ލައިފްސްޓައިލް

އަހަރެން އެންމެ ބޭނުންވި ދުވަހު އެކުވެރިޔާ ކޮބާ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮންމެ މީހެއްގެ ވެސް އެންމެ ގާތް އެކުވެރިއެއް ހުންނާނެކަން އަހަރެންނަށް އެނގެއެވެ. އަދި "ބެސްޓުފްރެންޑް' އޭ ކިޔާ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ޕޯސްޓު ނުކުރި ކަމުގައި ވީނަމަވެސް ގާތް ގުޅުމެއް އޮންނަ ޚާއްސަ އެކުވެރިއެއް ހުންނާނެއެވެ. އަހަރެންގެ ވެސް ހަމަ އެފަދަ އެކުވެރިއެއް އެއް އިރެއްގައި ހުއްޓެވެ. މިއަދު އެއީ ބީރައްޓެއްސެކެވެ.

Ads by STELCO

އެކުގައި އުޅެމުން އެތަކެއް ސަކަރާތްތަކެއް ޖަހައި. އެތައް ވާހަކަތަކެއް ހިއްސާކޮށް އެތައް ހުވަފެންތަކެއް ދެކި، އެންމެ ގާތުގައި އުޅުނު އެ އެކުވެރިޔާ މިއަދު މަގެއްގެ މަތިން ފެނުނަސް މޫނު އަނބުރާލަނީ އެހެން ދިމާއަކަށެވެ. އަހަރެން އިސްވެ ވާހަކަ ދައްކަން މަސައްކަތް ކުރި ކަމުގައި ވީނަމަވެސް ދަންނަ ކަމަކަށް ނުހަދައެވެ. ފަހެ އަހަރެންދެކެ އެހާ ރުޅި އަންނަންވީ ސަބަބެއް ބުނެދީބަލާށެވެ.

ކޮންމެ ދުވަހެއްގެ ވެސް އަރާ އިރާއެކު އަހަރެން އެންމެ ފުރަތަމަ ގުޅާނީ އޭނާއަށެވެ. މުޅި ދުވަސް ހޭދަކުރާނީ އޭނާއާ އެކީގައެވެ. ދާ ކޮންމެ ތަނަކަށް އޭނާ ދާނީ އަހަރެން ގޮވައިގެންނެވެ. އަދި އަހަރެން ދާ ތަނަކަށް ނަމަ އޭނާ ނުލައި ދިއުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން އަހަރެން އޭނާއަށް ޚަބަރު ނުވަނީއޭ ބުނެވޭކަށް ވެސް ނޯންނާނެއެވެ.

އަހަރެންނަށް ލިބޭ ކޮންމެ އުފަލަކާއި ހިތާމައެއްގައި ވެސް އަހަރެންނާ އެކުގައި ބައިވެރިވާން ހުރި ހަމަ އެކަނި މީހަކީ އެއީއެވެ، އެހެނަސް މިއަދު އަހަރެން އެކަނިވެރިވީއެވެ. އަހަރެންނަށް މީހަކާ ދޭތެރޭ މާ ގާތްކޮށް ކަންތައް ކުރެވުމުން ލިބުނު ދެރައިން އަރައިގަންނަން އުނދަގޫ ވެއްޖެއެވެ. އަހަރެންނަށް އުނދަގޫ ކުރަން ވެސް މުޅި ދުވަހު އަހަރެންނާއެކު އުޅޭ އެ އެކުވެރިޔާ މިއަދު އަހަރެން ދުނިޔޭގައި ހުރިތޯ ވެސް ބަލާލަން ބޭނުން ނުވަނީއެވެ. ކުރެވުނީ ކޮންކަމެއް ކަން ވެސް ބުނެދެނީއެއް ނޫނެވެ.

އެހެން ނަމަވެސް، އެ އެކުވެރިޔާ އެދިޔައީ އަހަރެންނަށް ވަރަށް ބޮޑު ފިލާވަޅެއް ދަސްކޮށްދީފައެވެ. ދުވަހަކު ވެސް އެއްވެސް މީހަކާ އެހާ ގާތް ނުވާށެވެ. އެހާ ރަނގަޅު ނުވާށެވެ. އަދި އެހާ އިތުބާރު ނުކުރާށެވެ. އެހެނީ ފަހުން ލިބޭ ވޭނާއި ކެކުޅުމަކީ މާ ވޭން ހުރި ކަމެކެވެ. އެއްވެސް މީހަކީ ތާއަބަދަށް އެއްގޮތެއްގައި ހުންނާނެ މީހެއް ނޫނެވެ. ދުވަހުގެ އިރު އޮއްސި އަނެއް ދުވަހަށް އިރު އަރާއިރުގައި، އެ އެކުވެރިޔާ ގެއްލި ވެސް ދާނެއެވެ. ތިމާއަށް ވުރެ ރަނގަޅު މީހެއް ފެނުމުން އެދިމާލަކަށް މިސްރާބު އަނބުރާލާނެއެވެ. އެހިސާބުން އެކަނިވެރިވެ މާޔޫސީ ޙާލަތުގައި އުޅެން ޖެހޭނީ ވެސް ހަމަ ތިބާއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!