އެމެރިކާ އަދި ކެނެޑާ ގައި ޖޯންސަން ބޭބީ ޕައުޑަރ ވިއްކުން މަނާ، އެކަމަކު ރާއްޖޭގެ ބާޒާރުގައި އެބަހުރި
އެމެރިކާ އަދި ކެނެޑާގައި ޖޯންސަން ބޭބީ ޕައުޑަރ ވިއްކުން އެ ކުންފުނިން ހުއްޓާލައިފިއެވެ.
އެކުންފުނިން ބުނެފައިވަނީ، މި ޕްރަޑަކްޓް އެމެރިކާ އަދި ކެނެޑާގައި ވިއްކުން ހުއްޓާލީ، ބޭނުން ކުރާ ފަރާތްތަކުގެ ދިރިއުޅުމަށް އައި ބަދަލު ތަކުގެ ސަބަބުންނާއި އަދި މި ޕްރަޑަކްޓްގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ފަތުރަމުންދާ ދޮގު މަޢުލޫމާތު ތަކުގެ ސަބަބުން، ޕްރަޑަކްޓް ބޭނުން ކުރާ ފާރަތްތައް މަދުވުމުން ކަމަށެވެ.
ކުޑަކުދިންނަށް ޚާއްސަ އުފެއްދުންތައް އުފައްދާ ޖޯންސަންސް އެންޑް ޖޯންސަންސް ބޭބީ ފުށުގައި ކެންސަރަށް މަގުފަހިވާ މާއްދާތަކެއް ހުންނަ ކަމަށް މީގެ ކުރިން ވަނީ ގިނަ ތުހުމަތުތަކެއް ކުރެވިފައެވެ. އެގޮތުން ތަހުލީލު ކުރެވުނު ފުށުން ފެނިފައިވަނީ އެސްބެސްޓޯސް ނަމަކަށް ކިޔާ މާއްދާއެކެވެ. އެ މާއްދާއަކީ ކެންސަރު ޖެހުމަށް މަގުފަހިވާ މާއްދާއެކެވެ.
އަދި އެ ކުންފުނިން ވަނީ މިކަމަށް ތަކުރާރުކޮށް އިންކާރުވެސް ކޮށްފައެވެ. މިކަމާއި ގުޅިގެން ގިނަ ފަރާތްތަކަކުން ކޯޓުގައި އެކުންފުންޏާއި ދެކޮޅަށް ދައުވާ ވެސް ކޮށްފައިވެއެެވެ.
މީގެ އިތުރުން މި ޕްރޮޑަކްޓް ވިއްކުން ހުއްޓާލުމުގައި ލޮކްޑައުންގެ ސަބަބުުން ވިޔަފާރިއަށް ކުރާ އަސަރު ހިމެނޭ ކަން އެ ކުންފުނިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެންމެ ފަހުން ކުރި ތަހުލީލުތަކުގައި އެސްބެސްޓޯސް ގެ އަސަރު އެ ޕްރޮޑަކްޓުގައި އެއްވެސް ވަރަކަށް ނުހުންނަ ކަން އެނގިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އެމެރިކާ އަދި ކެނެޑާ ބާޒާރުގައި މި އުފެއްދުން ވިއްކުން ހުއްޓާލި ނަމަވެސް އަދި ވެސް ގިނަ ގައުމުތަކެއްގައި މި އުފެއްދުން ދަނީ ވިއްކަމުންނެވެ. އޭގެ ތެރޭގައި ރާއްޖެ ވެ ހިމެނެއެވެ.