މަޑަވެލީގައި ކަރަންޓީނާ ހިލާފުވާ ފަރާތްތައް 5000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަނީ
ގދ.މަޑަވެލީގައި ހޯމް ކަރަންޓީނާ ހިލާފުވާ ފަރާތްތަކުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ނިންމައިފިއެވެ.
މަޑަވެލި ކައުންސިލުން މިއަދު ހާމަކުރި ގޮތުގައި ޤަވާއިދު ނަންބަރ 35-R/2020 އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ގުޅޭ ގަވައިދުގެ 13 ވަނަ މާއްދާގެ ރ އަށް ރިއާޔަތްކޮށް އެރަށުގައި ކަރަންޓީނުވާ ފަރާތްތަކުގެ ތެރެއިން ކަރަންޓީނާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަން ނިންމައިފައިވާ ކަމަށެވެ.
އެގޮތުން ކަރަންޓީނުވެފައިވާ މީހަކު ކަރަންޓީނުވުމުގެ އަމުރާ ފުރަތަމަ ފަހަރަށް ހިލާފު ވެއްޖެނަމަ އެމީހަކު 2500 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.
އަދި ދެވަނަ ފަހަރަށް އަމުރާ ހިލާފު ވެއްޖެނަމަ 3500 ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި އެއަށް ފަހު އަމުރާ ހިލާފުވާ ކޮންމެ ފަަހަރަކު 5000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް މަޑަވެލި ކައުންސިލުން ވަނީ ނިންމާފައެވެ.
ޖޫރިމަނާ ކުރެވޭ ފަރާތްތައް ޖޫރިމަނާ ކުރާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އެ ފައިސާ ކައުންސިލަށް ދައްކަން ޖެހޭނެ ކަމަށް ވެސް މަޑަވެލި ކައުންސިލުން ވިދާޅުވެއެވެ.