ރައުހަތު ސްޕޯޓްސް ކްލަބާއި ، ކާއްޑޭ ސްޕޯޓްސް ކްލަބާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
ގދ.ތިނަދޫ ރައުހަތު ސްޕޯޓްސް އާއި ގދ.ހޯނޑެއްދޫ ކާއްޑޭ ސްޕޯޓްސް ކްލަބްއާ ދެމެދު އެތުލީޓުން ތަމްރީން ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ރައުހަތު ސްޕޯޓްސް ކްލަބް ގެ ފަރާތުން ގދ.ހޯނޑެއްދޫގައި އެތްލެޓިކްސް ދާއިރާއިން ދަރިވަރުން ތަމްރީންކޮށްދީ ކުޅިވަރުތަކަށް ރިވެތި އަޙްލާގެއްގެ މަތިން ކުދިން ބިނާކޮށް އެތްލެޓިކްސްގެ ދާއިރާއިން ކޯޗުންނާއި އެތްލީޓުން ތަމްރީން ކުރުމަށް ދެފަރާތުން ވެވުނު އެއްބަސްވުމެކެވެ.
ރައުހަތު ސްފޯޓްގެ ފަރާތުން އެއްބަސްވުމުމުގައި ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ގދ.ރީޖަނަލް ހެޑް ކޯޗް، ރައުހަތު ގުދްރަތުﷲ އެވެ. ކާއްޑޭ ސްޕޯޓްސް ކްލަބްގެ ފަރާތުން އެގްރީމެންޓްގައި ސޮއި ކުރެއްވީ ކާއްޑޭ ސްޕޯޓްސް ކްލަބްގެ ރައީސް ހާތިމް އަހުމަދެވެ.
ރައުހަތު ސްޕޯޓްސް ކްލަބްގެ ރައީސް، ރައުހަތު ގުދްރަތުﷲ "ދެން" އަށް މައުލޫމާތު ދެމުން ބުނީ މި އެއްބަސްވުމުގެ ދަށުން ހޯނޑެއްދޫގައި ކުޅިވަރުގެ ދާއިރާއިން ކުދިން ތަމްރީން ކުރުމަށް ޕްރޮގްރާމްތަކެއް ރޭވިގެން ދާނެކަމަށެވެ.
"އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެންގެ މި ޕްރޮގްރާމްގެ ތެރެއިން ހޯނޑެއްދޫގައި ތަމްރީން ހަދައިގެން ގައުމީ ސްކުއަޑްގައި ހިމެނޭ ގިނަ އެތްލީޓުންތަކެއް ހޯނޑެއްދޫން އުފެދިގެން ދިޔުން" ރައުހަތު ވިދާޅުވިއެވެ.
މި އެގްރީމެންޓްގެ ދަށުން މުބާރާތްތަކުގައި ވާދަކުރުމަށް ހޯނޑެއްދޫއިން އެތްލެޓިކްސް ޓީމްތައް ބިނާކުރުމަށް ރައުހަތު ސްޕޯޓްސް އެކެޑެމީގެ ފަރާތުން އެހީތެރިކަން ފޯރު ކޮށްދިނުމަށް ވަނީ ނިންމާފައެވެ.
ރައުހަތު ސްޕޯޓްސް އަކީ އެއްވެސް އަގަކާ ނުލައި އެތްލެޓިކްސް ދާއިރާއިން ދަރިވަރުން ތަމްރީންކޮށް ކުޅިވަރު ކުރިއަރުވަން މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އެތްލެޓިކްސްގެ އިތުރުން އެހެނިހެން ކުޅިވަރުތަކަށް ފިޒިކަލް ފިޓްނެސް ޕްރޮގްރާމްތައް ވެސް އެ ޖަމްއިއްޔާއިން ކުރިޔަށް ގެންދެއެވެ. މި ޖަމިއްޔާއިން ތަމްރީން ހާސިލްކޮށްފައިވާ ގިނަ އެތުލީޓުން ގައުމީ އެތްލެޓިކްސް ޓީމްގައި ހިމެނެއެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްތަކުގައި މި ޖަމިއްޔާއިން ވަނީ ޓްރެއިނިންގް ޕްރޮގްރާމްތައް ކުރިޔަށް ގެންގޮސްފައެވެ. އެތްލެޓިކްސްގެ އިތުރުން،އެހެން ދާއިރާތަކުގެ ކުޅިވަރުތަކަށް ވެސް އެ ޖަމްއިއްޔާއިން އެހީތެރިކަން ފޯރުކޮށްދެއެވެ.