ސިއްހީ ކުއްލި ހާލަތު ޖެނުއަރީ މަހުގެ ހަތަރަކަށް އިތުރުކޮށްފި
ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގައި އިއުލާން ކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކޮށްފިއެވެ.
ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރީ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް މިރޭ ނެރުއްވި ޤަރާރުގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށެވެ. އަދި މާޗް މަހުން ފެށިގެން އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމަށާއި، އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައިވާ ކަމަށެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ މިއަހަރުގެ މާޗް 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ. އޭގެ ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަނީ އިތުރު ކުރަމުންނެވެ. ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ސޮއި ކުރައްވާ ނެރުނު އިއުލާނުގައި ބުނެފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު ވަނީ 8 ވަނަ ފަހަރަށް އިތުރު ކޮށްފައިވާ ކަމަށެވެ.
އަދި ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް، ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާ ކަމަށެވެ.