ޚަބަރު

އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 182 މިލިއަން ރުފިޔާ ދޫކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް 19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުންނަށް އެލަވެންސްގެ ގޮތުގައި 182 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

Ads by Sosun Fihaara

ކޮވިޑް-19ގެ ގެއްލުމުގެ ސަބަބުން ވަޒީފާ ގެއްލި، ވަޒީފާގެ ހާލަތަށް އަސަރުކޮށްފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ދޭ "އިންކަމް ސަޕޯޓް"، އާމްދަނީއާ ގުޅޭ އެހީތެރިކަމުގެ އެލަވަންސް ތައާރަފު ކުރެވިފައި ވަނީ މިގޮތުން އާމްދަނީއަށް ނޭދެވޭ އަސަރުކޮށްފައިވާ މުވައްޒަފުންނަށް ރައްކާތެރިކަން ފޯރު ކޮށްދިނުމަށެވެ.

މި އެލަވަންސް ފޯރު ކޮށްދެނީ ދިހަ މަހުގެ މުއްދަތަކަށް (އެޕްރީލް 2020 އިން ޑިސެންބަރު 2020 އަށް) ޝަރުތު ހަމަވާ ވަކިވަކި ފަރުދުންނަށެވެ. އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 1.38 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް 14501 މީހަކަށް 182 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިމަސް ނިމުމުގެ ކުރިން އޮކްޓޯބަރާއި ނޮވެމްބަރު މަހުގެ އެލަވަންސަށް އެދި ފޯމް ހުށަހަޅަންޖެހޭއިރު ޑިސެމްބަރު މަހުގެ އެލަވެންސަށް ފޯމް ހުށަހަޅަން ޖެހެނީ 10 ޖަނަވަރީން ފެށިގެން އެ މަހުގެ ނިޔަލަށެވެ.

މި އެލަވަންސް އަށް ކުރިމަތިލައްވާ ފަރާތްތަކުން، ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް ކުރި އަސަރު، ޖޮބް ސެންޓަރުގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރިޕޯޓު ކުރެއްވޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!