ލައިފްސްޓައިލް

ތަނެއް ކުރިއެރުމުގައި ހުރިހާ މުވައްޒަފުންނަށް ވެސް ހިތްވަރު ދިނުން ވަރަށް މުހިންމު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮންމެ އިދާރާއެއްގައި ވެސް ނުވަތަ ކުންފުންޏެއްގައި ވެސް، މަސައްކަތް ކުރާ މުވައްޒަފުން ހިތްހަމަ ޖައްސާފައި ބޭތިއްބުމަކީ ވަރަށް މުހިންމު ކަމެކެވެ. މަސައްކަތް ފުރިހަމައަށް ރަނގަޅަށް ކުރެވޭނީ ވެސް އެމަސައްކަތެއް ކުރަން ތިބޭ މުވައްޒަފަކު އެތަނަކާމެދު ހިތްހަމަ ޖެހިފައި ތިބެގެންކަމީ އެންމެންވެސް ޤަބޫލު ކުރާނެ ވާހަކައެކެވެ.

Ads by Sosun Fihaara

ނަމަވެސް ބައެއް ތަންތަނުގައި، އެކުއެކީގައި އުފަލާއެކު މަސައްކަތްކުރާ މުވައްޒަފުން މަދެވެ. ތިމާ މަސައްކަތްކުރާ ތަނާމެދު ނުވަތަ އެތަނުގައި މަސައްކަތްކުރާ އެހެން ބަޔަކާމެދު އޮންނަ ހިތްހަމަ ނުުޖެހުންތަކެއްގެ ސަބަބުންނާއި، މަސައްކަތް ފުރިހަމައަށް ކުރުމަށް ހިތްވަރު ނުލިބުމުން ވެސް އޭގެ އަސަރު ކުރާ މަސައްކަތަށް ފޯރައެވެ.

މުވައްޒަފުން ކުރާ މަސައްކަތްތައް ބަލައިގަނެ، އެމަސައްކަތްތަކަށް އިތުރު ހިތްވަރު ދިނުމަކީ ތަނުގެ ވެރިންނާއި މުވައްޒަފުންނާމެދު އޮންނަ ގުޅުން ވެސް އިތުރަށް ބަދަހިވެ، އެމަސައްކަތެއް ވެސް ކުރާހިތުން ކުރުމަށް މަގު ފަހި ވާނެ ކަމެކެވެ.

ތިރީގައި އެވަނީ މުވައްޒަފުންނަށް އިތުރު ހިތްވަރު ދިނުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަމެވެ.

  • މުވައްޒަފުންނަށް އިތުބާރު ކުރާކަން އެމީހުންނަށް އަންގައިދިނުން

މުވައްޒަފުންނަށް އިތުބާރު ކުރާކަމާއި އެކިކަންކަން އެމީހުންގެ މައްޗަށް ދޫކޮށްލާކަން އެނގުމުން، ގިނަ މުވައްޒަފުން އެ އިތުބާރު އަބަދުވެސް ދަމަހައްޓަން ބޭނުންވެ، އެކަމަށް މަސައްކަތް ވެސް ކުރާނެއެވެ. އަދި އެއިތުބާރު އެއަށްވުރެ ވަރުގަދަ ކުރެވޭތޯ ވެސް މަސައްކަތް ކުރާނެއެވެ.

  • ކަމެއް ކުރަންވީ މަޤްސަދު މުވައްޒަފުންނަށް ދައްކައިދިނުން

ބައެއް މަސައްކަތްތައް ހަވާލު ކުރުމުގެ ކުރިން އެކަމެއް ކުރަންވީ މަޤްސަދާއި، އެކަމެއް ކުރުމުން އެމުވައްޒަފުންނަށާއި ކުންފުންޏަށް ވެސް ނުވަތަ އިދާރާއަކަށް ވެސް ކުރާނެ ފައިދާތައް ކިޔައިދިނުން މުހިންމެވެ. އެއިރުން އެމަޤްސަދު ނުވަތަ ލަނޑުދަނޑި ހާސިލު ކުރުމުގެ ގޮތުން ވެސް މުވައްޒަފުން އިތުރަށް މަސައްކަތް ކުރާނެއެވެ.

  • އުފާވެރި މާޙައުލެއް ޤާއިމް ކުރުން

މަސައްކަތް ކުރާ ތަނެއްގައި އުފާވެރި މާހައުލެއް ޤާއިމް ކުރުމަކީ މަސައްކަތްތައް އިތުރަށް ފުރިހަމައަށް ކުރެވުމަށް ވަރަށް ބޮޑަށް އެހީތެރިވެދީ، މުވައްޒަފުން އިތުރަށް މަސައްކަތް ކުރާ ހިތުން ކުރާނެ ކަމެކެވެ. އަބަދު މަސައްކަތުގެ ބުރަކަން އިޙުސާސްކޮށް ނުދީ، އެކި ކަންކަމާމެދު ވާހަކަ ދައްކާ މަޖާކޮށް އުޅުމުން، ނުވަތަ ކޮންމެވެސް ކުޅިވަރެއް ކުޅެ އުޅުމުން ވެސް މަސައްކަތް ކުރާ ތަނާއި ވެރިންނާ މެދު ގާތް ގުޅުމެއް އުފެދި، އިތުރަށް ފުރިހަމަކޮށް މަސައްކަތް ކުރެވޭނެއެވެ.

