވުމަށް ޖޭޕީގެ ފަރާތުން އަޅުގަނޑު ރައީސަށް ހުށައެޅީ. އެ މަގާމު ރައީސް ދެއްވީ އެކަމަނާގެ ގާބިލްކަން ރަނގަޅަށް އެނގިވަޑައިގެންފައިވާތީކަން ކަށަވަރު. އެއީ ގާސިމްގެ އަނތްބަކަށް ވެގެނެއް ނޫން،" ގާސިމް ވިދާޅުވިއެވެ.

އަދި އައިޝާއަށް މަގާމު ދެއްވީ ވަކި މީހެއްގެ އަނތްބަކަށް ވެގެންނޫން ކަމަށް އައިޝާ ވިދާޅުވީމަ އެ ބަހުގައި ހިފައިގެން އެކޮޅަށް ދަމާ މި ކޮޅަށް ދަމާ ހަދަމުން ތިޔަ ގެންދަވަނީ ހަޖަމް ނުކުރެވިގެންތޯ ގާސިމް ވަނީ ސުވާލު ކުރައްވާފައެވެ.

އޭނާ ވަނީ އެފަދަ ގޮތަކަށް އެކަކާ ވެސް ދިމާކޮށް ކޮޅުކޮޅަށް ދެމުން ވަގުތުން ހުއްޓާލުމަށް ނަސޭހަތްތެރި ވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!