Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ރިޕޯޓް

ހަގީގީ ހާދިސާ: ހަގު އަނބި މަސައްކަތްކުރީ ފިރިމީހާ އިޞްލާޙްވޭތޯ ، ވިސްނުނުއިރު މާ ލަސްވެއްޖެ

ހަގީގީ ހާދިސާ: ހަގު އަނބި މަސައްކަތްކުރީ ފިރިމީހާ އިޞްލާޙްވޭތޯ ، ވިސްނުނުއިރު މާ ލަސްވެއްޖެ
މިއީ އުތުރުގެ ރަށަކަށް އުފަން ފިރިހެނަކަށް ދިމާވި ހަގީގީ ހާދިސާއެކެވެ. މިވާހަކައަކީ ލޯބީގެ ކަންތައްގަނޑެއް ހިމެނޭ ވާހަކައެއް ނަމަވެސް، މި ހާދިސާއިން ބޮޑަށް އޭނާ އަންގައިދޭން ބޭނުން ވަނީ އޭނައަށް ހެދުނު ގޯހާއި ތެދުމަގު ލިބުނު ގޮތެވެ. އެންމެންނަށް ޢިބްރަތަކަށް ޓަކައެވެ. "އަހަންނަކީ ޒުވާން އުމުރުގައި ކަންނެއްޔަށް ދިޔަ މީހަކީމެވެ. އުމުރުން 19 އަހަރުން ފެށިގެން 24 އަހަރާ ހަމައަށް ކުރި އެމަސައްކަތުން ފުދޭވަރެއްގެ އާމްދަނީއެއް ލިބި، ރަަށުގެ އެންމެ ފޯރާމީހުންގެ ތެރެއިން މީހަކަށް ވެވުނެވެ. ފެންވަރު ރަނގަޅުކޮށް ގެ ހަދާ، އެއްކުރި ފައިސާކޮޅުން ފިހާރައެއް ވެސް ހުޅުވީމެވެ. ދެން އަހަރެން ބޭނުންވީ ޒަވާޖީ ޙަޔާތެއް ފަށާށެވެ. އެކަންވެސް އެހާ ދަތި އުނދަގޫ ކަމަކަށް ނުވިއެވެ. ރަށުގެ އެހެން ވިޔަފާރިވެރިއެއްގެ ދަރިއަކާ ކައިވެނިކޮށްގެން ދިރިއުޅެން އޭރު ފެށީ ހަގީގަތުގައި ދިރިއުޅުމެއް ހޯދުމުގެ މާބޮޑު މަޤްސަދެއްގައެއް ނޫނެވެ. ހަމައެކަނި މީހަކާ އިނުމުގެ ބޭނުމުގައި އިނީއެވެ. އަހަރެންގެ އަނބިމީހާއާއެކު ދިރިއުޅެން ވަރަށް ފަސޭހައެވެ. އަހަންނަށް އެއްވެސް ކަމަކު ގޮތް ކިޔައިދީ، އަހަރެން ކުރާ ކަމެއް ހުއްޓުވަން ވެސް އޭނާ ނޫޅެއެވެ. އޭނައަށް ބޭނުންވާ އެއްޗެހި ހޯދައި ދެނިކޮށް ނިމުނީއެވެ. ހަގީގަތުގައި އެއީ ގިނަ ފިރިހެނުން ބޭނުންވާނެ ވަރަށް ބޮލަށް ފަސޭހަ ދިރިއުޅުމެކެވެ. ކައިވެންޏަށް ދެ އަހަރު ވީ ފަހުން ރަށަށް އައި ބީރަށްޓެއްސެއްގެ އަންހެން ދަރިއެއް އަހަންނަށް ފެނުނެވެ. ގަޔަށް ދޫ ކަޅު ކުލައިގެ ދިގު ހެދުމެއްގައި، ކަޅު ކުލައިގެ ބުރުގާއެއް އަޅައިގެން ހުރި އެ އަންހެން ކުއްޖާ ފުރަތަމަ ފެނުނު ދުވަހު ވެސް އަހަރެންގެ ހިތަށް އަސަރުތަކެއް ކުރިއެވެ. އޭނަ ހާސިލް ކުރަން ބޭނުންވިއެވެ. ބީރަށްޓެހިމީހާ ރަށަށް ދިޔައީ ބޭސްކުރަންކަން އެނގުމުން އަންހެން ކުއްޖާގެ ބޭނުމުގައި އެމީހާއަށް އަހަރެން މާލީ އެހީތެރިކަން ފޯރުކޮށްދިނީމެވެ. އޭގެ ސަބަބުން އެމީހާއާ އެކުވެރިވެ އެ ގެއަށް ވެސް ދާން ފެށުނެވެ. އަހަރެން ފެނުމުން އެއަންހެން ކުއްޖާ ލަދުގަނެއެވެ. އޭނާއާ ވާހަކަ ދެއްކެން ފެށީ ވަރަށް ދުވަސް ފަހުންނެވެ. އަހަންނެކޭ އެއްފަދައިން