Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

އަމާންކަމާ އެކު ރާއްޖޭގެ ރީތީ ނަން ދެމެހެއްޓޭނީ ޑްރަގުން ސަލާމަތްވެގެން: ރައީސް

އަމާންކަމާ އެކު ރާއްޖޭގެ ރީތީ ނަން ދެމެހެއްޓޭނީ ޑްރަގުން ސަލާމަތްވެގެން: ރައީސް
އަމާންކަމާ އެކު ރާއްޖޭގެ ނަން ބޭރު ދުނިޔެއަށް ވިއްކޭނީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް އެގޮތަށް ވިދާޅުވީ އަރިއަތޮޅު އުތުރުބުރި އާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އއ. ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ޒަމާންތަކެއް ވަންދެން ދިގުލައިގެން ގޮސްފައިވާ އެންމެ ބޮޑު މައްސަލަ ކަމަށާއި އެކަމަށް ހައްލެއް ހޯދިފައިނުވާ ކަމަށެވެ. އޭގެ ނޭދެވޭ އަސަރު ހުރިހާ އާއިލާތަކަށް ވެސް ކުރާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން އާންމުން ބޭނުންވާ ކަމަށެވެ. މަސްތުގެ ވަބާގައި ޖެހިފައިވާ ޒުވާނުން އެކަމުން ދުރުކޮށް މުޖުތަމައަށް ބޭނުންތެރި ބަޔަކަށްވުމަކީ އާއިލާތަކުގެ އުންމީދު ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކިގެން މި ސަރުކާރަށް މިވީ އަހަރެއް ތެރޭގައި މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގަ އެވެ. މުޖުތަމައުގައި ހުންނަ އެފަދަ ކަންކަން ހައްލުކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި އެހެން ގައުމުތަކުން ރާއްޖެ ބަލައިގަންނަ މިންވަރު އިތުރުވާނީ ވެސް އެފަދަ ކަންކަން ހައްލުވެގެން ކަމުގަ އެވެ.
"އަޅުގަނޑުމެންގެ ނަން ރީތި ނަމެއްގެ ގޮތުގައި ބޭރަށް ވިއްކެން ވެސް އޮތީ އަޅުގަނޑުމެންގެ ގައުމަކީ ހަމަޖެހުން އޮތް، ސްޓެބިލިޓީ އޮތް، ރައްކާތެރި ގައުމަކަށް ހެދިގެން، އެކަން ކުރެވޭނީ އަޅުގަނޑުމެންނަކީ ޑްރަގުގެ ވަބާއިން ވެސް ދުރަށް ގޮސްފައިވާ ބިނާކުރަނިވި މުޖުތަމައެއް ގާއިމުކުރެވިފައި އޮތް ގައުމަކަށް ހެދިގެން،"
އެއަށް ފަހު ރައީސް ހިއްސާކުރެއްވީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ޓަކައި މި ސަރުކާރަށް އަހަރެއްގެ ތެރޭގައި ހޯދިފައިވާ ކާމިޔާބީ އެވެ. ވަކިން ހާއްސަ ގޮތެއްގައި މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ބޭރު މީހުންގެ ތެރެއިން މިދިޔަ އަހަރު ތެރޭގައި 153 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށެވެ. އެ އަދަދަކީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމާ ހަމަޔަށް 2023 ވަނަ އަހަރު މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވުނު މަސައްކަތުގެ ދެ ގުނަކަން ރައީސް ފާހަގަކުރެއްވި އެވެ. އެ އަހަރު މަސްތުވާތަކެތީގެ މައްސަލައިގައި ޑިޕޯޓްކުރީ 74 މީހުން ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެ އަދަދުތަކުން ވެސް ދައްކުވައިދެނީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ދެމުންދާ އަހައްމިއްޔަތު ކަމެވެ. މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކުރާ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް މިދިޔަ ހަފުތާގައި ވަނީ ހުށަހަޅާފަ އެވެ. ބިލުގައި ގާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާއެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަން ޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފު ކުރުމާއި މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައަޅަން ހިމަނާފައިވެ އެވެ. އަދި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރަދަނާ ކުރުމާއި ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގު ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖާކުރުމަށް ވަނީ ހިމަނާފަ އެވެ. އޭގެ އިތުރުން މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުމާއި ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖާކުރަން ވެސް ބިލުގައި ވަނީ ހިމަނާފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް