ދީން

ޣާފިލްކަމުގެ ނިދީގައި ތިއްބާ ދުވަސްތައް ވަކިވެގެން ދަނީއެވެ.

ދެން އެމްވީ ، ދެން އޮންލައިން
Ramadan Kareem,The Muslim boy prays in the mosque, the little boy prays to God,Peace and love in the holy month of Ramadan,lifestyle concept

އަޅުގަނޑުމެންނާ ދާދި މިދާކަށް ދުވަހު ބައްދަލުކުރި ރަޙުމަތުން ފުރިގެންވާ ދުވަސްތައް މަޑުމަޑުން ގުނެމުންގޮސް 10 ދުވަސް ވަކިވެދިޔައީއެވެ. ހިތްތަކުގައިވާ ކިލަނބުކަމާއި ދަބަރުތައް އީމާންކަމުގެ ނޫރުން މި ދުވަސްތަކުގައި ކެހިގެން ގޮސްފައި ނުވާ ނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

Ads by Sosun Fihaara

ގިނަބަޔަކަށް ނިޢުމަތްތަކުގެ އަގު ވަޒަންކުރެވެނީ އެ ނިޢުމަތްތަކުން މަޙުރޫމުވުމުންނެވެ. އުމުރުގެ އަގު ވަޒަންކުރެވެނީ އުމުރުގެ ޗާލާކަން ފަހަނައަޅައި ދިޔުމުންނެވެ. ފުރިހަމަ ސިއްޙަތުގެ އަގު ވަޒަންކުރެވެނީ ބަލިވުމުންނެވެ. އަދި ވަގުތުގެ ނިޢުމަތުގެ އަގުވަޒަން ކުރެވެނީ އަވަދިނެތިވުމުންނެވެ.

އަޅުގަނޑުމެން ހޭދަކުރަމުންމިދާ ވަގުތަކީ ވަރަށް އަގުހުރި އެއްޗެކެވެ. އެއީ އިންސާނާގެ ރައުސުލްމާލެވެ. އޭނާގެ ޙަޔާތެވެ. މިދުނިޔޭގައި އޭނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅަކީ އޭނާގެ ޙަޔާތުން މަދުވެގެންދާ ވަގުތުކޮޅެކެވެ. އަޖަލާ ގާތްކުރާ ވަގުތުކޮޅެކެވެ. އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ގެ ބަސްފުޅެއްގައި އައިސްފައިވެއެވެ.

يَا ابْنَ آدَم أَنْتَ أَيَّامٌ، كُلَّمَا ذَهَبَ يَوْمٌ مِنْهَا ذَهَبَ بَعْضُكَ، وَيُوْشِكُ إِذَاذَهَبَ بَعْضُكَ أَنْ يَذْهَبَ كُلُّكَ وَأَنْتَ لَا تَعْلَمُ، فَاعْمَلْ، فَالْيَوْمَ عَمَلٌ وَلَاحِسَابَ، وَغَدًا حِسَابٌ وَلَا عَمَلَ " އޭ އާދަމުގެ ދަރިޔާއެވެ. ތިބާއަކީ ދުވަސްތަކެކެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ތިބާގެ ޢުމުރުން މަދުވެގެންދާ ދުވަހެކެވެ. އަދި ތިބާ ޣާފިލުކަމުގެ ނިދިން ނިދައިފައި އޮއްވައި، ދުވަސްތައް މަދުވަމުން މަދުވަމުންގޮސް، ތިބާގެ ނިމުން އައިސް ތިބާއާ ބައްދަލުކޮށްފާނެތެވެ. އެހެންވީމާ (ޣާފިލުކަމުގެ ނިދިން ހޭލައި) ހެޔޮ ޢަމަލުކުރާށެވެ. އެހެނީ މިއަދު(ދުނިޔޭގައި) އޮތީ ޢަމަލެވެ. ޙިސާބެއް ނެތެވެ. އަދި މާދަމާ (އާޚިރަތުގައި) އޮތީ ޙިސާބެވެ. ޢަމަލެއް ނެތެވެ." ނަމަވެސް މިކަމާ މެދު ވިސްނާ ފިކުރު ކުރަނީ ކޮންބައެއްތޯއެވެ؟ މިއިން ޢިބްރަތް ޙާޞިލުކުރަނީ ފަހެ ކޮންބައެއްތޯއެވެ؟