އޭނަގެ ހިތުގައި ވެސް އަހަންނަށް ޓަކައި ޚާއްސަކަމެއް ދެވިފައިވާކަން އެނގެން ފެށިއެވެ. އަަހަންނަކީ މީހެއްގެ ފިރިއެއްކަން އޭނައަށް އެނގެއެވެ. އެކަން އަހަރެން ސިއްރެއް ވެސް ނުކުރަމެވެ. އަނބިމީހާ ގާތުގައި ވެސް އޭނަގެ ވާހަކަ ބުނެ، އަހަރެން ދެ އަނތްބަށް އެ އަންހެން ކުއްޖާއާ ކައިވެނި ކުރީމެވެ. އަހަރެންގެ ދެވަނަ ކައިވެނި ފުރަތަމަ ކައިވެންޏާ ހާސްބައި ތަފާތެވެ. ހަގު އަނބި ގާތުގައި ޖެހިޖެހިގެން ދެ ދުވަހު ހުންނަން އުޅެފިނަމަ އެއީ ދޮށީ އަނބީގެ ދުވަހޭ ބުނެ ފޮނުވާލައެވެ. ނަމާދަށް ބަންގި ގޮވާއިރު ގޭގައި އިނަކަ ނުދެއެވެ. ނަމާދަށް ދާން ބުނެއެވެ. އަދި އެވަގުތަކީ އެކުވެރިންނާއެކު ހުރި ވަގުތެއް ކަމުގައިވިޔަސް ގުޅާފައި ނަމާދަށް ދާން ބުނެއެވެ. ކޮފީތަކަށާއި މަޖާ ކުރުމުގެ ގޮތުން ކުރާ ކަންކަން ވަކި މިންގަނޑަކަށް ކުރުމަށް ހަގު އަނބި ނަސޭޙަތް ދޭން ފެށިއެވެ. އަދި ފައިސާ ރައްކާ ކުރަން ފެށުމަށް ވެސް ނަސޭހަތްތެރިވިއެވެ. އެކަންކަން އަހަރެންގެ ބޮލަށް އުނދަގޫ ކުރިއެވެ. އަހަރެންގެ ދޮށީ އަނބި ވެސް ގޮތް ނުކިޔައިދޭއިރު ހަގު އަނބި އެހެން އުޅުމުން ހިތްހަމަ ނުޖެހުނެވެ. އޭނާ ބުނީ އެއީ އަހަންނަށް ރަނގަޅަކަށް އޭނަ ބުނަމުން ދިޔަ ވާހަކަތަކެއް ކަމަށެވެ. ނަމާދު ކުރަން ބޭނުން ވަނީ ދެދުނިޔޭގައި ވެސް ބާއްޖަވެރިކަން ލިބުމަށް އެދޭތީ ކަމަށާއި، އަނބިންގެ މެދުގައި ހަމަހަމަކަން ގާއިމް ކުރަން ޖެހޭނެ ކަމަށާއި ފަހަށް ފައިސާ ރައްކާތެރި ކުރުމަކީ ވެސް ބުއްދިވެރި ކަމަކަށްވާތީ ކަމަށެވެ. އެހުރިހާ ވާހަކައަކަށް އަހަރެން ނުރުހުންވެ ބީރު ކަންފަތެއް ދިނީމެވެ. އަދި ހަގު އަނބީގެ އެވާހަކަތައް ދޮށީ އަނބިގާތުގައި ބުނުމުން އޭނަ ވެސް އަހަރެންގެ ވިސްނުމަށް ތާއީދު ކުރިއެވެ. ހަގު އަނބި އަހަރެންގެ މިނިވަން ކަމަށް އަރައިގަންނަނީ ކަމަށާއި ދަށު ކުރަން ބޭނުން ވަނީ ކަމަށް ވިސްނި، އަހަރެން ހަގު އަނބި ވަރިކޮށްފައި އޭނަގެ ރަށަށް ފޮނުވާލީމެވެ. ރުއި ރުއިމަކަށް ކުރި އާދޭހަކަށް ނުބަލައެވެ. ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެއް ފާއިތުވެއްޖެއެވެ. ހަގު އަނބި މަތިން ބައެއް ފަހަރު ހަނދާންވިޔަސް އޭނައަކަށް ނުގުޅަމެވެ. ނަމަވެސް އޭނަ ފޮނުވާލި ފަހުން އަބަދުވެސް ހަޔާތުން ވަރަށް މުހިންމު ބައެއް ގެއްލިއްޖެ ކަމުގެ އިހުސާސް ކުރެވުނެވެ. ދެން އައީ ބަނަ ދުވަސްތަކެވެ. އަހަރެންގެ ފިހާރަ ކައިރީގައި މީހަކު އެހެން ފިހާރައެއް ހެދުމުގެ ސަބަބުން އަހަރެންގެ ވިޔަފާރިއަށް ބުރޫއަރަން ފެށިއެވެ. ފިހާރަ ބޮޑުކޮށް މުދާ ގިނަ ކުރަން މީހަކު ޚިޔާލު ދިނުމުން އެކަން ކުރެވޭތޯ ބެލިއިރު، ބޭނުންވާވަރަށް ފައިސާއެއް ނުލިބުނެވެ. އެހެންކަމުން ވިޔަފާރި ދަށަށް ދަމުން ގޮސް ޖެހުނީ ފިހާރަ އެއްކޮށް ބަންދު ކުރާށެވެ. ލިބެމުންދިޔަ އާމްދަނީ މަދުވުމުން، އަނބިމީހާ ވެސް އަހަރެން ދެކެ ފޫހިވާން ފެށިއެވެ. އަދި އަހަރެންގާތު އެދިގެން ވަރިވެގެން އޭނަވެސް ދިޔައީއެވެ. މާގިނަ ދުވަހެއް ނުވެ އެހެން މީހަކާ ކައިވެނި ވެސް ކުރީއެވެ. ގޮތްހުސްވެ ނިކަމެތިވެގެން އަހަންނަށް ހަނދާންވީ ހަގު އަނބި ދެއްކިވާހަކަތަކެވެ. ނަމާދާ ބެހޭގޮތުންނެވެ. ނަމާދުގެ މުހިންމުކަމާއި ނަމާދާއި ދުޢާއަކީ ހުރިހާ ކަމެއްގެ ހައްލުކަމެވެ. އެހެންކަމުން އެނަސޭޙަތުގައި ހިފާ އަަހަރެން ޤަވައިދުން ނަމާދުކޮށް ދުޢާ ކުރަން ފެށީމެވެ. އަދި އިސާހިތަކު ބަރާބަރަށް ނަމާދުކުރަން އާދަވެ، ހިތް ނުތަނަވަސް ކަމުން ވެސް ދުރުވިއެވެ. އޭގެ އިތުރުން ކުރީގެ އެކުވެރިއެއް ގަނެފައިވާ ދޯންޏެއްގައި މަހަށް ދިޔުމުގެ ފުރުސަތުވެސް ލިބި، މާލީ ހާލަތު ވެސް އަނެއްކާވެސް މާތް ﷲ ގެ އިރާދަފުޅާއެކު ރަނގަޅުވިއެވެ. މަހަށް ދިޔަ ދަތުރެއްގަައި ހަގު އަނބީގެ ރަށަށް އެއްފަހަރު ދެވުނެވެ. އަހަންނަށް ބޭއިންސާފުން ކުރެވުނު ކަންތައް އިސްލާހު ކުރަން ބޭނުންވިއެވެ. އެހެންކަމުން ވަރަށް ހިތްވަރު ކޮށްފައި އެގެއަށް ދިޔައީމެވެ. މާފަށް އެދި، އޭނާ ހުސްކޮށް ހުރިނަމަ އަދި ބޭނުންނަމަ އަހަރެންގެ ޙަޔާތަށް އަލުން ގެނައުމުގެ އުންމީދުގައެވެ. ސަލާމް ގޮވާލި އިރު ދިމާވީ އޭނަގެ ބައްޕަ އާއެވެ. ސަލާމް ބަލައިގަތުމަށްފަހު ހިނިތުންވުމަކާއެކު ކޮން ދަތުރެއްތޯ ބައްޕަ އެއްސެވެ. އަހަރެން ހިތްހަމަ ޖެހުނެވެ. ދަތުރުގެ ވާހަކަ ކިޔައިދިނުމަށް ފަހު، ހަގު އަނތްބާ ބައްދަލު ކޮށްލުމުގެ ހުއްދައަކަށް އެދުނީމެވެ. ބައްޕަގެ މޫނުމައްޗަށް މާޔޫސްކަން ވެރިވިއެވެ. އަދި އަހަރެން އައުން ލަސްވީ ކަމަށް ބުނެ، އޭގެ މަހެއްހާ ދުވަސް ކުރިން އަހަރެންގެ ހަގު އަނބި މިދުނިޔެ ދޫކޮށް ގޮސްފި ކަމުގެ ހިތާމަވެރި ޚަބަރު ވެސް ދިނެވެ. ހިތާމައިގެ ކޮޅެއް ވެސް އަހަންނަކަށް ނެތެވެ. މާފަށް ވެސް ނޭދެވުނީ ކަމަށް ބުނެ އެތާ އިނދެ ރޯން ފެށުނެވެ. އެހިނދު ބައްޕަ އަހަރެން މަސަލަސް ކޮށްފައި ބުނީ އޭނާގެ ދަރިފުޅު ނިޔާވުމުގެ ކުރިން އަހަރެންގެ މައްޗަށް ހިތްހެޔޮ ކުރި ކަމަށާއި އެފަދައިން އެމީހުން ގާތުގައި ވެސް އެދުނު ކަމަށެވެ. ކޮންފަދަ ހެޔޮލަފާ ކަނބަލެއް ތޯއެވެ."

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް