ނިހާންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތުގައި، ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ޙުސެއިން މަނިކުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
އޮންލައިން ނޫސް "ސަން" އަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ޙުސެއިން ޝަމީމް ވިދާޅުވީ ނިހާން ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވިތާ ދެ ދުވަހެއް ވެއްޖެ ކަމަށެވެ.
ޕީޖީ ޝަމީމް ވިދާޅުވީ މިމައްސަލައިގެ މިހާރު ކުރިއަށް ދަނީ އެ މައްސަލައިގައި އިތުރަށް ސާފުކުރަންޖެހޭ ކުދިކުދި ކަންތައްތައް ފުލުހުންގެ ފަރާތުން ސާފުކުރުމުގެ މަސައްކަތް ކަމަށެވެ.
"ނިހާންގެ މައްސަލައިގައި ހަފްތާއެއްގެ ތެރޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމޭނެ" ޝަމީމް ވިދާޅުވެފައިވެއެވެ.
އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި ނިހާނު ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރު ކޮށްފައެވެ. އެކަން އެކޮމިޝަނުން ކަށަވަރު ކޮށްދީފައިވީ ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.