  • މުވައްޒަފުންނާއިމެދު ތަފާތު ނުކުރުން

މިއީ ވަރަށް ގިނަ ތަންތަނުގައި ދިމާވާ މައްސަލައެކެވެ. ކޮންމެ ތަނެއްގައި ވެސް "ފޭވަރިޓެއް" ހުރުމާއި އެކަން އެހެން މީހުންނަށް ވެސް އިޙުސާސް ވުމެވެ. ހަގީގަތުގައި މިއީ ދެން ތިބި މުވައްޒަފުން ވަރަށް ބޮޑަށް މާޔޫސް ކޮށްލުވާ އަދި މަސައްކަތާމެދު ފޫހި ކުރުވާ ކަމެކެވެ. އެހެންކަމުން އެންމެންނާމެދު ވެސް ހަމަހަމައަށް ކަންތައް ކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދިނުން މުހިންމެވެ.

  • ހަމަހަމަ ދެފުށް ފެންނަ އުސޫލެއް އެންމެންނާމެދު ވެސް ގެންގުޅުން

މިކަމަކީ ވެސް މުވައްޒަފުންނާމެދު ތަފާތު ކުރުން ގެންގުޅެވުމުން ކުރިމަތިވާ ކަމެކެވެ. ބައެއް މުވައްޒަފުން ރަނގަޅަށް މަސައްކަތް ނުކުރި ކަމުގައިވިޔަސް އެމީހުންނާމެދު އޮންނަ ގާތް ކަމެއްގެ ސަބަބުން އެކަން ނުފެންނަނީއެވެ. އަދި ބައެއް މަސައްކަތްތައް ވެސް ހަމައެކަނި އެފަދަ މުވައްޒަފުންނާ އެކަނި ހަވާލު ކުރެވެނީއެވެ. ބައެއް މުވައްޒަފުން ކުށެއް ކުރުމުން ވެސް އެކަން ނުފެނި، ރަނގަޅަށް މަސައްކަތް ކުރާ މީހަކަށް ކުށެއް ކުރެވުމުން އެކަން ފެނުމަކީ މުވައްޒަފުން ވަރަށް ފަސޭހައިން ހިތްހަމަ ނުޖެހޭނެ ކަމެކެވެ. އެހެންކަމުން އެންމެންނާމެދު ވެސް ހަމަހަމަ ދެފުށް ފެންނަ އުސޫލެއް ގެންގުޅުން ވަރަށް މުހިންމެވެ.

  • ކުރާ މަސައްކަތްތަކަށް މުޅި ޓީމަށް ތައުރީފު ކުރުމުގެ އިތުރުން ވަކިވަކިން ވެސް ތައުރީފު ކުރުން

މިއީ ވެސް ބައެއް ވެރިންނަށް ކުރެވޭ ވަރަށް ނޭދެވޭ ކަމެކެވެ. ހުރިހާ މުވައްޒަފުންނާމެދު ހަމަހަމަ ކުރުމުގެ ނިޔަތުގައި މުޅި ޓީމަށް އެއްކޮށް ތައުރީފު ކުރުމެވެ. ގިނަ ފަހަރަށް މިފަދައިން ކަންތައް ކުރުމުން، މަދުން މަސައްކަތް ކުރާ މީހުން ވެސް އެތައުރީފުގައި ޝާމިލުވާތީ ނުވަތަ ޝާމިލު ކުރާތީ ގިނައިން މަސައްކަތް ކުރާ މީހުންނާމެދު ބޭއިންސާފު ވެވުނީ ކަމަށް އެމުވައްޒަފުންނަށް ޤަބޫލު ކުރެވި، މަސައްކަތް ކުރާ ތަނާމެދު ފޫހިވާން ފަށައެވެ. އެހެންކަމުން އެބަޔަކު ކުރާ މަސައްކަތެއް ވަކިވަކިން ފާހަގަ ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ޝަކުވާ ކުރާ މީހުން ވެސް އަދި ނުކުރާ މީހުން ވެސް، އެމީހަކު ކުރާ މަސައްކަތެއް ތަނުގެ ވެރިން ބަލައިގަންނަކަން އެނގެން ބޭނުން ވާނެއެވެ. އެހެންކަމުން މުޅި ޓީމަށް ތައުރީފު ކުރި ކަމުގައިވިޔަސް މުވައްޒަފުން ކުރާ މަސައްކަތްތައް ވަކި ވަކިން ފާހަގަ ކުރުން ވެސް މުހިންމެވެ.

 

މަސްދަރު: އިންކް.ކޮމް (ހަޔަރލީ އިފެކްޓިވް ވޭސް ޓު މޮޓިވޭޓް އެމްޕްލޮޔީސް)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!