ތިބާ ނަފްސު ގަތުލުކުރަން ވިސްނުމުގެ ކުރިން ތިބާގެ މަންމަ އާ މެދު އެއްފަހަރު ނަމަވެސް ވިސްނާލާށެވެ.
ނަފުސު ގަތުލުކުރަން މަސައްކަތް ކުރާ މީހުންނާ އެކަން ކޮށްގެން މި ފަނާވަނިވި ދުނިޔެއިން ވަކިވެފައިވާ އެތަކެއް ޒުވާނުން ވަރަށް ގިނަ ވެއްޖެއެވެ. އަމިއްލައަށް މަރުވާން ދިމާވި މައިގަނޑު ސަބަބު ހޯދާ ބަލާލާއިިރުގައި ގިނައީ ލޯބީގެ ގޮތުން އުޅުނު ބައިވެރިޔާ ކޮންމެ ވެސް "ދޯކާ" އެއް ދީގެން އެކަމާމެދު ވިސްނައި ވަކިވެދާ މީހުންނެވެ.
ސުވާލަކީ ތިބާއަށް ތިބާގެ މަންމައަށް ވުރެ ތިބާގެ ލޯބިވެރިޔާ މުހިންމު ވީ ކޮން އިރަކު ހެއްޔެވެ؟ ބަވަނަ ވަމުންދާ މި ދުނިޔޭގައި ތިބާގެ ބަދަލުވަމުންދާ ޙަޔާތަށް ކިތަށް މީހުން އައިސް ގޮސްފި ހެއްޔެވެ؟ އެހެން ނަމަވެސް ތިބާ މި ދުނިޔެއަށް އެންމެ ފުރަތަމަ ނޭވާއެއް ލީ ދުވަހުން ފެށިގެން ވެސް ދެގޮތެއް ނުވެ ތިބާގެ މައިމީހާ ހުރީ ތިބާ ގާތުގައެއް ނޫން ހެއްޔެވެ؟ އެލޯބީގެ އެއްވެސް ގަދަރެއް މިއަދު ނެތީ ހެއްޔެވެ؟
ގަބޫލުކުރަމެވެ. ނަފުސާނީ ބަލިމަޑުކަމަކީ ގިނަ ބަޔަކު ތަހައްމަލު ވެސް ކުރަމުން އަންނަ ވޭން ހުރި ބައްޔެކެވެ. އަދި އެކަމުން މިންޖު ވުމަށް އެތައް ބަޔަކު ގަދައަޅައި މަސައްކަތް ވެސް ކުރެއެވެ. އެހެން ނަމަވެސް ދަންނަވަންތޯއެވެ. ތިކަމުގައި ވެސް އެންމެ ރަނގަޅު "ތެރަޕިސްޓް" އަކީ ތިބާގެ ދެވަނައެއް ނެތް މައިމީހާއެވެ. އެފަކީރު ނޫނިއްޔާ ތިބާގެ ހަގީގީ ހެޔޮކަމަށް ވިސްނާ މީހެއް ވަރަށް މަދުވާނެއެވެ. ޑޮކްޓަރަށް ދައްކަން ދިޔަ ކަމުގައި ވީނަމަވެސް އެމީހުން މަސައްކަތް ކުރާނީ ބޭސްތައް ދީގެން އެކަމުން ތިބާ ސަލާމަތް ކުރެވޭތޯއެވެ. އެހެނަސް ތިބާގެ މަންމަ އެއްވެސް އުޖޫރައަކާ ނުލާ އިތުރު ތަކުލީފަކާ ނުލާ ތިބާއަށް އެހީވެދިނުމުގައި އަބަދުމެ ހުރެއެވެ.
ވީއިރު ތިބާ މަރުވުމަށް ދަންމަޅިއަށް ބޯ ކޮށްޕާލާއިރު އެންމެ ފަހަރަކު ވެސް ތިބާގެ އެ ނިކަމެތި މަންމަގެ ހިތަށް ކުރާނެ އަސަރު ވިސްނާލިން ހެއްޔެވެ؟ އެމަންމަ ތިބާއާ ދޭތެރޭ ދެކެމުން އައި ހުވަފެންތައް ތިޔަ ފުނޑުފުނޑު ކޮށްލަނީ ދެދުނިޔޭގެ ވެސް ބާއްޖަވެރިކަން ގެއްލިގެން ދާ ފަދަ ގޮތަކަށެވެ. ތިބާ ނެތިސް ތިބާގެ މަންމަ އެކަނިވެރި ވާނެވަރު ތިބާ އަށް ނުވިސްނެނީ ހެއްޔެވެ؟ އެމަންމަގެ ލޯތްބަކީ ހަމަ އެއްވެސް އަގެއް ހުރި ލޯތްބަކަށް ނުވީ ހެއްޔެވެ؟ އެފަކީރު ތިބާއަށް ނުކޮށްދެނީ ވެސް ފަހެ ކޮން ކަމެއް ހެއްޔެވެ؟
އެހެންކަމުން ތިބާ މަރުވެގެން ތިބާ ލޯބީގެ ގޮތުން އެކީގައި އުޅުނު ބައިވެރިޔާ ހިތާމަ ނުކުރިކަމުގައި ވީނަމަވެސް ތިބާގެ މަންމަ ތިބާއަށް ޓަކައި ހާދަހާ ކަރުނައެއް އޮހޮރުވާނެއެވެ. "މަގޭ ދަރިފުޅާ" އޭ ކިޔާ ތިބާގެ ފުރާނަ ނެތް މަސްގަނޑުގައި އެދުވަހުން އޮޅުލައިގަންނާނީ ވެސް ހަމަ ތިބާގެ މަންމައެވެ. މިމަންޒަރު ބަލަން ހަމަ ޔަގީނުން ވެސް ދިރި ތިބި މީހުންނަށް ކުޅަދާނައެއް ނުވާނެއެވެ. އެހެން ކަމުން އަދިވެސް ތިބާގެ ސިކުނޑީގައި މިފަދަ ޢަމަލެއް ކުރުމަށް ވާނަމަ ތިބާގެ މަންމަ މަތިން ހަނދާން ކޮށްލާށެވެ. އެންމެ ފަހަރަކު ނަމަވެސް އެފަދަ ވާހަކައެއް ސިކުނޑީގައި ވާނަމަ ތިބާގެ މަންމައާ ހިއްސާ ކޮށްލާށެވެ. މަންމަގެ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމަކީ ދުވަހަކު ވެސް ފަނޑުވުމެއް ނެތް އެއްޗެކެވެ.