ޒީރޯ ޓޮލެރެންސް ކެމްޕޭނާއެކު ކޮރަޕްޝަން ރިޕޯޓު ކުރުން އިތުރު ވެއްޖެ: ރައީސް ޞާލިޙް
ރާއްޖޭގައި އެންމެ ގަދަޔަށް މޫލާފައި އޮތް ކޮރަޕްޝަނާ ދެކޮޅަށް މިސަރުކާރުން "ޒީރޯ ޓޮލަރަންސް" ކެމްޕޭނު ފެށުމުން މައްސަލަތައް ރިޕޯޓްކުރުން ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށާއި އެ މައްސަލަތަކުގައި ވަކި މަގާމަކަށް ބެލުމެއް ނެތި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020 ނިންމުމުގެ ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ޞާލިޙު ވިދާޅުވީ، މިސަރުކާރުގެ ސިޔާސަތަކީ ކޮރަޕްޝަނަށް ނޫނެކޭ ބުނެ ކޮރަޕްޝަންގެ ޢަމަލުތައް ރިޕޯޓްކުރަން ހިތްވަރު ދިނުން ކަމަށާއި އަދި ކޮރަޕްޝަންގެ ޢަމަލުތައް ފަޅާއަރުވައިލާ މީހުންނަށް ޤާނޫނުން ރައްކާތެރިކަން ހޯދައިދިނުން ކަމަށެވެ.
މި ސަރުކާރުން ޢަމަލުކުރަން ފެށި، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ޞާލިޙު ވިދާޅުވީ، މި ޤާނޫނުގެ އެންމެ ބޮޑު ބޭނުމަކީ ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވައިލާ މީހުންނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅެއް ނޭޅޭނެކަން ކަށަވަރު ކުރުން ކަމަށެވެ.
އޭގެ އިތުރުން، ކޮރަޕްޝަނާއި ޚިޔާނާތާއި ފަސާދައިގެ ޢަމަލުތަކަށް ޖަވާބުދާރީވަނިވި ދެފުށް ފެންނަ، ނަޒާހަތްތެރި ޘަޤާފަތެއް ދައުލަތުގެ އިދާރާތަކާއި ޢާންމު ރައްޔިތުންގެ ކިބައިގައި އަށަގެންނެވުމަކީ ވެސް މިޤާނޫނުގެ ވަރަށް މުހިންމު މަޤްޞަދެއްކަމުގައި ރައީސް ޞާލިޙު ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ޞާލިޙު ވިދާޅުވީ ވިސްލްބްލޯ ޕޯރޓަލް އާއި ވިސްލްބްލޯ ޤާނޫނު ވުޖޫދަށް އައި ފަހުން، ކޮރަޕްޝަންގެ ޢަމަލުތައް ހުށަހެޅޭ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ ކަމަށެވެ. އަދި، އެކަން އެހެން މެދުވެރި ވަނީ ކޮރަޕްޝަން ހުއްޓުވަން މި ސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ޤަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތުމުން ކަމުގައި ވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.