އަތެއް އަދި އޮތަކަސް ބަތެއް ނުކެވޭނެއެވެ.
ކަމަކަށް އުންމީދު ކުރިޔަސް އެކަމެއް ހަޤީގަތަކަށް ވެގެންދާނީ އެކަމަކަށް އެދެވޭ މަސައްކަތްތަކެއް ވެސް ކޮށްގެންނެވެ. ގިނަ ފަހަރު ކަންކަން ނާކާމިޔާބު ވަނީ މަސައްކަތާ ނުލާ ކާމިޔާބަށް ކުރެވޭ އުންމީދެއްގެ ބޮޑު ކަމުންނެވެ.
ކަމެއް ކާމިޔާބު ކުރުމަށް ފުރަތަަމަ ކުރަންޖެހޭ ކަމަކީ އެކަމަށް އުންމީދު ކުރުމެވެ. ދެވަނަ ކަމަކީ އެކަމަށް ކުރެވޭ މަސައްކަތްތަކެވެ. ތިންވަނަ ކަމަކީ ކާމިޔާބު ދެއްވުން އެދި ދެންނެވުމެވެ. މި ތިން ޝަރުތާ އެކު ކާމިޔާބަށް ވާސިލުވުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް މި ތިން ޝަރުތާއެކު ވެސް މީހަކަށް ފަހަރުގައި ކަމެއްގައި ނާކާމިޔާބާއާ ވެސް ކުރިމަތިލާން ޖެހިދާނެއެވެ. އެއީ ﷲ ތަޢާލާ އެއަށް ވުރެން މޮޅު އެހެން ގޮތެއް އެމީހަކަށް އިރާދަ ކުރައްވާފައި ވާތީއެވެ.
އަހަރުމެންގެ ދިރިއުޅުމުގެ ޙަޔާތުގައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހޭ ފަހަރުތައް ވަރަށް ގިނައެވެ. ކުރިން ވެސް ބުނިހެން ކަންކަން ކާމިޔާބު ކުރުމުގައި އުންމީދާއެކު ކުރެވޭ ޔަޤީން ކަމަކީ އެކަމެއް ކުރުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ. އެއްވެސް ކަމެއް ނުވާނޭ ހިތަށް އަރުވައިގެން އެކަމެއް ކުރަން އުޅޭނަމަ ފެންނަމުން ދާނީ އެކަމެއްގެ ހުރި ދަތި އުނދަގޫ ކަމެވެ. އޭގެ ބަދަލުގައި ކުރިޔަށް އޮތް "ނު" ކަނޑާލީމައި ދެން ބަދަލުވެގެން ދާނީ "ވާނެ" މިހެންނެވެ. ކޮންމެ ކަމެއް ވެސް ފަށަން ވަނީ އެކަމެއް ވާނެކަމަށް ޤަބޫލު ކޮށްގެންނެވެ.
ކާމިޔާބަށް ވާސިލުވުމުގައި އެކި ހާލަތްތަކާ ގުޅޭ ގޮތުން އެކި މަގުތަކުން ދަތުރު ކުރަން ޖެހޭނެއެވެ. މީ ވެސް ވަރަށް މުހިންމު އެއްކަމެވެ. ބައެއް ފަހަރު ކާމިޔާބުގެ މަންޒިލު އޮންނަނީ ވަރަށް ގާތުގައެވެ. ދަތުރު ދިގުވެ ގެންދަނީ ނުބައި މިސްރާބަށް ދަތުރު ކުރެވެމުން ދާތީއެވެ. މަގު ބަދަލު ކޮށްލީމާ މަންޒިލަށް ފޯރައެވެ.
ކާމިޔާބަށް ހަމަޔަށް ދާން ބޭނުންވާ ނަމަ މި ގޮތަށް ، ވިސްނުމާއި ފިކުރު ވެސް ބަދަލު ކުރަންޖެހެއެވެ. އަތް އޮތީމައި ބަތް ކެވޭނެ ކަމުގެ އުންމީދުގައި އިނުމުގެ ބަދަލުގައި އަމިއްލައަށް ބަތް ކައްކަން މަސައްކަތް ކުރާށެވެ. ނޫންނަމަ ކޮންމެ ފަހަރަކު ކިތަންމެ ހާންތި ވިޔަސް ޖެހޭނީ މީހަކު ކައްކައިދޭނެ އިރެއްގެ އިންތިޒާރުގައި އިންނާށެވެ. ބައެއް އިންތިޒާރު ތަކަށް ނިމުމެއް ނުވެސް އާދެއެވެ.