ޚަބަރު

އަންނަ އަހަރު ކުރީކޮޅު ކޮވިޑް ވެކްސިންގެ ފުރަތަމަ ބެޗް ލިބޭނެ: ޑރ. ނަޒްލާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ބެޗް ލިބޭނެކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ޑރ.ނަޒްލާ މިހެން ވިދާޅުވެފައިވަނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ތައްޔާރުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުރަމުން އަންނަ މަސައްކަތުގައި މިހާރު ޞިއްޙީގޮތުން ރައްކާތެރި،އަދި ވެކްސިން ޖެހުމުން ބަލިން ރައްކާތެރިކަން ފޯރުކޮށްދޭކަން ޔަޤީން ކުރެވިފައިވާއިރު ހަތަރު ވެކްސިނެއް މިހާރު ފާހަގަ ކުރެވިފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އަދި ވެކްސިންތަކުގެ ސައިންޓިފިކް ޓޭޑާތަކުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށާއި،ހަފްތާއެއްގެ ތެރޭގައި އާއްމުވެ، އަންނަ އަހަރުގެ ކުރީކޮޅު ވެކްސިނެއް ރަސްމީކޮށް ތަޢާރަފު ކުރެވޭނެކަމުގެ އުއްމީދު ބޮޑުވެފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އަންނަ އަހަރު ކުރީކޮޅު ވެކްސިން ލިބުނު ނަމަވެސް، ވެކްސިން ލިބޭނީ އެކި ބެޗް ބެޗަށް އެކި މިންވަރަށް ކަމަށާއި، ވެކްސިން ލިބެމުންދާ މިންވަރަކުން ވެކްސިން ޖަހާނެ ފަރާތްތައް ގިންތި ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންދާކަމަށެވެ. އަދި ވަކި ތަރުތީބަކުން އެ ވެކްސިން ޖެހުމުގެ މަސައްކަތް ކުރާނެކަމަށް ޑރ.ނަޒްލާ ފާހަގަ ކުރެއްވިއެވެ.

މި ވެކްސިންއާ ބެހޭ އިތުރު މައުލޫމާތުތަކާއި ވަމުން ދާ ތައްޔާރީތައް ރައްޔިތުންނާ ހިއްސާ ކުރުމަށް ވަރަށް އަވަހަށް އެ ސެންޓަރުގެ ފަރާތުން ޚާއްސަ ޕްރެސް ކޮންފަރެންސްއެއް ބާއްވާނެކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވެފައިވެއެވެ.

އަދި މި ވެކްސިން ލިބުމާއެކު ވެކްސިން ބަހައްޓާ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެކަމުގެ އެސެސްމަންޓެއް ހެދި، ބޭނުންވާ ސާމާނު ގަތުމުގެ މަސައްކަތް ކުރިއަށްދާކަމަށް ނަޒްލާ ވިދާޅުވިއެވެ.

Ads by Ooredoo
  1. ބުނަންތަ

    އަވަސް ކުރޭ