ޚަބަރު

ކުރެންދޫ ޕޮލިސް އިންޗާރޖު މީހެއްގެ އަނތްބެއްގެ ގާތަށް ވަނުމުން އެ ރަށުގެ ރައްޔިތުން ރަތަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޅ.ކުރެންދޫ ޕޮލިސް ސްޓޭޝަންގެ އިންޗާރޖު މީހެއްގެ އަނތްބެއްގެ ކައިރިއަށް ވަދެ އުޅުނުކަމަށް ބުނެ އެ ރަށުގެ ގިނަ ރައްޔިތުންތަކެއް އެ ރަށު ޕޮލިސް ސްޓޭޝަން ކައިރީގައި މުޒާހަރާ ކޮށްފިއެވެ.

Ads by Sosun Fihaara

ކުރެންދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖަކީ ޅ.ނައިފަރަށް ނިސްބަތްވާ މީހެއް ކަމަށާއި އޭނާ ވެސް އުޅެނީ ކުރެންދޫގެ އަންހެނަކާ ކައިވެނިކޮށްގެން ކަމަށް "ދެން" އަށް ވަނީ ކަށަވަރު ވެފައެވެ.

މިކަން ހިނގާފައިވަނީ ރޭ 11:09 އެހާކަށް ހާއިރުއެވެ. އެ ވަގުތަކީ ކުރެންދޫއަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.

އެރަށުގެ މީހަކު "ދެން" އަށް ކިޔައިދިން ގޮތުގައި މި މަންޒަރު ފެނުނީ އެ ވަގުތު އެގޭގެ އަސްކަނި ކައިރިއަށް ހިޔާވާން ވަތް ކުއްޖަކަށެވެ. އަދި އެވަގުތު އެގޭގެ ފާރު މަތިން މީހަކު އަރާ މަންޒަރު އެ ކުއްޖަކަށް ފެނުނު ކަމަށާއި އަދި އެކުއްޖާ ވަގުތުން އޭނާއަށް ފާރަލާން ފެށި ކަމަށްވެސް އެމީހާ ކިޔައިދިނެވެ. އަދި އެ ކުއްޖާއަށް އޭނާ ވަންނަ މަންޒަރު ފެނުމުން ވަގެކޭ ކިޔާ ހަޅޭއް ވެސް ލަވައިގަތް ކަމަށް ބުންޏެވެ.

އެގޭގެ ކައިރީގައި އޭނާއާ އަދި އެހެން ދެ ކުއްޖަކު ފާރައަށް ތިއްބެވެ. ފާރައަށް ތިއްބާ ފެނުނު މަންޒަރަކީ އެގޭގައި މީހަކާ އިނދެގެން އުޅޭ އަންހެނެއްގެ ކޮޓަރިން ޕޮލިސް އިންޗާރޖު ފުންމާލި މަންޒަރެވެ. އޭނާ ފުންމާލީ މަގުމައްޗަށް ކަމަށާއި އަދި ފުންމާލީ ވެސް ފުރަތަމަ ފަންގިފިލާގައި ހުންނަ ކޮޓަރިއަކުން ކަމަށް މައުލޫމާތު ލިބެއެވެ.

އެކަމާ ގުޅިގެން ރޭ ދަންވަރު ގިނަ ރައްޔިތުންތަކެއް އެރަށު ޕޮލިސް ސްޓޭޝަން ކައިރީގައި މުޒާހަރާ ވެސް ކޮށްފައިވާ ކަމަށް، އެ ރަށުގެ ކައުންސިލްގެ ނައިބު ރައީސާ ވިޝާމާ ވިދާޅުވިއެވެ. ވިޝާމާ ވިދާޅުވީ ރޭ ދަންވަރު އެފަދަ ކަމެއް ހިނގައިގެން އުޅޭކަމުގެ ވާހަކަތައް ރަށުގައި ފެތުރިގެން އުޅޭ ކަމަށާއި އޭނާއަށް ވެސް އަޑު އިވިފައި އޮތީ ޔޯލައަށް ދައްކާ ވާހަކަތައް ކަމަށެވެ. އެހެން ނަމަވެސްް ގިނަ ރައްޔިތުންތަކެއް ވަނީ ޕޮލިސް ސްޓޭޝަންގެ ކުރިމަތީގައި މުޒާހަރާ ކޮށްފައިކަން އޭނާ ފާހަގަ ކުރިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!