ކޮވިޑް ވެކްސިން ޖަހަން މަޖުބޫރު ވާނެތަ؟ ސިއްހަތު ޖަމްއިއްޔާގެ ޖަވާބު މިއޮތީ

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވުހާން އިން ފެތުރެން ފެށި ކޮވިޑް-19 ވައިރަސް މިހާރު މިވަނީ ދުނިޔޭގެ ހުރިހާ ބިތަކަށް ފެތުރިފައެވެ. މުޅި މި އަހަރު ވައިރަސްގެ ސަބަބުން އެންމެން ކަހަލަ ގޮތަކަށް އުޅެން ޖެހިފައި މިވަނީ ވަރަށް ދަތި، އުނދަގޫ ދިރިއުޅުމެކެވެ. ނަމަވެސް މިހާރު ވައިރަހަށް ވެކްސިންތައް ތައްޔާރުކޮށް، ބޭނުން ކުރަން ފަށާފައިވާއިރު އުފެދޭ ބޮޑު ސުވާލަކީ ވައިރަސް ޖަަހަން މަޖުބޫރުވާނެކަމާ މެދު އުފެދޭ ސުވާލެވެ.
މި ސުވާލަށް ޖަވާބު ދެމުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން އިއްޔެ ހާމަކޮށްފައި ވަނީ ވެކްސިން ޖެހުން މަޖުބޫރު ކުރުމަށް ވުރެން، ވެކްސިން ޖެހުމަށް އާއްމުންނަށް ބާރު އެޅުން މާ ބުއްދިވެރި ވާނެ ކަމަށެވެ.
"ވެކްސިން ޖެހުން މަޖުބޫރު ކުރުމަކީ މި ޖަމްއިއްޔާ އިން ބާރު އަޅާ ކަމެއްް ނޫން. މި ޖަމްއިއްޔާގެ ގައިޑްލައިންތަކަށް އަމަލު ކުރާ ގައުމުތަކުން އެކަން މަޖުބޫރެއް ނުކުރާނެ. އެހެން ނަމަވެސް އެކަމުގެ އެންމެ ފަހު ބަސް ބުނެވޭނީ އެ ގައުމެއްގެ ސަރުކާރަކަށް. މި ޖަމްއިއްޔާ އިން އެދޭ ގޮތެއް ނޫން އެއީ" ސިއްހަތު ޖަމިއްޔާގެ އިމުއުނިޒޭޝަން ޑިޕާޓްމެންޓުގެ އިސް ވެރިޔާ ކަމުގައިވާ ކޭޓް އޯ ބްރިއަން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވިއެެވެ.
އިނގިރޭސި ވިލާތާއި އެމެރިކާ ފަދަ ބައެއް ބޮޑެތި ގައުމުތަކުގައި އުފެއްދި ވެކްސިންތައް އެޕްރޫވް ކޮށް، އާއްމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.