ދުނިޔެ

އެއްވެސް ކަހަލަ އެލާޖީއެއް ހުންނަ މީހުން ފައިޒާ ވެކްސިން ނުޖެހުމަށް އިނގިރޭސިވިލާތުން ބުނެފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކާ އެއްޗެއްސަށް، ނުވަތަ ބޭހަށް ނުވަތަ ވެކްސިން ތަކަށް ވެސް އެއްވެސް ކަހަލަ އެލާޖީއެއް ހުންނަ މީހުން އިނގިރޭސިވިލާތުން އުފައްދާފައިވާ ފައިޒާ ވެކްސިން ނުޖެހުމަށް އެޤައުމުގެ ސިއްޙީ ބައެއް މާހިރުން ބުނެފިއެވެ. ސިއްޙީ މާހިރުން މިފަދައިން ބުނެފައި މިވަނީ، މިހާރު އެޤައުމުގައި ޖަހަމުންގެންދާ ފައިޒާ ވެކްސިން ޖެހުމަށްފަހު ބައެއް ސިއްޙީ ޚިދުމަތްތެރިން ވެކްސިނަށް އެލާޖިކް ވުމާ ގުޅިގެންނެވެ.

Ads by WAMCO

އެމްއެޗްއާރްއޭގެ ޗީފް އެގްޒެކެޓިވް ޑރ. ޖޫން ރެއިން، ޕާލަމެންޓްގެ ސައިންސް އެންޑް އެންޑް ޓެކްނޮލޮޖީ ކޮމިޓީގައި ބުނީ ފައިޒާ ވެކްސިން ޓެސްޓު ކުރިއިރު މިފަދަ މައްސަލައެއް އުޅޭ ކަމަށް ފާހަގަވެފައި ނުވާ ކަމަށެވެ.

"އަހަރުމެން ވަރަށް ގިނަ ޓެސްޓުތައް ހެދިން. މިފަދަ ކަމެއް ފެނިފައެއް ނުވޭ" ޑރ. ޖޫން ބުނެފައިވެއެވެ.

ގާތްގަނޑަކަށް 40،000 އަށްވުރެ ގިނަ މީހުންގެ ގަޔަށް ޓެސްޓަކަށް މިވެކްސިން ޖަހާފައިވާއިރު އެކަކުވެސް އެލާޖިކް ވެފައިނުވާ ކަމަށާއި އަދި މިފަދައިން އެލާޖިކް ވުމަކީ ވަރަށް މަދުފަހަރަކު ވާކަމެއް ކަމުގައި ވެސް ޑރ. ޖޫން ބުންޏެވެ.

ނަމަވެސް ފައިޒާ ވެކްސިން މިހާރު ޖަހާފައިވާ 19،000 މީހުންގެ ތެރެއިން 137 އެއްހާ މީހުންގެ ހަށިގަނޑުން ވަނީ އެލާޖިކް ރިއެކްޝަންތަކެއް، ވެކްސިން ޖެހި ފަހުން ފެނިފައެވެ. އެމީހުންގެ ގައިން ފެނުނީ ވަރަށް ކުޑަ ރިއެކްޝަނެއް ކަމުގައި ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

މީގެ އިތުރުން އެވެކްސިނުން 12 ވަރަކަށް ސައިޑް އިފެކްޓްސް ފެނިފައިވާ ކަމަށް ވެސް މިހާރު ރިޕޯޓު ތަކުން ބުނެފައިވެއެވެ. އޭގެ ތެރެއިން ހަތް ސައިޑް އިފެކްޓެއް އެނގިފައި ވަނީ ވަރަށް އާއްމުކޮށް ޖެހޭ ސައިޑް އިފެކްޓެއްގެ ގޮތުގައެވެ. މާނައަކީ އެސައިޑް އިފެކްޓް ކޮންމެ ދިހަ މީހެއްގެ ތެރެއިން އެކަކުގެ ގައިން ފެނުން އެކަށީގެންވާ ކަމަށެވެ.

އެހެންކަމުން އެއްވެސް ކަހަލަ އެލާޖީއެއް ހުންނަ މީހުން ފައިޒާ ވެކްސިން ނުޖެހުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ވެކްސިނަށް އެލާޖިކްކަން އެނގޭ ބައެއް ކަންތައްތަކަކީ، ގައިގެ ހަންގަނޑު ހިރުވުމާއި، ނޭވާ ކުރުވުމާއި މޫނާއި ދޫ ދުޅަވުން ކަމުގައި ރިޕޯޓުތަކުން ބުނެއެވެ.

ވެކްސިނަށް ވަރަށް ބޮޑަށް އެލާޖިކް މީހުންގެ ގަޔަށް އިންޖެކްޝަން ޖަހާއިރު ވެސް ވަރަށް ތަދުވާނެ ކަމަށާއި، ވަރުބަލިވެ، މަސްތަކުގައި ރިއްސުމާއި، ފިނިވުމާއި، ހުޅުހުޅުގައި ރިއްސުމުގެ އިތުރުން ހުން އައުމާއި ބޮލުގައި ރިއްސުން ފަދަ ކަންކަމާ ކުރިމަތިވާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އާދައިގެ ވަރަކަށް އެލާޖިކް މީހުންގެ ގަޔަށް އިންޖެކްޝަން ޖަހާއިރު ދުޅަވުމާއި، އިންޖެކްޝަން ޖަހާ ތަން ރަތްވެ މޭނުބައި ކުރުން ފަދަ ކަންކަމާ ކުރިމަތިވާނެ ކަމަށް ވެސް ބުނެފައިވެއެވެ. ވެކްސިނަށް އެހާ ބޮޑަށް އެލާޖިކް ނޫން މީހުން ތަންކޮޅެއް ވަރު ދެރަ ވާނީ ކަމަށް ވެސް ބުނެފައިވެއެވެ.

ފައިޒާ އާއި ބަޔޯއެންޓެކް ވެކްސިނަށް ބައެއް މީހުން އެލާޖިކްވާ ސަބަބު ދެނެގަތުމަށް އެމްއެޗްއާރްއޭ އަށް އެއްބާރުލުން ދޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މިވަގުތަށް އެމީހުން ނަސޭޙަތްތެރިވަނީ ރައްކާތެރިކަމަށްޓަކައި އަންގާފައިވާ ގޮތްތަކަށް އެންމެން ވެސް ބޯލެނބުމަށެވެ.

މަސްދަރު:ޑެއިލީމެއިލް

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!