ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް ކުރަން ޖެހޭ ކަންކަން ކުރަން ދައުލަތުގެ އިދާރާތަކުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފުރުސަތު ދިނުމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ގޮވާލައްވައިފިއެވެ.
މަޖިލިހުގެ މިރޭގެ ޖަލްސާގައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ހުށަހަޅުއްވަމުން ނިޔާޒު ވިދާޅުވީ ކޮވިޑާއެކު ކައުންސިލް އިންތިހާބު މިހާރު އިއުލާން ކޮށްފައިވާ އޮތް ތާރީހަށް ނުބޭއްވިދާނެ ކަމަށް އީސީއިން މަޖިލީހުގައި ބުނެފައިވާ ކަމަށެވެ.
އިންތިހާބުގެ ކުރިން ކެމްޕޭނު ކުރުމާއި އިންތިހާބު ބޭއްވުމަށް ކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ކުރުމުގެ ފުރުސަތު ދެން ނުޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ވެސް ނިޔާޒް ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން ނިޔާޒު ވިދާޅުވީ އިންތިހާބު އިތުރަށް ފަސް ކޮށްފިނަމަ އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި އެގޮތުން އިތުރަށް އެއް އަހަރަށް ވުރެ ދިގު ދެމިގެންދާ ގޮތަށް އަނެއްކާ ވެސް މިހާރު ތިބި ކައުންސިލަރުން ތިބުމަކީ ނުރަނގަޅު އަސަރެއް ކުރާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެކަމަށް ދައުލަތުގެ އިދާރާތަކުން އެއްބާރުލުން ދިނުމަށް ނިޔާޒު ގޮވާލައްވާލާފައި ވެއެވެ.