ޓެކްސީތަކުން އެޗްޕީއޭ ގައިޑްލައިނާއި ޚިލާފުވޭ: ޑރ.ނަޒްލާ

ޓެކްސީ ކުރާ ފަރާތްތަކުން ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭއިން އަމަލު ކުރުމަށް އެކުލަވާލާފައިވާ ގައިޑްލައިނަށް އަމަލު ނުކުރާ މައްސަލަ ފާހަގަ ވެފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މާލޭގައި ހިންގަމުން އަންނަ މާސް އިންސްޕެކްޝަންގެ ތެރެއިން ޓެކްސީތައް ހުރީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ތޯ ބަލަމުން އަންނަ ކަމަށާއި މިގޮތުން ބައެއް ފަރާތްތަކުން ގައިޑްލައިންއަށް އަމަލު ނުކުރާ ކަން ފާހަގަ ވެފައިވާ ކަމަށެވެ.
އެގޮތުން ގައިޑްލައިނާ ހިލާފަށް ޓެކްސީގެ ކުރިއަށް މީހުން އެރުވުމާއި، ޓެކްސީގެ ކުރީ ސީޓާއި ފަހަތު ސީޓާ ދެމެދު ޖަހަން ޖެހޭ ޕާޓްޝަން ޖަހާފައި ނުވާ މައްސަލަ ފާހަގަ ކުރެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އަދި މިގޮތަށް ކަންކުރަނީ މާލޭގައި ބަލި މަދުވެފައިވުމުން ކަމަށް ބައެއް ޓެކްސީ ކުރާ ފަރާތްތަކުން ބުނާ ކަމަށް ވެސް ޑރ ފާހަގަ ކުރެއްވިއެވެ.
"ބައެއް ބޭފުޅުންގެ ޚިޔާލު އެބަހުރި މިހާރު މާލޭގައި ކޭސްތައް މަދެއް ނޫންހޭ. އެހެންވީމަ ގައިޑްލައިންގައި ހުންނަ ކަންތައްތަކަށް އަމަލު ކުރަން ނުޖެހޭނެއޭ." ޑރ.ނަޒްލާ ވިދާޅުވިއެވެ.