ރިޕޯޓް

ރާއްޖެ އިސްލާމްވި ދުވަސް: މިއީ މިހާރު ސައްތައިން ސައްތަ މުސްލިމު ޤައުމެކޭ ބުނެވިދާނެތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރް މަހުގެ ދެވަނަ ދުވަހުގައެވެ. މިއަހަރުގެ އެދުވަސް ދިމާވެފައި މިވަނީ މިއަދަށެވެ.

Ads by STELCO

ދުވަހުގެ ތަހުނިޔާ މީސްމީޑިއާ އާއި އެނޫން ވެސް އެކި ގޮތްގޮތުން އެކި މީހުންގެ ފަރާތުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޮނުވަމުންދާތަން ފެނެއެވެ. ތަހުނިޔާ ކިޔުމުގައި ރާއްޖޭގެ ސިޔާސީ ގޮތުން އެންމެ ކުރީ ސަފުގައި އުޅޭ ބައެއް ލީޑަރުންނާއި، އެބޭފުޅުންގެ ދަރިންނާއި، ރައްޔިތުންގެ މަޖިލިސްގެ އެހާރާއި މިހާރުގެ ބައެއް މެންބަރުންނާއި އެކިއެކި އެހެން ދާއިރާތަކުގެ ފަންނާނުންނާއި އާއްމު ބައެއް ރައްޔިތުން ވެސް ހިމެނެއެވެ. އިސްލާމްވަންތަކަމާއި އެއްބައިވަންތަކަން މިފަދައިން އެކަކު އަނެކަކުގެ ކިބައިން ފެނުމަކީ ވަރަށް ވެސް ބަލާލަން އުފާވެރި މަންޒަރެކެވެ.

ދުވަހުގެ ތަހުނިޔާތައް ކިޔާލިއިރު ލޮލުގައި އަޅައިގަތީ ރާއްޖެއަކީ "ސައްތައިން ސައްތަ" މުސްލިމު ޤައުމެއް ކަމަށް އަދިވެސް ބައެއް ބޭފުޅުން ފާހަގަކޮށްފައިވުމެވެ. އެހިނދު އަޅުގަނޑުގެ ހިތުގައި ސުވާލެއް އުފެދުނެވެ.

"ރާއްޖެއަކީ މިހާރު ސައްތައިން ސައްތަ މުސްލިމު ޤައުމެއް ކަމަށް ބުނެވިދާނެ ހެއްޔެވެ؟"

އިސްލާމްދީނުގައި ރާބުއިމާއި މަސްތުވުން ވެސް ޙަރާމެވެ. ނަމަވެސް އެކަން ކުރާ ހެޔޮ ނުވިސްނޭ މީހުންވެސް އަޅުގަނޑުމެންގެ ތެރޭގައި އެބައުޅެވެ. އިސްލާމްދީނުގައި ރިބާ ވެސް ޙަރާމެވެ. ނަމަވެސް ނަންހިނގާ ބައެއް ބޮޑެތި ކުންފުނިތަކުން ވެސް އެކަން އެބަ ކުރެއެވެ. ޖުވާ ކުޅުން ވެސް ޙަރާމްވާއިރު، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އެކަން ނުކުރެވިގެން ވެސް ވަނީ ހޭބުއްދި ފިލައިގެން ގޮސްފައެވެ.

މީގެއިތުރުން ވައްކަން ކުރުން ވެސް ޙަރާމެވެ. ނަމަވެސް އެކި ގޮތްގޮތުން އެކި ފަންތީގައި އެކަން ކުރާ މީހުން ވެސް ރާއްޖޭގައި އެބަތިއްބެވެ.

