ބުރެވި ތޫފާން މިހާރު ދަތުރު ކުރަމުން ދަނީ ލަސްލަހުން

ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ މިހާރު ދަތުރު ކުރަމުން ދަނީ މަޑު ދުވެއްޔެއްގައި ކަމަށް ސްރީލަންކާގެ މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.
ސްރީލަންކާގެ މެޓުން ބުނެފައި ވަނީ ތޫފާން ދަތުރު ކުރަމުން ދަނީ މަޑު ދުވެއްޔެއްގައި ކަމަށާއި ކުރިއަށް އޮތް 4 ވަރަކަށް ދުވަހާ ހަމައަށް ތޫފާނުގެ އަސަރު ދަށް ނުވާނެ ކަމަށެވެ.
ބުރެވި ތޫފާންގެ ސަބަބުން ލަންކާގެ އިތުރުން އަވަށްޓެރި އިންޑިއާގެ ހަތަރު ސްޓޭޓަކަށް ވެސް ވަނީ ރަތް ސަމާލު ނެރެފައެވެ. މި ތޫފާނުގެ ސަބަބުން އިމާރާތްތަކަށް ގެެއްލުން ލިބި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވާނެކަމަށް ވެސް ލަންކާގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
ތޫފާން ބުރެވި އަންނާތީ ލަންކާގައި 75،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި ލަންކާގައި ތޫފާން ބުރެވީގެ އަސަރު ކުރާނެ ކަމަށް ބެލެވޭ ކޮންމެ ސަރަހައްދެއްގައި ވަނީ 50 ވަގުތީ ހިޔާ ގާއިމްކޮށްފައެވެ.
މިތޫފާންގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.