ސާމްޕަލްތަކުގެ އަދަދު ހާމަކުރުމުގައި ރައްޔިތުންނަށް ފޮރުވާނެ އެއްޗެއް ނެތް: ޑރ ނަޒްލާ

ދުވަހުން ދުވަހަށް ޓެސްޓުކުރާ ސާމްޕަލްތަކުގެ އަދަދު ހާމަކުރުމުގައި، އެއްވެސް ފޮރުވުމެއް ނޯންނާނެ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ޑރ.ނަޒްލާ މިހެން ވިދާޅުވެފައި ވަނީ ކޯވިޑް-19 އަށް ކުރެވޭ ޓެސްޓުތަކުގެ ނަތީޖާގެ މައުލޫމާތު ސައްޙަ ގޮތުގައި ހާމަކުރަމުން ނުދާ ކަމަށް ބުނެ، ބައެއް ރައްޔިތުން ކުރަމުންދާ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
"ކޭސް ގުނަނީ އިއްޔެގެ އިރުއޮއްސި ހަޔަކުން، މިރޭގެ އިރުއޮއްސި ހަޔަކާ ދޭތެރޭ ޕޮޒިޓިވް ވެގެން ރިޒަލްޓްސް ލެބޯޓްރީން އަޅާ ކޭސްތައް "ސިސްޓަމަށް އަޕްލޯޑު ކުރާ" ކޭސްތައް އަޅުގަނޑުމެން މިބަލަނީ އެއީ 24 ގަޑިއިރުގެ ކޭސް ކަމަށް" ނަޒްލާ ވިދާޅުވިއެވެ.
ކޯވިޑް-19 ގެ ސަބަބުން އާންމުކޮށް ނަގަމުން އަންނަ ސާމްޕަލްތަކާއި ރަށްތަކާއި، ރިސޯޓުތަކުން ލިބޭ ސާމްޕަލްތަކުގެ އަދަދު ސައްޙަ ގޮތުގައި ހާމަކުރަމުން ނުދާ ކަމަށް ބުނެ، ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅު ކުރި ނަމަވެސް އެންއީއޯސީއިން އެންމެ ފުރަތަމަ ވެސް އަމަލުކުރަން ފެށި އުސޫލާއެކު، މިއަދު ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދިނުމަށް ކުރެވޭ މަސައްކަތް ޔަގީންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ކަރަންޓީނުވާން ޖެހޭ މުއްދަތު 10 ދުވަސް ވަނީ ކުރުކޮށްފައެވެ. ޑރ ނަޒްލާ ވިދާޅުވީ، ކޮވިޑާ ގުޅިގެން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ލުއި ދެވެނީ އެކަމަށް ކަނޑައެޅިފައި އޮންނަ ޓެކްނިކަލް ޓީމުގެ ލަފާގެ މަތިން ވަކި ޕޮލިސީއެއްގެ ތެރެއިން ކަމަށެވެ.
މީގެ އިތުރުން އެކަކު އަނެކެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވައިދުތަކަށް ފުރިހަމައަށް އިހްތިރާމް ކުރަންޖެހޭ ކަމަށް ޑރ.ނަޒްލާ ފާހަގަ ކުރެއްވިއެވެ.