79 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ހަތް މީހުންނަށް ދައުވާކޮށްފި

އައްޑޫ ސިޓީއިން 79 ކިލޯގެ މަސްތުވާތަކެއްޗާއެކު މިދިޔަ އޮކްޓޯބަރު މަހު ހައްޔަރު ކުރި ހަތް މީހުންގެ މައްޗަށް 10 ދައުވާއެއް ޕްރޮސެކިއުޓަރ ޖެނެރަލް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދެކުނުގެ ބޮޑު ނެޓްވޯކެއް ކަމަށާއި އައްޑޫ ސިޓީން 79 ކިލޯ މަސްތުވާތަކެއްޗާއެކު، 3 އޮކްޓޯބަރުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 7 މީހުންގެ މައްޗަށް 10 ދަޢުވާ، ހިތަދޫ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން މައްސަލަ ތަހުގީގުކުރި ފުލުހުންގެ އިންވެސްޓިގޭޓަރުން ހިންގީ ރަނގަޅު ތަހުގީގެއް ކަމަށައި މި މައްސަލައިގައި ހެކިންގެ ގޮތުގައި ތިބީ ފުލުހުން ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ. އަދި ޑްރަގް ޔުނިޓުގެ ބޭފުޅުން، އެބޭފުޅުންގެ މަސައްކަތް ފުރިހަމަކޮށްފި ކަމަށް ވެސް ޝަމީމު ވިދާޅުވިއެވެ.
"ހެކިންނަށް ތިބީ ފުލުހުން. ކޯޓުން އަވަސް ޝަރީޢަތެއް ހިންގަވާނެ ކަމަށް އުއްމީދު ކުރަން." ޕްރޮސެކިއުޓަރ ޖެނެރަލް ޝަމީމް ވިދާޅުވެފައި ވެއެވެ.
އައްޑޫން އަތުލައިގަތް ޑްރަގްގެ ނެޓްވޯކްގެ މައުލޫމާތު ހާމަ ކުރެއްވި މި ޓްވީޓްގައި ޝަމީމް ވަނީ ކުރިޔަށް ދެން އޮތީ ރަނގަޅު ކޭހެއް ކޯޓުގައި ހުށަހެޅުން ކަމަށާއި އެކަމަށް ތައްޔާރަށް ތިބި ކަމަށް ވެސް ވިދާޅުވެފައެވެ.