މާ ގިނައިން ނިދުމަކީ ވެސް ރަނގަޅު ކަމެއް ނޫން: ދިރާސާ
އަށް ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ނިދުމަކީ ތިމާގެ އުމުރު ކުރުވާ ކަމެއް ކަމަށް ސައިންސްވެރިންގެ ފަހުގެ ދިރާސާ އަކުން ދައްކައިފިއެވެ.
އަށް ގަޑިއިރަށް ވުރެން ގިނައިރު ވަންދެން ނިދުމަކީ ތިމާގެ އަމިއްލަ ނަފުސު ނުރައްކަލެއްގެ ތެރެއަށް ލުން ފަދަ ކަމެއް ކަމަށް ވެސް ސައިންސް ވެރިން ވަނީ ހާމަ ކޮށްފައެވެ. އަދި ހަމައެހެންމެ، 10 ގަޑި އިރަށް ވުރެން ގިނަ އިރުވަންދެން ނިދުމަކީ ތިމާ ޒުވާން އުމުރުގައި މަރުވުމުގެ ފުރުސަތު 30 އިންސައްތަ އިތުރު ވާ ކަމެއް ކަމަށް ވެސް މިދިރާސާގައި ބުނެފައިވެއެވެ.
އަށްގަޑިއިރަށް ވުރެ ގިނައިރު ވަންދެން ނިދުމަކީ ހިތުގެ މައްސަލަތައް ގިނަވެ ހާޓް އެޓޭކް ޖެހުމަށް މަގުފަހިވާ ކަމެއް ކަމަށާއި މީގެ ސަބަބުން އެތައް ބައެއްގެ ފުރާނަ މިހާރުވެސް ގޮސްފައިވާ ކަމަށް ސައިންސްވެރިން ވަނީ ހާމަ ކޮށްފައެވެ. ހަމައެއާއެކު އަށްގަޑި އިރަށް ވުރެ ގިނައިން ނިދުމަކީ ނަފްސާނީ މައްސަލަތައް ވެސް ކުރިމަތިވާ ކަމެއް ކަމަށާއި ރަނގަޅު ސިއްޙަތެއްގައި ހުރުމަށްޓަކައި ބަރާބަރު އަށް ގަޑިއިރުގެ ނިންޖަކީ ވަރަށް މުހިންމު ކަމެއްކަން ވެސް މި ދިރާސާއިން ވަނީ ހާމަވެފައެވެ،
ކޮންމެ ކަމެއްގައިވެސް ހައްދެއްވާ ފަދައިން ނިދުމަށް ވެސް ހައްދެއް ވެއެވެ. އެގޮތުން ކަމާ ބެހޭ މާހިރުން ވިދާޅުވާގޮތުގައި އެންމެ ގިނައިން ނިދުން އެކަށީގެން ވަނީ އަށް ގަޑިއިރުއެވެ. އަދި ތިމާގެ ނިދާ މިންވަރު ވަކި ވަރެއްގައި ބެހެއްޓިއްޖެ މީހެއްގެ ސިފަ ވެސް ރީތިވެ އުޖާލާ ވާ ކަމަށް ވެސް ސައިންސްވެރިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން 8 ގަޑި އިރުގެ ނިންޖަކީ ކިހާ މުހިންމު އެއްޗެއްކަން މީގެން ވެސް ދޭހަވެއެވެ.
މިއަދު އަޅުގަނޑުމެންގެ މުޖުތަމައުއިން ފެންނަމުން ދަނީ މި މަންޒަރެވެ. ރޭގަނޑު ހޭލާ އުޅުމަށް ފަހު ދުވާލު އެއްކޮށް ނިދުމުގައި ހޭދަކުރާ މަންޒަރެވެ. މީގެ ސަބަބުން އަޅުގަނޑުމެނަށް ފާހަގަ ނުވިޔަސް ޙަޤީޤަތުގައި ހާދަ ބޮޑު ގެއްލުމެއް ތިމާގެ ނަފްސަށް ،ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވެއެވެ. ވީއިރު މިކަންކަމާ ދޭތެރޭ ވިސްނާލުން ބުއްދިވެރިއެވެ.