މަސްތުވާތަކެތީގައި މައްސަލަތަކުގައި ހިމެނޭ މީހުން ދޫކުރުމުގައި ބޮޑެތި ޢަދަދުތަކުން ރިޝްވަތު ނަގާ ކަމުގެ ތުހުމަތު!
މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ އާންމުން މިނިވަން ކުރަމުން ދަނީ ބޮޑެތި އަދަދުތަކުން ރިޝްވަތުގެ ފައިސާ ނަންގަވައިގެން ކަމަށް އެކި ފަރާތްތަކުން ތުހުމަތު ކުރަން ފަށައިފިއެވެ.
މީޑިއާތަކުން ކަށަވަރުކޮށް ރިޕޯޓްކޮށްފައިވާ ގޮތުގައި މަގުމަތީ އަގު 100 މިލިއަން ރުފިޔާއަށް އަރާ ، 24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއެެއް ވަނީ ދާދި ފަހުން މިނިވަން ކޮށްފައެވެ. އޭނާ ދޫކޮށްލުމާ ގުޅިގެން "މިހާރުން" ކަރެކްޝަނަލް ސަރވިސްއާ ސުވާލު ކުރުމުން އެއްވެސް މައުލޫމާތެއް ދީފައި ނުވާކަމަށް އެ ނޫހުން ބުނެފައި ވެއެވެ. މީގެ އިތުރުން މާލެއިން އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފަސް ދިވެއްސެއްގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން، އެމީހުންގެ ފަރާތުން "މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބެއް އޮތް ކަމަކަށް ނުފެންނަ ކަމަށް" ބުނެ، ކޯޓުން އެމީހުން އިއްޔެ ވަނީ ދޫކޮށްލާފައެވެ.
މިކަންކަމާ ގުޅިގެން ޚިޔާލު ފާޅު ކުރެއްވި މިނިވަން ރޭޑިއޯގެ ނޫސްވެރިޔާ އައިޝަތު އާނިޔާ ބުނެފައި ވަނީ ރައީސް އިބްރާހީމް ސޯލިޙް ވެރިކަމަށް ވަޑައިގެންނެވި ފަހުން މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ދިގު މުއްދަތަކަށް ޖަލަށްލާފައި ތިބި މީހުންގެ ތެރެއިން 50 އާއި 60 އާ ދެމެދު އަދަދެއްގެ މީހުން ދޫކޮށްލާފައިވާ ކަމަށާއި ކޮންމެ މީހެއް ދޫކުރުމަށް ބޮޑު އަދަދެއްގެ ފައިސާ ނަންގަވާކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.
"ކޮންމެ މީހެއް ދޫކުރުމަށް ތިން ލައްކަ ނަގަންނާ އެއީ 15-18 މިލިއަން ރުފިޔާ ، މިކަން ކުރަނީ އިބްރާހީމާ މާ ގާތް މީހެކޯލަ ، އެއީ ކާކު" އާނިޔާ ބުނެފައި ވެއެވެ.
މީގެ އިތުރުން ގާނޫނީ ވަކީލު މުހައްމަދު ޝަހީދު ވެސް ވަނީ އެ މޭރުމުން ވާހަކަ ދައްކަވާ ޓްވީޓް ކުރައްވާފައެވެ. އޭނާ ބުނެފައި ވަނީ އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ މީހާ ދޫކޮށްލީ ރިޝްވަތު ނަގައިގެން ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި ރިޝްވަތު ނަގައިގެން އެކަން ކުރަން ރައީސް އޮފީހުގައި މީހަކު ހުންނަ ކަމަށް ވާހަކަ ދެކެވޭ ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުގައި ތިބި މީހުން ދޫކުރަމުންދާއިރު މިކަމާ ގުޅިގެން ރައީސް ސޯލިހް ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިދިޔަ ހަފްތާ ބަންދުގައި ޗުއްޓީ ހޭދަކޮށްލެއްވުމަށް ހައްދުންމައްޗަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ހަމައެކަނި އަދަބު ދީގެން މަސްތުވާތަކެތީގެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުން ދަނީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ޒުވާނުން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށް މަސައްކަތް ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މިވާހަކަފުޅާއެކު ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި އެމަނިކުފާނަށް ފާޑު ވިދާޅުވަމުންނެވެ. އަދި އަނބުރާ މުޖުތަމައަށް ގެންނަ ގޮތަކީ މިއީތޯ ބައެއް މީހުން ވަނީ ސުވާލު ކޮށްފައެވެ.