ފައިފުއްސެއްގެ އުދާސްތައް ފައިފުއްސެއްގެ ދުލުން
އަހަރެންނަކީ ގޭގޭގައި އެންމެންގެ ވެސް ހަޑިވެފައިވާ ފަޔާއި ފައިވާންތައް އުނގުޅާލުމަށް އެންމެން ވެސް ބޭނުންކުރާ އެއްޗެކެވެ. އަހަރެން ނުހުންނަ ގެއެއް ވަރަށް މަދުވާނެއެވެ. އަހަރެންގެ މޫނުމަތީގައި އެއިން ކޮންމެ މީހެއް ވެސް އައިސް ފައި އުނގުޅާލަނީ ނުހަނު ބާރަށެވެ.
އަހަރެންނަށް ވާނެ ތަދާ، ކުރާނެ އަސަރާއި އަދި ލިބިދޭ ޒަޚަމުތައް އެމީހުންނަށް ފެންނަނަމަ އަހަރެންގެ މޫނުމަތީގައި އެފަދައިން އައިސް ހަޑިވެފައިވާ ފައިތިލަ އުނގުޅާކަށް ކުޅަދާނައެއް ނުވާނެއެވެ. އެހެން ނަމަވެސް އަހަރެންގެ ޠަބިއްޔަތުހުރި ގޮތުން އަހަރެންނަކީ އަހަރެން ހަލާކު ކޮށްލި ކަމުގައިވީ ނަމަވެސް އެއްވެސް ބަހެއް ބުނާނެ އެއްޗެއް ނޫނެވެ.
ވިއްސާރަ ދުވަހަކުތޯއެވެ؟ ދެން އެދުވަހެއްގައި އަހަރެންގެ ޒަމާން އެދިޔައީ އެވެ. ބާރުގައި އުޅެފައި އައިސް ގެއަށް ވަދެ އެންމެ ފުރަތަމަ ވެސް ފައި ޖައްސާލާނީ އަހަރެންގެ މޫނު މަތީގައެވެ. ފައިގައި ވާހާ ކިލާތަކަކާއި ޗަކަތަކެއް ވެސް އަހަރެންގެ މޫނުގައި އުނގުޅާ އޭނަ ފައި ސާފުވީމަ ނޫނީ އަހަރެންގެ މޫނުމަތިން އެފައި ނުވެސް ނަގަނީއެވެ.
ކުރާނީ ވެސް ފަހެ ކީއްހެއްޔެވެ؟ އަހަރެން މިގެއަށް ގެނައީ ވެސް ހަމަ މި މަސައްކަތް ކުރަންވިއްޔާއެވެ. އަހަރެން ވެސް އަރާމު ކޮށްލަން ބޭނުން ވާނެތާއެވެ. އެއްދުވަސް އެއްކޮށް ސާފުކަން މަތީގައި އޮވެލަން ބޭނުންވާނެ ނޫން ހެއްޔެވެ؟ ދެން އޮތީ އަހަރެން ފެން ވެރުވުމެވެ. ހީކުރީ ނުހަނު ލޯބިން ފެންވަރުވައި ދޭނެ ކަމަށެވެ. އެހެން ނަމަވެސް ބޮޑު ސިންގާ މެޝިނަކަށް ދިޔާ ޒާތެއްގެ އެއްޗެއް އެޅުމަށް ފަހު އަހަރެން އެއަށް އެއްލާލައެވެ.
އެ މެޝެނު ތެރޭގައި އަހަރެންނަށް ވާނެ އެއްޗެއް ވެ ނިމޭ ހިސާބުން ނަގާނެއެވެ. އަދި އަހަރެން ގޮސް ކޮންމެ ވެސް ވައިޖެހޭ ތަކެއްގައި ފެން ހިއްކަން ބާއްވާނެއެވެ. ދަންނަވަންތޯއެވެ. އަހަރެންނަށް އަރާމުކޮށްލަން ލިބޭ ހަމައެކަނި ވަގުތުކޮޅަކީ އެއީއެވެ. އަދި އެވެސް އަހަރެން އެއްކޮށް ހިކެން ދެނެވެ. ހިކުމުން އަނެއްކާ ވެސް އަހަރެންގެ މޫނުމަތީގައި އެމީހުންގެ ހަޑިވެފައިވާ ފައިތިލަތައް އުނގުޅަން ފަށާނެއެވެ.
މިއީ އަހަރެންގެ ދިރިއުޅުން ހުރި ގޮތުގެ ވާހަކައެވެ. އަހަރެން އުފެއްދީ ވެސް މި ބޭނުމުގައެވެ. މީހުންގެ ފައިސާފު ކުރުމަށެވެ. ބޭނުންވިޔަސް ނުވިޔަސް އަދި ތަދުވިޔަސް ނުވިޔަސް ޖެހޭނީ މި މަސައްކަތް ކުރާށެވެ. އަހަރެންގެ ނަމަށް ފައިފުއްސޭ ކިޔުނީ ވެސް މިހެންވެއެވެ.