ދުނިޔެ

ޕާކިސްތާނު ކުޑަކުއްޖެއްގެ މެސެޖެއް މޯދީއަށް: "އަހަރެމެން ބަލި ކުރެވޭނެ ކަމަށް ހީނުކުރާތި!ﷲ އަހަރެމެންނަށް އެހީތެރިވެދޭނެ"

ދެން އެމްވީ ، ދެން އޮންލައިން

ޕާކިސްތާނުގެ މަޝްހޫރު "ހަމް ނިއުސް" ޗެނަލުން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވި ޕާކިސްތާނުގެ ކުޑަކުއްޖަކު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް ވަރުގަދަ މެސެޖެއް ދީފިއެވެ.

Ads by WAMCO

އުރުދޫ ބަހުން 24 ގަޑިއިރު ޚަބަރާއި މަޢުލޫމާތު ގެނެސްދޭ މި ޗެނަލްގެ ޕްރޮގްރާމެއްގައި، ބޮޑުވަޒީރު މޯދީއަށް ދޭން މެސެޖެއް އޮތްތޯ ސުވާލުކުރުމުން، އިނގިރޭސިބަހުން ވާހަކަދެއްކި މި ކުއްޖާ ފަށަމުން ވެސް ބުނީ، "އަހަރެން މޯދީއަށް ރުޅިއައިސްގެން އެއްޗެއް ނުބުނާނަން. އަހަރެން މޯދީއަށް މުޚާތަބު ކުރާނީ އަދަބުވެރިކަމާއެކު" ކަމަށެވެ.

ލައިބާ ޚާން ނަމަކަށް ކިޔާ މިކުއްޖާ މޯދީއަށް ދޭން ބޭނުންވާ މެސެޖެއްކަމަށް ،މަޑުމައިތިރިކަމާއެކު ބުނީ، "ތިޔައީ އިންޑިޔާ މީހުންގެ ބޮޑުވަޒީރު، އަހަރެމެން އަމާންކަމާއެކު އުޅުމުގެ ފުރުސަތުދީ. ސުލްޙަ މަސަލަސް ކަމާއެކު އަނިޔާވެރިކަމެއް ނެތި އަހަރެމެން އުޅެނިކޮށް އަހަރެމެންގެ ލީޑަރުންނާއި ހަނގުރާމަ ކުރަނީ ކީއްކުރަން؟ އަހަރެމެންގެ ލީޑަރުންނަކީ މީހުނަށް ގެއްލުންދީ، މީހުނަށް އަނިޔާކޮށް، މީހުން މަރާ މީހުނެއް ނޫން. އަހަރެމެންގެ ލީޑަރުންނަކީ އެންމެނަށް ވެސް އުފާވެރިކަން ގެނެސްދީ، ހަދިޔާދީ ލޯބިން އުޅޭ ލީޑަރުން. އެއީ އަހަރެމެން މުސްލިމުން އުޅޭ ގޮތަކީ،އަހަރެންމެންގެ ގައުމުގައި ކޮންމެ ކަމެއް ފެށެނީ "ބިސްމިﷲ" އިން އަދި ނިމެނީ "އަލްޙަމްދު ލިﷲ" އިން. ދެން "ﷲ އަކްބަރު"ގެ އަޑުއިވުމުން އަހަރެމެން އެންމެން އެކުގައި ކޮޅަށް ތެދުވާނެ، އެއީ އަހަރެމެންގެ އީމާންތެރިކަން ، އަހަރެމެން ބަލި ކުރެވޭނެ ކަމަށް ހީނުކުރާތި، ﷲގެ ވާގިފުޅާއި އަހަރެމެންގެ އީމާނުގެ ވަރުގަދަ ކަމާއެކު އަހަރެމެންނަށް ކޮންމެ ކަމެއްވެސް ކުރެވޭނެ." މިއެވެ.

ވާހަކަ ނިންމާލަމުންވެސް ތަކުރާރުކޮށް އެކުއްޖާ ބުނީ "ﷲ އަހަރެމެނަށް އެހީތެރިވެދޭނެ" ކަމަށެވެ. އަދި އެހެން ގައުމުތަކުގެ މުސްލިމް ލީޑަރުންނަށް ދޭނެ މެސެޖެއް އޮތްތޯ އެހުމުން، ކަޝްމީރުގައި މުސްލިމުން މަރަމުންދާއިރު މުސްލިމް ލީޑަރުން ހަނުހިމޭނުން ތިބީ ކީއްވެތޯ އެކުއްޖާ ވަނީ ސުވާލުކޮށްފައެވެ. އަދި ކަޝްމީރުގައި ހިނގަމުންދާ ހަނގުރާމަ ބަލަންތިބޭއިރު އެމީހުންގެ އިންސާނިއްޔަތުކަމާއި އީމާންތެރިކަން ކޮބައިތޯ ސުވާލުކުރިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!