ތިބާ ތިޔަ އުއްމީދުކުރަނީ އަދި އެހެން ފުރުޞަތަކަށް ހެއްޔެވެ.؟ ނޫން ނަމަ ތިބާ ތިޔަ އުންމީދު ކުރަނީ ކޮންކަމަކަށް ހެއްޔެވެ. ހެނދުނު ވެއްޖިއްޔާ ހަވީރު ވަންދެން ދުނިޔޭގައި ހުންނާނޭކަމުގެ ޔަޤީންކަން އޮތީ އަޅުގަނޑުމެންގެތެރެއިން ކާކަށްތޯއެވެ. އަދި ހަވީރުވެއްޖިއްޔާ ހެދުނު ވަންދެން ދުނިޔޭގައި ހުންނާނޭކަމުގެ ޔަޤީންކަން އޮތީ އަޅުގަނޑުމެންގެތެރެއިން ކާކަށްތޯއެވެ. ހެޔޮ ޢަމަލުތައް، ފަހުންކުރުމަށް ލަސްނުކުރައްވާށެވެ. ލޮބުވެތި އުޚްތުންނޭވެ! ކުރިމަތީގައި މިއޮތީ ހެޔޮކަމުން ފުރިގެންވާ ދުވަސްތަކެވެ. މި 20 ދުވަހުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަމާ ހެއްޔެވެ. މި ރަމަޟާންމަހަކީ ތިބާގެ އެންމެ ފަހުގެ ރަމަޟާންމަހަށް ނުވާނެކަން އެނގެނީ ކިހިނެއް ހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ޢިބްރަތްލިބިގަންނަމާ ހިންގަވާށެވެ. ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕަވާށެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނުލިބޭނެއެވެ.ރަމަޟާން މަސް އަޅުގަނޑުމެންނާ ވަކިވެގެންދަނީއެވެ. ރަޙުމަތާއި ފާފަ ފުއްސެވުމާ އެކު ނަރަކައިން މުއްތިކުރެއްވުމުގެ ދުވަސް މިއޮތީ ކުރިމަތީގައެވެ. އަޅުގަނޑުމެންނާއި އެކުގައި މިދިޔަ އަހަރުގެ ރަމަޟާންމަސް ހޭދަކޮށް އުޅުނު ކިތަންމެ އެކުވެރިންނެއް މި ރަމަޟާންމަސް ފެށުނުއިރު ދުނިޔެ ދޫކޮށްފިއެވެ. މި ތިބެވެނީ އަދިވެސް އަންނަ އަހަރަށް އިންތިޒާރުކުރާ ހާލުގައި ބާވައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ.

-لَيْسَ يَتَحَسَّرُ أَهْلُ الْجَنَّةِ عَلَى شَيْءٍ إِلَّا عَلَى سَاعَةٍ مَرَّتْ بِهِمْ لَمْ يَذْكُرُوا اللَّهَ عَزَّوَجَلَّ فِيْهَا-

މާނައީ: " ﷲގެ މަތިން ހަނދުމަނުކޮށް، ދުނިޔޭގައި ހޭދަކުރެވުނު ވަގުތުކޮޅު ފިޔަވައި އެހެން އެއްވެސް ކަމަކާއި، ސުވަރުގޭގެ އަހުލުވެރިން ހިތާމަ ނުކުރާނެއެވެ."

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ހިތްވަރު އައު ކުރަމާ ހެއްޔެވެ! ޣާފިލްކަމުގެ ނިދީގައި ތިއްބާ ދުވަސްތައް ވޭތުވެ ދަނީއެވެ. ހެޔޮކަންތަކަށް އަވަސްވެ ގަންނަމާ ހެއްޔެވެ!

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!