ޚަބަރު

17 ގްރާމް ކެނަބިހާ ހަވާލުވި މީހަކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް އުމުރު ދުވަހަށް ޖަލަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސަތާރަ ގްރާމުގެ ކެނަބިހާ ހަވާލުވި މީހަކު އުމުރު ދުވަހަށް ޖަލަށްލާން ހުކުމްކޮށް، 100،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

މިއީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ދަށުން އަތުލައިގަތް މަސްތުވާތަކެއްޗާއި އެތުހުމަތުގެ ދަށުން ހައްޔަރު ކުރި ހއ. ބާރަށު، ލައިކްސްހައުސް، މުހައްމަދު އިސްތަފާގެ މައްސަލައެކެވެ.

ހުޅުމާލޭ ގެއެއްގައި ބަޔަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ މައުލޫމާތު ލިބިގެން އެދުވަހު ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި އެ ގޭގެ ކޮޓަރީގެ ފާޚާނާތަށީގައި ހުރި ގުޅީ ތެރެއިން ވަނީ ކެނަބިސް ފެނިފައެވެ. އެދުވަހު އެތަނުން ފިލްމު ހުސްކުރި ދަޅެއްގެ ތެރެއިން ވަނީ 5.2426 ގްރާމުގެ ކެނަބިސް ފެނިފައިވާ ކަމަށާއި އެތަނުން ނެގި ރަބަރު ކޮތަޅެއްގެ ތެރެއިން ފެނުނު 49 ސެލޯފިން ކޮޅުގައި 11.5712 ގްރާމުގެ ކެނަބިސް ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އޭގެ އިތުރުން، ފުޅިއަކުން 0.2972 ގްރާމް ކެނަބިސް ފެނިފައިވާއިރު އެ ފާހާނާގެ ފެންލައިޓާ ދިމާލުން ވައިގޮޅިން ފެނުނު ތަޅުދަނޑިއަކުންނާއި، ނިޔަފަތި ކަނޑާ ދައްޗަކުންނާއި ވަޅިއަކުންވެސް ކެނަބިސްގެ އަސަރު ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް، އެއީ ކިރޭ މިންވަރަށް ވުރެ ކުޑަ އެއްޗެކެވެ. އެތަނުން ފެނުނީ ޖުމްލަ 17.111 ގްރާމު ކެނަބިސް އެވެ.

މިމައްސަލައިގައި ހައްޔަރު ކުރި އިސްތަފާގެ މައްޗަށް ދައުލަތުން އުފުލީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އެވެ. މިހިނގާ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު އިއްވެވި ހުކުމުގައި ބުނެފައި ވަނީ، އެ ގެއިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެހި ކަމަށް އެ މައްސަލައިގައި ފުލުހުންގެ ތަހުގީގަށާއި، ކޯޓުގައި ބޭއްވި މުއްދަތު މަޖިލީހުގައި ބުނެ، އިސްތަފާ އިއުތިރާފުވެފައިވާ ކަމަށެވެ.

ނަމަވެސް ފަހުން އިސްތަފާ ވަނީ އެދައުވާއަށް އިންކާރު ކޮށްފައެވެ. އޭނާ ބުނީ އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ، އެކަމަށް ފަރުވާ ބޭނުންވާ މީހެއް ކަމަށެވެ. އަދި އެގެއިން ފެނުނު 49 ޕެކެޓަކީ ފަހުން ބޭނުން ކުރަން ބެހެއްޓި ތަކެތި ކަމަށް ވެސް ބުނެފައިވެއެވެ. އެހުރިހާ އެއްޗެއްސަކީ އޭނާގެ އެއްޗެހި ކަމަށް ނުބުނާ ކަމަށް ވެސް އިސްތަފާ ބުންޏެވެ.

މިމައްސަލައިގައި ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ އެ ސީނަށް ހާޒިރުވި ފުލުހުންނެވެ. ހުކުމުގައި ބުނެފައި ވަނީ، އިސްތަފާ ހުރި ކޮޓަރިން ފެނުނު ތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް ފުލުހުން ގާތުގައި ބުނި ކަމަށް އެ ހެކިވެރިންގެ ހެކިބަހުން އެނގެން އޮތް އިރު، ފެނުނީ ކެނަބިސްކަން ދައުލަތުން ހުށަހެޅި އެނަލިސިސް ރިޕޯޓުން ވެސް އެނގޭ ކަމަށެވެ.

އިސްތަފާ ގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ މަސްތުވާތަކެތި ފެނިފައި ވަނީ އިސްތަފާގެ ބެލުމުގެ ދަށުގައިވާ ތަނަކުންކަން ސާބިތުވާ ކަމަށާއި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށެވެ.

ދައުވާ ސާބިތުވުމުން އިސްތަފާގެ މައްޗަށް އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އޭނާ 100،000 ރުފިޔާއިން ޖޫރިމާނާ ކުރި އެވެ.

Ads by Ooredoo
  1. ޑެޑީ

    ތީމާބޮޑުކަމެއްނޫން ވަރައް އަވަހައް އޭނަ މިނިވަން ކޮއްފާނެ ވަކީލަކައް ލާރިގަޑައް ދިނީމަ ގާޒީޔާއި ގުޅާއިގެން އެކަން ނިމްމާލާފަ މިނިވަންކޮއްދީފާނެ ބަލަންތިބޭތި މިހެންވާނީ

  2. ކަނބުލޮ

    ކެނަބިސް ގެންގުޅުނު މީހާ އުމުރަށް ޖަލަށް… މީހުން މަރާމީހުން ހެވިދިލިފަ މަގުމަތީގަ… މިއޮތީ ވާ ކަމެއް..