ވިންޑް ސާފް ބޯޑެއްގައި ނިކުމެ އުޅެނިކޮށް ގެއްލުނު ދެމީހަކު ސަލާމަތް ކޮށްދީފި

ވިންޑް ސާފް ބޯޑެއްގައި ނިކުމެ ރަށަކަށް ދަތުރު ކުރަނިކޮށް ގެއްލުނު ދެމީހަކު އެމްއެންޑީއެފުން ސަލާމަތް ކޮށްދީފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލ. މާމެންދޫއިން އެ ދެމީހުން ވިންޑް ސާފް ބޯޑެއްގައި ދަތުރުކުރީ އެއަތޮޅު ހިތަދުއަށް ކަމަށެވެ.
މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށް ވެސް މޭޖަރ އާޒިމް ވިދާޅުވެފައިވެއެވެ.
ހާދިސާގައި ގެއްލިގެން، ސަލާމަތް ކޮށްފައިވަނީ ދެ ދިވެހިންނެވެ. ނަމަވެސް އެމީހުންގެ އިތުރު މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޯސްޓު ގާޑު އުޅަނދުން އެމީހުން ނުފެނިގެން ހަރަކާތްތެރި ވަނިކޮށް، އެ ދެމީހުން ވެސް ހެޔޮ ހާލުގައި ފެނިގެން މިހާރު ވަނީ އެ އުޅަނދަށް ނަގައިފައެވެ.
މިމައްސަލަ ފުލުހުން އިތުރަށް ބަލަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މޫސުން ގޯސްވުމާއި ގުޅިގެން މެޓް އޮފީހުން ވަނީ ނ. އަތޮޅުން ދ. އަތޮޅަށް ހުދު ސަމާލު ވެސް ނެރެފައެވެ.