ޒިނޭ ކުރުމަކީ ވެސް އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެކެވެ. ނަމަވެސް މިޒަމާނުގައި އެކަންވެފައި ވަނީ "ޓްރެންޑް" އަކަށެވެ. އެފަދަ މީހުން ބުނާ ގޮތުގައި ކައިވެނިން ބޭރުން ނުވަތަ ކައިވެނި ކުރުމުގެ ކުރިން ފުރަތަމަ ކަންކަން "ޗެކް ކޮށްލުން" މަޖުބޫރެވެ. އެއީ އެމީހުން ދެކޭ ގޮތުގައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ރާއްޖޭގައި ދެން ފެތުރެމުން އަންނަ އަނެއް ބޮޑު ފާފައަކީ އެއް ޖިންސުން ގުޅުން ހިންގުމެވެ. ބަޔަކު މިކަމާއި އެއްބަސް ވިޔަސް ނުވިޔަސް، ރާއްޖޭގައި ވެސް އެއްޖިންސުން ގުޅުން ހިންގާ މީހުން އެބައުޅޭކަމީ އެންމެންނަށް ވެސް އެނގޭ ބޮޑު ސިއްރެކެވެ.

މާރާމާރީ އާއި މީހުން މެރުންވެސް މިތަނުގައި މިހާރު އެބަވެއެވެ. ތޫނު އެއްޗެހިން ހަމަލާދޭއިރު، ކުރިމަތީގައި މިހުންނަނީ ދިރިހުރި އިންސާނެއްކަމެއް، ކޮންމެވެސް މައެއްބަފައެއްގެ ދަރިއެއްކަމެއް، އާއިލާއެއްގެ މެންބަރެއް ކަމެއް ވެސް ބެލުމެއްނެތެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމަށް ވަކާލާތު ކޮށްފައިވާއިރު މިޤައުމުގައި ދީން ޤަބޫލު ނުކުރާ މީހުންނާއި ދީނަށް ފުރައްސާރަކުރާ ދިވެހީންވެސް އެބައުޅެވެ. ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ؟

ކަންކަން މިފަދައިން ހުރިއިރު ވެސް މާތް ރަސްކަލާނގެ އޯގާތެރިކަން އަހަރެމެންގެ މައްޗަށް އިންތިހާއަށް ބޮޑެވެ. މިފަދަ ފާޙިޝް ޢަމަލުތައް މިތަނުގައިވެސް ހިނގަމުންދާއިރު، އެކަލާނގެ ކޯފާއެއް އަޅުގަނޑުމެންގެ މައްޗަށް ނުފޯރުމަކީ، އެކަލާނގެ އޯގާތެރިކަމާއި ކުޅަދުންވަންތަކަން ނޫން އެހެން ކޮންކަމެއްތޯއެވެ؟

ރަނގަޅަށް ވިސްނައިފި މީހަކަށް އަދިވެސް ވަގުތު ފާއިތެއް ނުވެއެވެ. ކޮންމެ ދުވަހަކު ތިބާ ދުނިޔެއަށް ދޫކޮށްލަމުން ތިގެންދާ ނޭވާތަކަކީ ވެސް އެކަލާނގެ ރަޙްމަތްފުޅުން ތިބާއަށް ލިބިފައިވާ އެއްޗެކެވެ. ކަންކަން ރަނގަޅުކޮށް ޠައުބާވުމަށް ދެވޭ ފުރުސަތެކެވެ.

ރާއްޖެ "ސައްތައިން ސައްތަ" ނުވަތަ ފުރިހަމައަށް މުސްލިމު ކުރުމުގައި އަޅުގަނޑުމެން އެންމެން ވެސް އަތާއި އަތް ގުޅާލައިގެން މަސައްކަތް ކުރަމާތޯއެވެ؟ އާރާއިބާރު ހުރި ފަރާތްތަކުން ވެސް އިސްލާމްދީނަށް އިސްކަންދެމާތޯއެވެ. ހަމަޔަގީނުން ވެސް އޭރުން މިފަދަ ދުވަސްތައް އެއްވެސް ދެއްކުންތެރިކަމަކާއި ނުލާ ފާހަގަ ކުރެވޭނެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!