Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވެރިކަމަށް ކުރިމަތިލުމުގެ ޝައުގެއް ނެތް: އަބްދުއްރަހީމް

ވެރިކަމަށް ކުރިމަތިލުމުގެ ޝައުގެއް ނެތް: އަބްދުއްރަހީމް
ރައީސް ކަމަށް ވާދަކުރެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި، ރައީސް ޑރ މުހައްމަދު މުއިިއްޒުއާ އޮންނަ ގުޅުން އިހުނަށްވުރެ ބޮޑަށް ބަދަހިވަމުންދާ ކަމަށް ވެރިކަންކުރާ ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ. އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ފަހު އެ ޕާޓީގެ އޮފީހުގައި ބޭއްވި ޕްރެސްބްރީފިންއެއްގަ އެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެ ބޭފުޅުންގެ ދެމެދު އޮންނަ ގުޅުން މާ ބޮޑަށް ބަދަހިވާން ފެށި ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެންނެވި އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ހައުސިން މިނިސްޓަރުކަންވެސް ކުރެއްވި މުއިއްޒު, 2012 ވަނަ އަހަރުން ފެށިގެން ދެނެވަޑައިގަންނަވާ ކަމަށެވެ. އަދި ޕީއެންސީ ތެރޭގައި އެކުގައި މަސައްކަތްޕުޅު ކުރައްވަން ފެއްޓުމުން އެ ގުޅުން މާ ބޮޑަށް ބަދަހިވާން ފެށިކަމަށެވެ. އޭގެ ހެއްކަކީ މަޖިލީހުގެ ރައީސްގެ މަގާމަށް ޕާލަމެންޓަރީ ގްރޫޕަށް އޭނާގެ ނަން ހުށަހެޅުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
" ...އެހެންވީމާ ރާއްޖޭގައި ސިޔާސީ ކަންކަމުގައި ރައީސް މުއިއްޒު އެންމެ ގުޅުން ރަނގަޅީ އަޅުގަނޑޭ. މިހާރު އަދި މާ ރަނގަޅޭ، އެއް ދުވަހުން އަނެއް ދުވަހަށް ގުޅުން ދަނީ އިތުރަށް ބަދަހިވަމުން"
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ އެފަދަ ވިސްނުމެއް ދުވަހަކުވެސް ނުގެންގުޅުއްވާ ކަމަށެވެ. "އަޅުގަނޑު ސިޔާސީ ޕޯޑިއަމެއްގައި ތި ސުވާލު އަންނަ ކޮންމެ ފަހަރަކު ދޭ ޖަވާބެއް އޮންނާނެ އެއީ ދިވެހިރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ދުވަހަކު ވެސް ނުގެންގުޅެމޭ" އޭނާ ވިދާޅުވި އެވެ. ވެރިކަމަށް ކުރިމަތިލައްވާނެކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދާދީ ފަހުން އިއުލާން ކުރައްވާފައިވާއިރު، ޔާމީން ވާދަކުރެއްވުމަކީ ޕީއެންސީއަށް ކިހާ ބޮޑު ޗެލެންޖަކަށްވެދާނެތޯ ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ އެއީ ޕީއެންސީން ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ. އެކަމަކު އެއީ ގޮންޖެހުމަކަށްވެދާނެތޯ ކުރި ސުވާލަށް އަބްދުއްރަހީމް ވިދާޅުވީ އެކަމަށް އެއްޗެއް ވިދާޅުވާން އަދި މާ އަވަސް ކަމަށެވެ. އެހެން ނަމަވެސް ދެވަނަ ދައުރެއް ރައީސް މުއިއްޒަށް ހޯއްދަވައި ދެއްވުމުގެ މަސައްކަތްޕުޅު ޕީއެންސީން ކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ. ރައީސަށް އޮންނަ ގުޅުން ބަދަހިވަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވާއިރު އެންމެ ބޮޑަށް ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް އަބްދުﷲ ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތުގައި ކުރިމަތިވެވަޑައިގެންނެވި ހުރިހާ ކަމެއްގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވީ އަބްދުއްރަހީމް ކަމަށެވެ. އަދި އެންމެ ގާތުގައިވެސް ހުންނެވީ އަބްދުއްރަހީމް ކަމަށް ވިދާޅުވި އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވިޔަސް އަދި އޭގެ ފަހުންވެސް ކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް